ޕީޕީއެމް- ޕީއެންސީ ސެނެޓަކީ ދަތްނެތް ސިންގާއެއް!

އެކަކަށް އެއްކަމެއް ނުކުރެވޭ ވަރަށް ސެނެޓްގެ މެންބަރުން ތިބީފިތިފަ

ޕީޕީއެމް- ޕީއެންސީ ސެނެޓަކީ ދަތްނެތް ސިންގާއެއް!

ސިޔާސީ ޕާޓީއެއް ބިނާވެފައި އޮންނަނީ ސިޔާސަތު ތަކަކާއި އަސާސް ތަކެއްގެ މަތީގައެވެ. ވަރުވަރުން ކޮމެޓީތަކާއި މަޖިލިސްތަކާ ސެނެޓްތައް އޮންނަނީ ވަކި މީހެއްގެ އެކަނި އެއްޗަކަށް ޕާޓީ ނުވާތީއެވެ. އެހެން ނަމަވެސް ޕީޕީއެމް- ޕީއެންސީ ވަރަށް ތަފާތެވެ. އެ މީހުންގެ އަސާސީ ގަވައިދު ބުނާ ގޮތުން އެ މީހުންގެ އެންމެ ބާރުގަދަ ގުނަނަކީ ސެނެޓެވެ. ޕާޓީގެ ކަންކަމުގައި ގޮތް ނިންމާނީ ސެނެޓެވެ. އެހެނަސް ޕީޕީއެމް- ޕީއެންސީ ސެނެޓަކީ ދަތްނެއް ސިންގާއެކޭ ތަފާތެއް ނެތެވެ.

ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަށް ވާދަ ނުކުރެއްވޭ ހާލަތެއް އަތުވެއްޖެ ނަމަ އެ ދެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް ޔާމީނު ވިދާޅުވެފައިވަނީ ޕީއެމް/ޕީއެންސީން ބޭނުންވާ ކެންޑިޑޭޓާއި ރަނިންމޭޓްގެ ކަންތައް ދެ ޕާޓީގެ ލީޑަޝިޕުން އަމިއްލަ އަށް ކަނޑައެޅުމަށެވެ. އެކަމަކު ދެ ޕާޓީންވެސް ނިންމީ ކެންޑިޑޭޓާއި ރަނިންމޭޓް ކަނޑައެޅުން ޔާމީނަށް ދޫކޮށްލާށެވެ. ސެނެޓްގެ އެ ނިންމުން ރައީސް ޔާމީނު ކުރިން ގަބޫލުފުޅެއް ނުކުރެއްވިއެވެ.

ޕީޕީއެމް ކެންޑިޑޭޓަށް ވާދަ ނުކުރެއްވެންޏާ ރައީސް ޔާމީން ފަހުން އެދިވަޑައިގަތީ ޕީއެންސީގެ ސެނެޓުން އެ މީހުންގެ ރިޔާސީ ކެންޑިޑޭޓަކާއި މެދު ގޮތެއް ނިންމައިގެން ކުރިއަށް ދިޔުމަށެވެ. އެގޮތެއްވެސް އެ މީހުންނަކަށް ކަމަކު ނުދިޔައެވެ. އެއްގަލަކަށް ނޭރުނެވެ. ރިޔާސީ ޓިކެޓް ބޭނުންވާ މީހުން ގިނައީއެވެ. އެންމެ ފަހުން އެކަން ނިންމަންވެސް އެ ޖެއްސީ ޖަލުގައި އޮންނެވި ލީޑަރަށެވެ. 

ދެ ޕާޓީގެ ރައީސުންނާއި ނައިބު ރައީސުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ އެ ކޯލިޝަންގެ 8 މެމްބަރުން ހިމެނޭ ލީޑަޝިޕުގައި އަމިއްލަ ބާރެއް ނެތެވެ. ޕީޕީއެމް- ޕީއެންސީއިން ވާދަ ކުރާނެ ރިޔާސީ ކެންޑިޑޭޓަކާއި ރަނިންގ މޭޓަކު އައްޔަނު ކުރުމަކީ ރައީސް ޔާމީނުގެ ކަމަކަށް ހެދީއެވެ. ކެންޑިޑޭޓާއި ރަނިންމޭޓާ މެދު ޖޮއިންޓް ސެނެޓުން ގޮތެއް ނިންމަން ޔާމީނަށް ހުށަހަޅަން ލީޑަޝިޕުން ފާސްކުރިއިރު ޕީއެންސީން ބޭނުންވާ ގޮތެއް އެ ޕާޓީން އަމިއްލައަށް ނިންމަން ދެ ފަހަރަށް ޔާމީނު ފުރުސަތު ދެއްވިއެވެ. 

ރައީސް ޔާމީނު އެގޮތަށް ކަންތައް ކުރެއްވިޔަސް އެނޫން ގޮތެއް ނުވާނެކަން ޔާމީނަށް ރަނގަޅަށް އެނގިވަޑައިގަނެއެވެ. ޔާމީނަށް އެ ފުރުސަތު ދޫކޮށްލަން ސެނެޓުން ނިންމަނީ އެކަމަށް ބޭނުންވާ ބަޔަކު ނެތިގެނެއް ނޫނެވެ. އެނޫން ގޮތަކަށް އެކަން ހިނގައްޖެއްޔާ ވާނެ ވަރާ ކޮށްލާނެ ވަރު ހިތައް އަރާ އެހެން ގޮތެއް ހަދަން ނުކެރެނީއެވެ.

ޕީޕީއެމް-ޕީއެންސީގެ އުންމީދުވާރު ކަމާމެދު ގޮތެއް ނިންމުމުގެ ހައްސާސްކަން ބޮޑު މިދަނޑިވަޅުގައި ޕީޕީއެމްގެ ސެނެޓްގައި ކެންޑިޑެންސީ އާއމެދު މަޝްވަރާ ނުކުރާތީ ސެނެޓްގެ މެމްބަރުންގެ ތެރޭގައި ނުތަނަވަސްކަން ބޮޑުވެ ޒުވާބުން ހޫނުވެ ކިތަންމެ ދޮންވިޔަސް ޕީޕީއެމް- ޕީއެންސީ ސެނެޓް މެމްބަރުންނަށް ކުރެވޭނެ އެއްކަމެއްވެސް ނެތެވެ.

ރައީސް ޔާމީނު ބޭނުންފުޅުވެ ވަޑައިނުގަންނަވާ ގޮތަކަށް އެކަކަށް އެއްކަމެއް ނުކުރެވޭ ވަރަށް ސެނެޓްގެ މެންބަރުން ތިބީފިތިފައެވެ. މީހެއްގެ މުށުތެރޭގައި ބަޔަކު ފިތިފައި އޮތްވަރު ނިކަން ދެކިބަލާށެވެ. ދެ ޕާޓީގެ ގާނޫނަކީ ވެސް ގަވައިދަކީވެސް އުސޫލަކީވެސް ރައީސް ޔާމީނު ވިދާޅު ބަސްފުޅެވެ.