މުއިއްޒަށް: ޔޫތު އެޑްވައިޒަރުން ލައްވާ 2028 ހޯދަން ނޫޅޭ

ސަރުކާރު ބޮޑުކުރަނީ މުއިއްޒަށް މީހުން ނޭގޭތީ!

މުއިއްޒަށް: ޔޫތު އެޑްވައިޒަރުން ލައްވާ 2028 ހޯދަން ނޫޅޭ

ޑރ. މުއިއްޒު ކުރަން މި އުޅެނީ ކީއްހެއްޔެވެ. ކެބިނެޓްގައި 22 ވަޒީރުން އެބަތިއްބެވެ. މިނިސްޓަރުން ގެ ފެންވަރުގެ 21 މީހުން އެބަތިއްބެވެ. 50 އަށްވުރެ ގިނައިން ސްޓޭޓް މިނިސްޓަރުން އެބަތިއްބެވެ. މިނިސްޓަރުންގެ ނައިބުންގެ އަށްޑިހަ ވަރަކަށް މީހުން މިހާރުވެސް އެތިބީއެވެ. އަދި ކޮބައިހެއްޔެވެ. ސިނިއަރ ޕޮލިސީ ޑިރެކްޓަރުންނާއި ޕޮލިސީ ޑިރެކްޓަރުންގެ ހިސާބެއް ނޭގެއެވެ. މިވަރުގެ ބިޔަ ސަރުކާރަކަށް ރާއްޖޭގެ ތަރައްގީއާއި ދުޅަހެޔޮ ކަމަށް ކުރާނެ ކަންކަން ނޭގި ޒާތްޒާތުގެ ޕްރެޒިޑެންޝަލް އެޑްވައިޒަރީ ބޯޑްތައް ހަދައިގެން ޖަހަން މިއުޅެނީ ކޮން ސަކަރާތެއް ހެއްޔެވެ. 

ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑެއް ހަދައިގެން ދަނޑިދިގު އުނދުޅިހެދިގެން މުއިއްޒު ތިޔަ އުޅެނީ ޔޫތު މިނިސްޓަރާއި އެމިނިސްޓްރީގެ މަސައްކަތަށް އެއްވެސް އިތުބާރެއް ނެތިގެންތާއެވެ. ސްޕޯޓްސް މިނިސްޓަރާއި ފަންނިއްޔާތު މިނިސްޓަރަށް ވެސް އިތުބާރެއް ނެތީމާތާއެވެ. 

15 މެންބަރުންގެ މައްޗަށް އެކުލެވޭ ޔޫތު އެޑްވައިޒަރީ ބޯޑް ރައީސުލްޖުމްހޫރިއްޔާ ޗެއަރ ކުރާނީ ފަތްކޮޅު ދީފައި ތިބި ވަޒީރުންނަށް އެ މީހުންގެ ދާއިރާތައް ރަގަޅަށް ނުހިންގޭނެތީ ނޫން ހެއްޔެވެ. ރައީސްގެ ސިޔާސަތު ތަންފީޒު ކުރުމުގައި ކެބިނެޓް ރަނގަޅަށް ފަންކްޝަން ކުރަންޏާ ޒާތްޒާތުގެ ބޯޑު ހަދައިގެން ވަގުތާ ފައިސާ ބޭކާރެއް ނުކުރާނެއެވެ.

ސަރުކާރު އެހާވަރަށް މަތިބަރުވެ ކުރެވޭ ނުކުރެވޭ ކަމެއް ނޭނގޭ ވަރަށް އޮނިގަނޑު ރޫޅާލާ ޖެހުނުހާ މީހަކަށް އަތްގުޅިނުކާވަރުގެ މަގާމްތައް ދެމުން ގެންނަނީ މުއިއްޒަށް ކާކަކީ ކާކުކަން ރަނގަޅަށް ނޭނގޭތީއެވެ. އެހެން ނޫންނަމަ އެއް އާއިލާއަކުން ތިންހަތަރު މީހުނަށް ވަޒީރު ފެންވަރުގެ މަގާމުތައް ދެވޭ އިރު މީހަކު ކިޔަފާނެ އެއްޗަކަށް ބަލައިލީހެވެ. 

ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑޭ ކިޔައިގެން ބޯޑެއް އުފައްދާއިރު ދިވެހި ޒުވާނުންގެ މެދުގައި އިސްލާމީ ރޫހު އިތުރު ކުރުމުގެ ކުޑަވެސް ވިސްނުމެއް މުއިއްޒުގެ ނެތްކަންވެސް އެކަމުން ފަޅާ އަރައިފިއެވެ. ޔޫތު އެޑްވައިޒަރީ ބޯޑަށް މެންބަރުން ކަނޑައަޅާ ދާއިރާތަކުގެ ތެރޭގައި އިސްލާމް ދީނުގެ ރޫހު ކުރިއެރުވުމާގުޅޭ ދާއިރާއެއް ފާޖަގަ ކޮށްފައެއް ނެތެވެ.  އެބޯޑަށް މީހުން ނެގުމުގައި އިސްލާމް ދީނަށް އިސްކަމެއް ދީފައިވާތަން ސީދާކޮށް ފެންނާކަށް ނެތެވެ. ފަންނިއްޔާތާއި ފަންނުވެރިކަމާއި ހަށިހެޔޮކަމަށް އިސްކަންދޭހެން އިސްލާމު ދީނަށް ލޯބި ޖެއްސުމުގެ ވާހަކައެއް ނެތެވެ. މިވާހަކަ މިހެން ބުނީމާ އެބޯޑަށް ދީނީ އިލްމުގެ ދާއިރާއިން މީހަކު ލާން ނިންމާފައި އޮތްކަމަށް ބުނާނެކަންވެސް އެނގެއެވެ. 

ރަންކޮޅާ މުއިއްޒެވެ. ރައީސްކަން ކުރަންޏާ ނިކަން ރަނގަޅަށް އެމީހާ މިމީހާ ދަސްކުރާށެވެ. އަނބި މީހާއަޢި އަބްދުއްރަހީމާ ގޯތި ކުދިންކޮޅު ބުނާހާ ގޮތަކަށް ގައުމު ހިންގަން އުޅެގެން ގޮވާނީ އަތަށެވެ. މާލޭ ސިޓީ ކައުންސިލަށް ކޮންސަލްޓެންޓުން ލައިގެން ވެރިކަން ހޯދިހެން ޔޫތު އެޑްވައިޒަރުން ލައިގެން 2028 ހޯދަން ނޫޅޭށެވެ. 2028 ލިބޭނީ ދެހާސް 2023 ފުރިހަމަ ވެގެންނެވެ. މުއިއްޒަށް 2023 ފުރިހަމަ ކުރެވޭތަނެއް ނުފެނެއެވެ.