ދޮންއަމަޔަށް އެވޯޑްދިން ފަޑިޔާރުން މުއިއްޒަށް ތަޅާދިނީ ނަކަސް
މުއިއްޒު ދޮންއަމާ ވަރެއްނެތް
މާތްކަލާނގެ ކުޅަދުންވަންތަކަމެވެ. އަހުރެމެންގެ ތެރެއިން ގޮތް ފޮތް އަރުއްވައިގެންފިއެވެ. ހަމަލަމަ ގެއްލި މުއިއްޒަށްޓަކާ އަމިއްލައަށް ބޮލާފޮށާއެޅޭ ހިސާބަށް ޕްރޮފިޝަން ގުރުބާން ކުރެވޭ އިރުވެސް ނޭނގޭ ވަރަށް އަޅުވެތިވެ ނިމިއްޖެއެވެ. ތާއަބަދަށް ތިމަތިމާމެންގެ ނަޒާހަތްތެރިކަން ގެއްލޭ ވަރަށް ކަތިލެވޭއިރުވެސް ނޭނގެނީތާޢެވެ.
ނޫސްވެރިކަމުގެ އެވޯޑް 2023ގެ ފަނޑިޔާރުންގެ ގޮތުގައި އުޅުނު މީހުންނަކީ އުޑެއް ބުޑެއް ހަމައެއް ލަމައެއް ނޭގުނު ބަޔަކީ ހެއްޔެވެ. ތިމާމެންނަށް ކުރެވުނީ ކިއްކަން ނޭނގޭވަރު ވަލުބުޑު ނުކެނޑޭ ބަޔަކީ ހެއްޔެވެ. ނޫސްވެރި ކަމުގެ ރޮނގުގައި މަވަރެއް ނެތިގެން އިންސާފުގެ ތަރާދުގައި އިށީންއިރު ވަށައިގެން ހުރި ކަންކަމަށް ނުބަލާ ބަޔަކު ބުނިހާ އެއްޗެއް ހަދަން ކަންކަމާ ހަވާލުވާއިރު ކަމުގެ ބޮޑުކަން ނޭނގޭ ވަރަށް ގަމާރީހެއްޔެވެ.
2023ގެ ނޫސްވެރިކަމުގެ އެވޯޑް ދޭނެ ފަރާތްތައް ކަނޑައެޅި ފަނޑިޔާރުން ހަމަ ހޭގާތިބެގެން ނޫން ހެއްޔެވެ. މޫނުގައި ޗޯކުޖަހައިގެން ވަރުގެ ކޮޅަށް ހެދިގެން ގޮސް ބަޔަކަށް އެވޯޑްދީ ބައިސާ ކަނޑާފަހުން ގޯހެއް ހެދިއްޖެކަން ފަނޑިޔާރުންނަށް އެގެން ޖެހެނީ ރައީސް އޮފީހަށް ގެންގޮސް ކުރުދޮށިން ދިނީމާ ހެއްޔެވެ. ގޯސްކޮށް ކަމެއްކޮށްފާ އެހެން ބައެއްގެ ބޮލަށް ކަނޑާލާ ނެރޭ ބަޔާނަކުން ކަންކަން ފުލެއް ނުބެއްދޭނެއެވެ.
ނޫސްވެރިކަމަށް ފުންނާބު އުސްކަމުން ދެފައިކައިރި ނުވެގެން އުޅޭ ބަޔަކު އިންސާފުކޮށް ނިންމާ އެވޯޑް ދީފައިވާ ކަމެއްގައި ބަލަންވާ ވަރަށް ނުބަލާ ގޯސްތަކެއް ހެދިކަމަށް މާފަހުން އިއުތިރާފް ވުމަށްވުރެ ހުތުރު މުޑުދާރު ކަމެއް ނުއޮންނާނެއެވެ. ތިމާމެންނަކީ ކަންކަމުގައި ބަލަންވާ ވަރަށް ނުބަލާ ހިތުހުރި އެއްޗެއް ހަދާބައެއް ކަމަށް ބުނާނީ ގައިމު ވަރެއް ވެގެންތާއެވެ.
ނުފުޒާއި ބާރާއި ފައިސާ އާއި ޖެހުމުން ރަނގަޅަށް ކޮށްފައި އޮތް ކަމެއް ނަމަވެސް ގޯސްކޮށް، އަމިއްލައަށް ކުރިކަންތަކާ ދެކޮޅަށް ބަޔާން ނެރެންވާނެތާއެވެ. ކިތަންމެ ރަނގަޅަށް ކަންކޮށްފައި އޮތަސް ކިތަންމެ ބޮޑު ހަގީގަތެއް ނަމަވެސް މުއިއްޒަށްޓަކާ އަމިއްލަ ނަޒާހަތްތެރިކަންވެސް ކަތިލައިލީތާއެވެ. ނޫސްވެރިކަމުގެ އަހުލާގީ މިންގަނޑޭ އަބުރޭ ދޮންއަމައޭ ކިޔަނީ ކީއްވެގެންކަން އޮޅެގެން އުޅޭ އެކަކުވެސް މިގައުމަކު ނެތެވެ.
މީޑިއާ ކައުންސިލުން ވެސް ހާވާން އެފެށީ އެހަޑިއެވެ. މީގެ އެގާރަ އަހަރު ކުރީން މާތް މަގްސަދެއްގައި ފެށި ނޫސްވެރިކަމުގެ އެވޯޑް ލިބުނުހާ ފަރާތްތަކުގެ އަގުވައްޓާލާ ނަޒާހަތްތެރިކަން ވެއްޔާ މޮޑެލަނީއެވެ. ރައީސް މުއިއްޒު ދޮގެކޭ ބުނާ ކޮންމެ ކަމަކީ ތެދަށް ހަދަން ނަކަސްތާޅާއިރު ބަރަހަނާވެ ތިޔަފުޑާލަނީ ބަސްބުނުމާއި ހިޔާލުފާޅު ކުރުމުގެ އަސާސީ ހައްގެވެ. އިޖުތިމާއީ މިންގަނޑާ ހިލާފު އެއްޗަކަށް "ދޮންއަމާ" ރިޕޯޓަށް ފިޔަވަޅު އަޅަން ޖެހެނީ ނޫސްވެރިކަމުގެ އެވޯޑްދީފައެއް ނޫނެވެ.