ފެންނަނީ އޮޅުވާލައިގެން ވޯޓު ކަރުދާސްކޮޅު ދޭން އުޅޭ މަންޒަރު: ފައްޔާޒް

ފެންނަނީ އޮޅުވާލައިގެން ވޯޓު ކަރުދާސްކޮޅު ދޭން އުޅޭ މަންޒަރު: ފައްޔާޒް

ދެ އިންތިހާބު އެއްކޮށްލުމާ ދެކޮޅު ހެއްދެވުމުގެ ގޮތުން އުސްތާޒު ފައްޔާޒު އިސްމައީލް އަދަދު ނޫހުގައި ލިޔުއްވި ލިއުމެއްގައިވެއެވެ. އެ ބޭފުޅުންގެ ނަޒަރުގައި ރާއްޖެއަށް ބޭނުންވަނީ ރައްޔިތުންގެ ބަހެއް ނެތި ރައްޔިތުންގެ މައްޗަށް ވެރިކަން ކުރާނެ ބައެކެވެ. އެ މީހުން ދެކެނީ ރައްޔިތުންނަކީ ކަންކަން އަމިއްލައަށް ނިންމުމުގެ ވިސްނުމާއި ފެންވަރު ނެތް ދަށު ދަރަޖައިގެ ބައެއްގެ ގޮތުގަ އެވެ. ވޯޓު ފޮށިން ވެރިކަމަށް އާދެވެމުން ޑިމޮކްރަސީ އެ މީހުންނަށް ނިމުނީ އެވެ. ވެގެންވަންޏާ އިންތިހާބެއް ވެސް ނުބާއްވާނެ އެވެ.

ފައްޔާޒު ވިދާޅުވީ ދެ އިންތިހާބު އެއްކޮށްލުމަށް ހުށަހެޅީ ވެސް އެކަމަށް މަގުފަހި ކުރުމަށެވެ. ރައީސް މުއިއްޒަށް ނުވަތަ އެހެންވެސް ރައީސަކަށް، ބާރުތައް މުށުތެރެއަށްލުމަށް ފަސޭހަވާނެ އެއްވެސް ފުރުސަތެއް ދިނުމަކީ، ހެދޭ ވަރަށް ބޮޑު ގޯހެކެވެ. އެހެންކަމުން، ސަރުކާރުގެ މި ހީލަތްތެރި ހުށަހެޅުން ބަލައިނުގަތުމަށް ހުރިހާ ބޭފުޅުންނަށް ފައްޔާޒް އިލްތިމާސްކުރައްވައެވެ. އޭގެ ބަދަލުގައި، ރައްޔިތުންގެ ބާރުތައް ރައްޔިތުންނާ ގާތަށް ގެނެސްދޭނެ ހައްލަކަށް މަސައްކަތްކުރަމަށް ގޮވާލައްވައެވެ. 

ފައްޔާޒު ވިދާޅުވާ ގޮތުގައި ގައުމީ ފެންވަރެއްގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް އެންމެ ފަހުން ނެގީ މީގެ 19 އަހަރު ކުރިންނެވެ. އެއީ ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމާ ގުޅޭގޮތުން ނެގި ވޯޓެވެ. ވަރުގަދަ މައުލޫމާތުގެ ކެމްޕެއިން މުޅި ރާއްޖޭގައި ހިންގިއެވެ. އަދިވެސް ގޭގޭގެ ފާރުތަކުން އެ ކެމްޕޭނުގެ ދަވާދު ނުފިލައެވެ. އެހެން ނަމަވެސް މިފަހަރު މި ފެންނަނީ އޮޅުވާލައިގެން، ސިއްރިއްޔާތުގައި އަވަސް އަރުވާލައިގެން ހަމައެކަނި ވޯޓު ކަރުދާސްކޮޅު ދޭން އުޅޭ މަންޒަރުކަމަށް ފައްޔާޒް ވިދާޅުވެއެވެ. 

މިހާރު ރާއްޖޭގައި މިއޮތް ދައުލަތުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭކަމަށް ފައްޔާޒް ވެސް އެއްބަސްވެ ވަޑައިގަންނަވައެވެ.  ޖަވާބުދާރީ ކުރުވުމުގެ ނިޒާމާ މިހާ ފަސޭހައިން ތޮޅެވޭ ގޮތަށް އޮވެގެން ނުވާނެ ކަމަށާއި "ދައުރު މެދު" އިންތިހާބާއި ރިކޯލް ނިޒާމަކީ ވެސް ގެނެވިދާނެ ބަދަލުތަކެއް ކަމަށް ފައްޔާޒް ދެކެވަޑައި ގަނެއެވެ. ރައްޔިތުންގެ މަޖިލިސް އެކުލެވޭ ގޮތާ މެދު އަލުން ވިސްނަން ޖެހޭ ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.