ޔާމީނަށް ވުރެވެސް ޔާމީނަށް ވަފާތެރީ އަދުރޭ!
އާރާ ބަރަށްޓަކާ ކާންދިން އަތުގައި ދަތްއެޅުން
މުއިއްޒުގެ ރޯލު މޮޑެލް އަދުރޭ ބޭނުންވީ ގޮތަށް މުއިއްޒު ސަރުކާރު ވެރިކަމަށް އަންނަން ވިއްކީ ޔާމީނެވެ. ޔާމީނު މިނިވަން ކުރުމެވެ. ހަރާން ހުކުމެވެ. ވޯޓުދިނީ ޔާމީނުގެ ސަޕޯޓަރުންނެވެ. ހަގީގަތް ބަދަލުކުރަން އުޅުނަސް އެއްޔަކީ ބަދަލުވާކަށް އޮތް ހަގީގަތެއް ނޫނެވެ.
ކޯޓުން ރައީސް ޔާމީނުގެ މައްޗަށް 11 އަހަރުގެ ޖަލުހުކުމް އިއްވި ޝަރީއަތުގެ މަޖިލީހުން ރައީސް ޔާމީނު ނުނިކުންނަވަނީސް ހުކުމް ހަރާން ކަމަށް ފުރަތަމަ ބުނީވެސް އަދުރޭއެވެ. އަދުރޭގެ އެބުނުމާއެކު ޔާމީނަށް ކުރި ހުކުން ޕީޕީއެމް-ޕީއެންސީއަށް ހަރާން ވެއްޖެއެވެ. ކޯޓު ހުކުމަށްވުރެ އަދުރޭގެ ހުކުން ވަރުގަދަ ވެއްޖެއެވެ.
ރައީސް ޔާމީނަށް ކުރި ހުކުން ހަރާން ހުކުމެއްގެ ގޮތުގައި އޮތީ މުއިއްޒު ރައީސްކަމަށް އިންތިހާބު ވަންދެނެވެ. މުއިއްޒު ވެރިކަމަށް ހުވާކުރުމާއެކު ހުކުމް ހަލާލު ވެއްޖެއެވެ. ހުކުމާ ކޯޓާ މަތިވެއްޖެއެވެ. ވާހަކައިގެ ރާގު ބަދަލުވެއްޖެއެވެ.
ރައީސް ޔާމީނު ބޭނުންފުޅުވަނީ މައުސޫމު ބޭފުޅެއްކަން ސާބިތުކޮށްދީގެން މިނިވަންވެ ވަޑައިގަތުމަށް ކަމަށް ސަރުކާރުގެ އިސްވެރިންނަށް މިހާރު ވެއްޖެއެވެ. ޔާމީނު މިނިވަން ވާންޖެހެނީ ޝަރީއަތުގެ ތެރޭން ކަމަށް ބުނެ ޔާމީނު މިނިވަން ކުރުމަކީ ކަމެއް ނޫންކަމަށް މުއިއްޒަށް ވެއްޖެއެވެ.
ހައްގުނޫން އަނިޔާއެއް އަދަބެއް އެއްވެސް މީހަކަށް ލިބޭކަން އެނގިހުރެ އެކަން ނުހުއްޓުވާ ހުންނާކަށް ގާނޫނު އަސާސީއާއި ރައްޔިތުން ރައީސަށް ހުއްދައެއް ނުކުރެއެވެ. ރައީސް ޔާމީނަށް އިއްވާފައިވާ ހުކުމަކީ ހަރާން ހުކުމެއްކަމަށް ރައްޔިތުން އޮތީ ނިންމާފައެވެ. ރައީސް ޔާމީނަށް އިއްވި ހުކުން ހަރާންވެގެން ޔާމީނު މިނިވަންކުރަން ވެރިކަމަށް ނިކުތް މުއިއްޒު ވެރިކަމަށް ހޮވުމުން ފުރަތަމަ ކުރަން ޖެހޭ ކަމަކީ ޔާމީނު މިނިވަން ކުރުމެވެ. ޝަރީއަތޭ ކޯޓުތަކޭ ކިޔާކަށް ޖާގައެއް ނެތެވެ.
ރައީސް ޔާމީނު ބަންދެއްގައި ހުންނަވާތީ މުއިއްޒާއި އަދުރޭއާއި ޝީޔާމް ފަދަ މީސް މީހުންގެ ލޮލުން ކަރުނަ ނުހިކެއެވެ. ހަމަ ނިދި ނުނިދެއެވެ. ވާލޯބިންނާ ކުރާ ހިތާމައިންނެވެ. ދޭތެރެ ދޭތެރެއިން ބައިހަދާފާ ނިކުމެ ރައީސް ޔާމީނަށް ކޮޅުދޮށިން ދެނީ ވާލޯބީގެ ބޮޑުކަމުންނެވެ.
އާރެއް ބާރެއް ދެވޭނެ މަގާމެއް ހޯދާދެވޭނެ ހައިބަތެއް ނެތް ހާލަތުގައި ރައިސް ޔާމީނައިގެން އުޅޭ ޑރ. ޖަމީލާއި މަލީހާއި ހުސައިން ވަހީދާއި ޑރ. އަބްދުއްލާ މެންނަކީ ގައްދާރުންނޭ އަދުރޭ ބުނީމާ ރައިސް ޔާމީންވީ އެމީހުން ފައްސާ ނަގާލާށެވެ. ރައީސް ޔާމީނު ބަންދުގައި ބަހައްޓައިގެން ރައީސް ޔާމީނަށް އެންމެ ވަފާތެރީ ތިމަންނަމެންނޭ ކިޔާ އެހެން ބަޔަކާ ދިމާއަށް ބޭވަފާތެރި ކަމުގެ އިނގިލި ދިއްކުރަން ލަދު ނުގަންނަކަމެވެ. ވެރިކަމުގެ އިއްޒަތާ ލައްޒަތާ ފެނުމުން ކާންދިން އަތުގައި ދަތް އެޅުމަކީ އައުކަމެއް ނޫނެވެ.
ރައީސް ޔާމީނު އަރިހުގައި ވީހާލެއްގައި ވެގެން އުޅޭ މީހުނަށް ވުރެ އަދުރޭމެން ރައީސް ޔާމީނަށް ވަފާތެރިއެވެ. އަނބި ކަނބަލުން މެޑަމް ފާތުންއާއި ދަރިކަލުން ޒައިންއަށް ވުރެ އަދުރޭމެން ރައީސް ޔާމީނަށް ވަފާތެރިއެވެ. ރައީސް ޔާމީނަށް ވުރެވެސް ޔާމީނަށް އަދުރޭމެން ވަފާތެރިއެވެ.