ބަދަލުގެ ނަތީޖާ ކިހާވަރަކުން ދާނެބާ!

ބޮލަށްލައިގެން ހިނގި ނަފްރަތުގެ ދޮލަނގު ވިކިއްޖެ

ބަދަލުގެ ނަތީޖާ ކިހާވަރަކުން ދާނެބާ!

ރައްޔިތުންގެ ނިންމުން ސާފެވެ. ޑރ. މުއިއްޒު އިންތިހާބު ކާމިޔާބު ކޮށްފިއެވެ. ރައީސް ސޯލިހާ ދެކޮޅަށް ބޮލަށް ލައިގެން ހިނގި ނަފްރަތުގެ ދޮލަނގު ވިކިއްޖެއެވެ. ރައީސް ޔާމީނުގެ ހިޔަނީގައި ނިކުތް ޑރ. މުއިއްޒު ކުރިއަށް އޮތް ދައުރުގެ ރައީސް ކަމަށް އިންތިހާބު ކޮށްފިއެވެ. ދައްކަވަން ހުރި ތަނެއް ދައްކަވާނެއެވެ. 

އިންތިހާބީ ރައީސަށް މަރުހަބާއެވެ. ޑރ. މުއިއްޒުގެ ވެރިކަމުގައި އިންޑިއާ ސިފައިން ބޭރުކުރާ ތަން މިތިބީ ބަލާށެވެ. ޗާގޯސްއަކީ ރާއްޖޭގެ ބައެއްގެ ގޮތުގައި ހަމަޖެހިގެން ދާތަން މިތިބީ ދެކޭށެވެ. ވިއްކާލި ކަމަށް ބުނާ ކަނޑު ހޯދައިގެން ރާއްޖޭގެ މަސްވެރިންގެ ޖީބުތައް ފުރާލާތަން ދެކެން ތިބޭނަމެވެ. ވަޒީފާތަކުގައި ތިބި މީހުން ނުކަނޑާ ތަފާތުނުކޮށް ވެރިކަން ކުރާތަން މިތިބީ ދެކޭށެވެ. 

ޝަރީއަތަށް އަތް ނުބާނާ ރައީސް ޔާމީނު މިނިވަންކޮށް ދޫކޮށްލާތަން މިތިބީ ދެކޭށެވެ. މިނިވަން ނޫސްވެރިކަމާ ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ތައްމިނައް ދީގެން ޑިމޮކްރަޓިކް ޖަވާބުދާރީވާ ސަރުކާރެއް ހިންގާގޮތް ދެކޭނަމެވެ. ދައުލަތުގެ ސިއްރެއް ނެތި ފޮރުވާނެ އެއްޗެއްނެތި ދެފުށް ފެންނަ ސަރުކާރެއް ހިނގާތަން ދެކޭނަމެވެ. ގޭންގް މާރާމާރީއާއި ތަޅާފޮޅުމާ ދީނީ ހައްދުފަހަނަ އެޅުން ފުހެލާ ވައްކަމާ ހިޔާނާތުން ހުސްވެގެންވާ ގައުމަކަށް ރާއްޖެ ހަދާދޭތަން ދެކޭނަމެވެ. 

ބޯހިޔަވަހިކަން ކޮންމެ މީހަކަށް ކަށަވަރުވެ އާމްދަނީގެ ފައިދާ ރައްޔިތުންނަށް ތަފާތުނުކޮށް ބެހިގެން ދާތަން ދެކޭނަމެވެ. ރާއްޖޭގެ ކަންކޮޅުގައި ފެށިފައިވާ އަސާސީ ހިދުމަތްތައް ގާއިމުކުރުން ނުހުއްޓި ބާރު ސްޕީޑްގައި ގޮސް ނިންމާލާތަން ދެކޭނަމެވެ. 

ދިވެހިރާއްޖޭގައި އުޅޭ އިސްލާމްދީނަށް ފުރައްސާރަ ކުރާ މީހުންގެ ވަސްފުހެލާތަން ދެކޭނަމެވެ. އިސްލާމީ ޝަރީއަތާއި އެއްގޮތަށް ހުރިހާ ގާނޫނު ތަކެއް ބަދަލުވެ ދީނުގެ ހައްދު ގާއިމު ކުރާތަން ދެކޭނަމެވެ. ހައްދު ޖެހުމާ ރަޖަމް ކުރުމާ ގިސާސްހިފާ އިސްލާމީ ވެރިކަމެއް ހިންގާ މަންޒަރު ދެކޭނަމެވެ. ރިބާ ނައްތާލާ ކޮރަޕްޝަނާއި ރިޝްވަތުން މިންޖުވެފައިވާ ގައުމަކަށް ރާއްޖެ ހަދާތަން ދެކޭނަމެވެ. ހަށިވިއްކުމާއި ބަނގުރާ ވިއްކުން ހުއްޓުވާލާތަން ދެކޭނަމެވެ. ފަނޑިޔާރުންގެ ގޮތުގައި އަންހެނުން ތިބުން ނިމުމަކަށް ގެނެސް މަދަރުސާތަކާއި އޮފީސްތަކުގައި ބުރުގާ އަޅާ ރަނގަޅަށް ނިވާވެގެން ނޫން ގޮތަކަށް އަންހެނަކަށް ނޫޅެވޭ ގޮތަށް އުސޫލތައް ބަދަލުކޮށް ތަންފީޒު ކުރާތަން ދެކޭނަމެވެ. އިސްލާމީ ޝަރީއާގެ ހުރިހާ ކަމެއް ގުރުއާނާ ސުންނަތާ އެއްގޮތައް ގާއިމުކޮށް ތަންފީޒުކުރާ މަންޒަރު ދެކޭނަމެވެ. 

ރާއްޖޭގެ އިގްތިސާދު ދެގުނަކޮށް ތަކެތީގެ އަގު ބޮޑުތަނުން ތިރިކޮށް، ކުރާނެކަމެއް ނެތިފާ އެއްވެސް ރައްޔިތަކު ހުންނަން ނުޖެހޭ ވަރަށް ފުރުސަތުތައް އޮއްސާލާތަން ދެކޭނަމެވެ. ދަރަނިތައް ފިލުވާ ބަޖެޓް ޝަރޕްލަސް ކޮށްގެން ހިންގާ ވެރިކަމެއް ދެކޭނަމެވެ. ބޭސްފަރުވާގެ ފެންވަރު މަތިވެ ރާއްޖޭން ފަރުވާ ހޯދުމަށް ބޭރު ދުނިޔޭން މީހުން އަންނަތަން ދެކޭނަމެވެ. 

ހާސްކަމެއް ކަންބޮޑުވުމެއް ނެތް ދިވެހިންގެ ރާއްޖެ ދިވެހިން ހޯދައިގެން ދިވެހިން އުޅޭނެ ގޮތް ހިތައް ވަދެއެވެ. ދިވެހިންގެ ހުވަފެންތަކުގެ ކުޑަ މިންވަރެއް ވެސް ޑރ. މުއިއްޒަށް ހާސިލުކޮށް ދެވިއްޖެއްޔާ ކިތަންމެހާ ވެސް ރަނގަޅެވެ. ބަދަލުގެ ނަތީޖާ ކިހާވަރަކުން ދާނެބާވައެވެ.