ލޭބަރުންގެ އައްޑާ: ވަށަފަރު މުހައްމަދުގެ އަނެއް ސްކޭމް
ބިދޭސީ ލޭބަރުން ގެންގުޅޭ ކުންފުނިތައް ދަވާލަންޖަހާ ޗައްކަރެއް
ބޭރު ލޭބަރުންގެ މައްސަލަ ހައްލުކުރުމުގެ ނަމުގައި ވަށަފަރު މުހައްމަދު ސަރުކާރުން މިހާރު ހިންގަން އެއުޅެނީ ނުރައްކާތެރި ޖަރީމާއެކެވެ. 30 އަހަރު ދުވަހަށް މެލޭސިޔާގެ ކުންފުންޏަކަށް މާލެ ސަރަހައްދުން ބޮޑު ބިމެއް ދީގެން ބޭރުގެ ލޭބަރުންނަށް ހިދުމަތްދޭން ލޭބަރުންގެ އައްޑާތަކެއް ބިނާކޮށްދެނީ ޔޯލައެވެ. އެތަންތަނުން އެމީހުނަށް ކެއުމާއި ބުއިމާއި ނިދުމުގެ އިންތިޒާމްތައް ހަމަޖައްސާ ދެނީޔޯލައެވެ.
ލޭބަރުންގެ އައްޑާތައް ބިނާކުރުމުން ލޭބަރުން އެތެރެކުރާ އެންމެނަށް އެތަނުން ހިދުމަތް ހޯދުމަށް މަޖުބޫރެވެ. އެހިސާބުން ލޭބަރުން އެތެރެކުރާ އެއްވެސް ބަޔަކަށް އެމީހުންގެ އަމިއްލަ އެކަމަޑޭޝަނުގައި ބިދޭސީ ލޭބަރުން ނުގެންގުޅެވޭނެއެވެ. އަމިއްލަ އެކަމަޑޭޝަނުގައި ލޭބަރުން ގެންގުޅޭ ކޮންމެ ބަޔަކު ބޮޑެތި ޖޫރިމަނާ ކުރެވޭނެއެވެ. ލޭބަރުން ގެންގުޅޭ އެއްވެސް ބަޔަކަށް އެ ފެސިލިޓީން ހިދުމަތް ނުހޯދާ ބިދޭސީ ލޭބަރުން ގެންގުޅެވޭނެ އެއްވެސް ގޮތެއް ނުއޮންނާނެއެވެ.
މެލޭޝިޔާގެ ޖީ3 ކުންފުނި ލައްވާ ގާއިމުކުރާ ބިދޭސީ އައްޑާތަކުން ހިދުމަތް ލިބޭނީ ކޮންމެ ބޮލަކަށް ކޮންމެ މަހަކު 100 ޑޮލަރ ދައްކައިގެންނެވެ. ބިދޭސީންގެ ބޮލަކަށް މަހަކު ދައްކާ ކޮންމެ 100 ޑޮލަރަކުން ސަރުކާރަށް ލިބެނީ އެންމެ 5 ޑޮލަރެވެ. އަނެއް 95 ޑޮލަރ މެލޭޝިޔާގެ ޖީ3 ކުންފުންޏަށެވެ. ގަވައިދުން އެތެރެވެގެން އުޅޭ ކޮންމެ ބިދޭސީ ލޭބަރެއްގެ ބޮލަކަށް މަހަކު 95 ޑޮލަރ 30 އަހަރު ވަންދެން ލިބޭގޮތަށް ރޭވިގެން ހިންގަން އުޅޭ ނުރައްކާތެރި ޖަރީމާ ހުއްޓުވަން ޖެހެއެވެ. އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް ވެސް އެދައްކަވަނީ އެވާހަކަ އެވެ.
ބިދޭސީ ލޭބަރުން އެތެރެކުރާ އެއްވެސް ބަޔަކަށް ކެރިކުޅަދާނަ ވެގެންވާ ކަމަކަށް އެކަމެއް ނުވާނެއެވެ. މެލޭޝިޔާ ބަޔަކުލައްވާ ވަަށަފަރު މުހައްމަދު ހައްދަން އުޅޭ އައްޑާތަކަށް މީހަކަށް މަހަކު ސަތޭކަ ޑޮލަރ ދެއްކުމަށްވުރެ ފައިވް ސްޓަރ ފެންވަރުގައި ލޭބަރ ކުއާރޓެއް ހިންގުންވެސް ކުންފުނިތަކަށް މާ ރަނގަޅު ވާނެއެވެ. އެހެން ނޫނަސް އެއްޔަކީ ދިވެހިންނަށް ނުކުރެވޭ ވަރުގެ ކަމެއްނޫނެވެ. ބިޑްކުރުމެއް ކަމެއްނެތި ބޭރު ބަޔަކަށް 30 އަހަރަށް އެވަރުކަމެއް ދޫކޮށްލުމުގައި ކޮރަޕްޝަން ނޫން އެހެން ކަމެއް ނުއޮންނާނެއެވެ. މިކަމުގައިވެސް އޭސީސީ ބީރެވެ. ކަނެވެ. މަންމަނެވެ.
އަނެއްކޮޅުން މާލެ ސަރަހައްދުގައި ގަވައިދުން އުޅޭ ލޭބަރުންނަށް ހިދުމަތްދޭން ހަދާ އައްޑާތަކަކުން ބިދޭސީ ލޭބަރުންގެ މައްސަލައަކަށް ހައްލެއްނުލިބެއެވެ. ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އެކަމުން ލިބޭ ހައްލެއް ލުޔެއްނެތެވެ. އެޑްވާންސްކޮށް މިލިޔަނުން ޑޮލަރު ނަގަން ވަށަފަރު މުހައްމަދު ހިންގި ސްކޭމަކަށް ނޫނީ ނުވާނެކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.