ދިވެހިން ކުރިންވީ ފުރިހަމަ ހައްޖެއްނޫން: ޝަހީމް

ގިނަ ކަންކަން ހައްޖު ކޯޕަރޭޝަނުން ކުރީ ގޯސްކޮށް

ދިވެހިން ކުރިންވީ ފުރިހަމަ ހައްޖެއްނޫން: ޝަހީމް

ކިހާދެރަ ހެއްޔެވެ. ވޭތުވެދިޔަ އެތައް ޒަމާނެއްގައި ދިވެއްސަކަށް މިއަހަރު ނޫނީ ފުރިހަމަ ހައްޖެއްވެވުނު ކަމަކަށް ނުވެއެވެ. މަބްރޫރު ހައްޖު ޖެހި ބިލްބޯޑެއް ކުރިމަތީހުރެ ފޮޓޯނަގައިގެން ހުޅުލޭން ފެށި ދަތުރުގައި މި އަހަރުވީ ހައްޖު ނޫނީ ފުރިހަމަ ހައްޖެއް ދިވެއްސަކަށް ވެވުނު ކަމަކަށް ނުވެއެވެ. ކިހާދެރަ ހެއްޔެވެ. 

ޑރ. ޝަހީމްގެ ހުރި ނުބައި ނުލަފާކަމާއެވެ. ލަދެއްހަޔާތެއް ނެތްކަމާއެވެ. ބިރެއްކަމެއް ނުގަންނަ ކަމާއެވެ. އިސްލާމް ދީނުގެ އެންމެ ބޮޑު އެއް ރުކުން ކަމުގައިވާ ހައްޖުގެ އަޅުކަމާ ގުޅުވައިގެން މަތިމައްޗަށް އޮޅުވާލަނީއެވެ. ދޮގު ހަދަނީއެވެ. ހަމަ ރަނގަޅަށްވެސް އިސްލާމީ ކަންތައްތަކާ ނިކަން ރަނގަޅަށް ޑޮކްޓަރ ޝަހީމް އެބަ ބެހެލައެވެ. 

މިއަހަރުގެ ހައްޖުގެ މަނާސިކުތައް ނިމުމާއިއެކު ހައްޖުގެ މަތިވެރި އަޅުކަންކުރެވޭ މާތްވެގެންވާ ބިމުގައި ހުރެވެސް އުޅެގަތީ ނޫސްތަކުން ފަލަ ސުރުހީ ހޯދާށެވެ. މަތިމައްޗަށް އޮޅުވާލާ ދޮގު ހަދަމުންނެވެ. ހީވަނީ އެހެން ބަޔަކު ނުކުރާ އައުކަމެއް ކުރެވިގެން އުޅޭހެންނެވެ. މީހެއްގައި ހުރި ނުބައިނުލަފާކަމާއެވެ. ލަދުހަޔާތް ނެތްކަމާއެވެ. ބިރެއް ކަމެއް ނުގަންނަ ކަމާއެވެ.

ދިވެހިން މިހާތަނަށްް ކުރި އެންމެ ފުރިހަމަ ހައްޖަކީ މި އަހަރުގެ ހައްޖުކަމަށް ޑރ. ޝަހީމް ސިފަކުރިއިރު އެކަން އޮތީ އެހެން ނޫންކަން ނޭގެނީ ކާކަށް ހެއްޔެވެ. އަމިއްލަ ޖަމާއަތްތަކުން ކުރިއިރަށްވުރެ ގިނަ ކަންކަން ހައްޖުކޯޕަރޭޝަނުން ކުރީ ގޯސްކޮށެވެ. އައު ކުކުޅަކަށް އެޅުނީ ގައުބިހަކަސް ބިހެއް އަޅައިފިއްޔާ ކުކުޅު ގޮވާނެތާއެވެ. 

ކުރެވުނު މޮޅުކަމެއް ކަމަށްބުނެ ޝަހީމް އެެންމެ ފުރަތަމަ ފާާހަގަކުރީ ފެންވަރު ރަނގަޅު ކާނާ ދިވެހި ހާޖީންނަށްް ފޯރުކޮށްދިން ވާހަކައެވެ. ޝަހީމަށް އައުކަމަކަށް މިކަން ވެގެން އުޅުނަސް މީގެ ކުރިންވެސް ހައްޖާޖީންނަށް ކާންދެނީ ނިކަން ރަނގަޅަށެވެ. ދިވެހި ހައްޖުވެރިންނަށް ދިވެެހި ރަހަތައް ހިމަނައިގެން މީރު ކެއުން ބުއިން ހައްޖު ގުރޫޕްތަކުން ދިނެވެ.  

އަޖައިބެއް ނުވާނެހެއްޔެވެ. ބަލި މީހުންނަށް އެންމެ މަތީ ދަރަޖައިގައި އެހީތެރިކަން ފޯރުކޮށްދިން ކަމަށްބުނެ ފޮނިކަނޑަނީ އެއީ މީގެކުރިންވެސް ނިކަން ރަނގަޅަށް ކޮށްދެމުން އައިކަމެކެވެ. ޑައިލެލިސްއޭ ކެންސަރޭ ހިތުގެ ބައްޔޭ ކިޔައިގެން މާ އިމޯޝަނަލް ވާނެކަމެއް ނެތެވެ. މީގެކުރީންވެސް ފެންވަރު ރަނގަޅު ދިވެހި ޑޮކްޓަރުންނާއި އެކު ސިއްހީ ފަރުވާ މަތީ ފެންވަރެއްގައި ނުދެވޭ ގޮތަކަށް ރާއްޖޭން ދުވަހަކުވެސް މީހުން ހައްޖަށް ފޮނުވާފައެއް ނުވެއެވެ. އަނެއްކޮޅުން އެއްވެސް ހާޖީއެއް ބަލިވެ އެޑްމިޓްކޮށް ފަރުވާ ދޭން ޖެހިއްޖެނަމަ އެ ހާޖީއަކު ފަރުވާއަށް ފަހު ދޫކޮށްލަންދެން އޭނާގެ ހުރިހާކަމެއް ބަލަހައްޓާނީ ސައުދީ ސަރުކާރުންނެވެ. މިއަހަރުވެސް ސައުދީ ސަރުކާރުން އެކަން ނިކަން ރަނގަޅަށް އިންތިޒާމް ކޮށްފައި އޮތެވެ. އެއްޔަކީ މުއިއްޒާ ޝަހީމުގެ މޮޅުކަމުން ރޭވި ހިނގަމުން އަންނަކަމެއް ނޫނެވެ. 

އެންމެ ހެއްވަކަމަކީ އަރަފާތަށް ނުވަދެވޭ އެކަކު ވެސް ނެތްކަމާއި ބަލި މީހުން ވެސް އަރަފަރާތަށް ގެންދެވުނުކަމަށް ޝަހީމް ބުނުމެވެ. އަރަފާތަށް ނުވަދެވޭ މީހަކަށް ހައްޖު ނުލިބޭއިރު މަރަށް ފުރަނައަށްވެސް ކޮންމެ ހާޖީއަކުވެސް އަރަފާތަށް ގެންދެވޭތޯ ނުބަލާނީ ކޮންބައެއް ހެއްޔެވެ. އެޑްމިޓްްކުރެވިފައިވާ ބަލި މީހުންވެސް އަރަފާތަށް ގެންދެވެއެވެ. އެޑްމިޓްްކުރެވިފައިވާ ބަލި މީހުން އަރަފާތަށް އުފުލުމުގެ އިންތިޒާމުތައް ހަމަޖައްސަމުން އަންނަނީ ސައުދީ ސަރުކާރުންނެވެ. ޝަހީމުގެ މޮޅުކަމަކުންނެވެ. 

100 އެއް ހާ ހާޖީން މަގު އޮޅުނު ވާހަކަ ދައްކަން ޝަހީމް ލަދު ނުގަންނަކަމެވެ. ޑިވައިޒެއްގެ އެހީގައި ލޮކޭޓްކޮށްގެން 100އެއްހާ މީހުން ހޯދަން ޖެހޭނީ އިންތިޒާމްތައް ކިހާވަރަކަށް ބޮއްސުންލާފައި އޮވެގެންް ހެއްޔެވެ. މަގު އޮޅުނު ކަމަށް އެ ބުނިއްޔަކީ އެކެއް ދެމީހެއްގެ ވާހަކައެއް ނޫނެވެ. ގެއްލޭ މީހުން ޑިވައިސެއް ބޭނުންކޮށްގެން ހޯދަން މިދިޔަ އަހަރުން ފެށިގެން ފަށާފައިވާކަން ނަސީބެވެ. ގެއްލޭ މީހުން ހޯދުމަށް ވަކި ޑިވައިޒެއް ހައްޖު ކޯޕަރޭޝަނުން ތައާރަފު ކުރީ މިދިޔަ އަހަރުއެވެ. އެއްޔަކީ ޝަހީމެއް މުއިއްޒެއް ތައާރަފްކުރި އެއްޗެއް ނޫނެވެ. 

އަރަފާތާއި މީނާގައި ޓެންޓްތަކުގެ ހާލަތު ހުރިގޮތް އެންމެނަށްވެސް އެނގޭނެއެވެ. އެވާހަކަ ދެއްކުމުގެ މާނައެއް ނެތެވެ. އަމިއްލަ ޖަމާއަތްތަކަށް ފުރުސަތުނުދީ ހައްޖުކޯޕަރޭޝަނުން ޝަހީމް އިސްވެހުރެ މިހާތަނަށް ހައްޖުވެރިން އަތުން ނެގި އެންމެ ބޮޑުއަގު ނަގައިގެން ހައްޖުން ވައްކަންކޮށްފައިވެސް ހައްޖުވެރިންނަށް ކަމޭހިތާލަން ނުކެރުނެވެ. ކުރިއްޔާ ކުރިކަމެއްކުރީ ކަންދައްކާ މީޑިއާ ސްޓަންޓްގެ ގޮތުގައެވެ.