ވައްޑެ ނޭވާލާނީ ނަޝީދު މަގުމަތިކޮށްފަ!

ކުރަން އުޅުނުހާ ކަމެއް ދިޔައީ ފަނުފުލުން

ވައްޑެ ނޭވާލާނީ ނަޝީދު މަގުމަތިކޮށްފަ!

ވައްޑެއެއް ކަމަކު މާބޮޑަށް ފޮނު ނާރުވާށެވެ. އަނދިރި ޔަހުޔާއަކީ ކާކުކަން ދާދި އަވަހަށް ވައްޑެމެނަށް ފެންނާނެއެވެ. ވައްޑަމެން ނިކުމެ ކުރަން އުޅޭ ކަމެއް އެބަ ކާމިޔާބު ވޭހެއްޔެވެ. އެހެން މީހުންގެ ވިސްނުމަށް އިހުތިރާމް ނުކޮށް ތިޔަހެން ތެޅުނު ވަރަކަށް ކެނޑޭނީ ހަމެވެ.

ދުވާލު ދެދަޅައަށް ކެނެރީގޭ ގޯޅިތެރޭ ކުރުކާލި ކެނޑުން ނޫން އެހެން ކަމެއް މިހާރަކު ނުވޭ ނޫން ހެއްޔެވެ. ޓެކްސް ބޮޑުކުރަން މަޖިލީހަށް ހުށަހެޅި ހުށަހެޅުން ފާސް ވިޔަނުދޭން ވައްޑެމެން ގަދަފައި ވިއްދީމު ނޫން ހެއްޔެވެ. ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ތާއީދު ސަރުކާރަށް އޮތަ ނުދޭން މަރުފަލި ޖެހީމު ނޫން ހެއްޔެވެ.  އެމްޑީޕީ ގައުމީ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ލިބުނަ ނުދޭން ތެޅެބޭލީމު ނޫން ހެއްޔެވެ. އެމްޑީޕީގެ ޗެއަރޕަރސަނަކަށް އިންތި ހޮވަން ވައްވައް ޖެހީމު ނޫން ހެއްޔެވެ. އެމްޑީޕީގެ ކޮންގްރެސްއިން ބަރުލަމާނީ ފާސްކުރަން ހަން ކެނޑުނީމު ނޫން ހެއްޔެވެ. ވައްޑެމެން ކުރަން އުޅުނުހާ ކަމެއް ދިޔައީ ފަނުފުލުންނެވެ. ވީކަމެއް ހަރާމެވެ.

ތެދެއް ބުނަން ހެއްޔެވެ. އެމްޑީޕީގެ މެޖޯރިޓީ ވިސްނުން ހުރީ ވައްޑެމެނާ ބޮޑުތަނުން ދެކޮޅަށެވެ. ކަލްޓް މަވެތި ފިކުރެއް ދެނެއް އެމްޑީޕީއަކު ނުހިންގޭނެއެވެ. އާއްމު މެންބަރުންގެ ގިނަ މީހުން ތިބީ އެގޮތަކަށް ނޫނެވެ.

ވައްޑެމެން ތިޔަ އުޅެނީ ރައީސް ނަޝީދު މަގުމަތިކޮށް ބަކީ ކޮށްލާށެވެ. ވައްޑެމެންގެ އަމިއްލަ އެދުމާ ހަނި ވިސްނުމުގެ ސަބަބުން ރައީސް ނަޝީދަށް މީހުންގެ ނަފްރަތު އިތުރު ކުރުވުންނޫން ކަމެއް އެބަ ކުރެވޭހެއްޔެވެ. އެމްޑީޕީގެ ރައީސްކަމާއި މަޖިލީހުގެ ރައީސް ކަމުގައި ރައީސް ނަޝީދު އިންނާތީ ވައްޑަމެނަށް ހަޖަމް ނުވެގެން ތިޔަ އުޅެނީ ހާދަ ގޮތެއް ނެތީމައެވެ. މަޖިލިސްގެ ރައީސް ކަމާއި ޕާޓީގެ ރައީސްކަން ރައީސް ނަޝީދަށް ގެއްލުވާލަން ތިޔަ ހުންނަނީ ހާދަ ފޯރިއެކެވެ. ވަގުހަން ގައިލައިގެން ރައީސް ނަޝީދުގެ އޮފުކަނޑުވާލަން ތިޔަ އުޅެނީ ވަރަށް ހުތުރު އުޅުމެކެވެ.

ފައިނު ވައްޑެމެނަށް ނޭވާލެވޭނީ މަޖިލިސްގެ ރައީސްކަމުން ރައީސް ނަޝީދު ވަކިކުރެވުނީމައެވެ. ޕާޓީގެ ރައީސްކަން ރައީސް ނަޝީދަށް ގެއްލުވާ ލެވުނީމައެވެ. ހުތުރު ބައްޔަކުން ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދު ބަލިކޮށް ލެވުނީމައެވެ.