އެންމެ އިސް ފުލުސް ހުރީ ފަޅި ނަގައިގެން!؟
އަދަބު ލުއިކުރުމާއި މާފުކޮށްދިނުމަކީ ގާނޫނުން ރައީސަށް ލިބިދޭ ބާރެއް
ދެރަކަމުގެ ކޮޅެއްނެތެވެ. ގާނޫނު ތަންފީޒު ކުރާންހުރި އެންމެ އިސް ފުލުހަކީ ފަޅި ނަގައިގެން ހުރި މީހެއްކަން އެެނގޭ ވަރަށް ބަސްމަގު ދިޔައިމާ ކަމަކު ނުދެއެވެ. ކުރީ ސަރުކާރު، މިހާރު ސަރުކާރު ކިޔާ ހިސާބަށް ޕޮލިސް ކަމިޝަނަރ ދިއުމަކީ ހާދަހާ ދެރަކަމެކެވެ.
ރައީސުލްޖުމްހޫރިއްޔާ ކުށްވެރިއަކު މިނިވަން ކުރަނީ ގާނޫނުން ލިބިދޭ ބާރަކުންނެވެ. އަދަބު ލުއިކުރުމާއި މާފުކޮށްދިނުމަކީ ގާނޫނުން ރައީސަށް ލިބިދޭ ބާރެކެވެ. އެބާރުގެ ބޭނުން ރައީސް ކުރާނީ އެކަމަކީ ކުރަންޖެހިއްޖެ ކަމަކަށް ވެގެންނެވެ. އެކީ އެކަށް މިނިވަންކުރުމާއި ޝަރުތުކޮށްފައި ދޫކުރުމާއި އެނޫންވެސް ގޮތްގޮތުން ކުށްވެރިންނަށް ގާނޫނީ އިމުގެތެރެއިން ދެވިފައި ހުންނަ ލުއިތަކާމެދު ފިތުނަވެރި ރައުޔު ގޮތްގޮތަށް އާއްމުކޮށް ނެރުމަކީ ފުލުންގެ ކަމިޝަނަރުގެ ޒިންމާއެއް ނޫނެވެ. ނޭނގި ނަމަވެސް އެއުފެއްދެނީ ފިތުނައެވެ.
ގާނޫނުން ލިބިދޭ ބާރަކުން ރައީސަކު ކުރާކަމެއް ކުށްވެރިކޮށް ޕޮލިސް ކޮމިޝަނަރު ނިކުމެ ވާހަކަ ދެއްކުމަކީ ޖިނާއީ އަދުލުގެ ނިޒާމް ފުނޑާލުމެވެ. އިންސާފު ހޯދާ ދިނުމެއް ނޫނެވެ. ފަސާދަ އުފެއްދުމެވެ. ޕޮލިސް ކަމިޝަނަރުގެ ޒިންމާއަކީ ގާނޫނު ދިފާއުކުރުމެވެ. ގާނޫނާ ހިލާފުވާ މީހުން ހޯދާ ހުއްޓުވުމެވެ. މުޖުތަމައު އިސްލާހު ކުރުމެވެ. ތަހުގީގުކޮށް ޝަރީއަތަށް ފޮނުވުމެވެ. ހުކުން ކުރުމެއް ނޫނެވެ.
ކުރީ ދައުރުގެ ރައީސްގެ ވެރިކަން ނިމިނިމި އޮއްވާވިޔަސް ހުކުން ތަންފީޒު ކުރަމުން ދިޔަ ބަޔަކު ދޫކޮށްލީ ގާނޫނުގެ ހަމައިންނެވެ. އެކަމުގެ ނިޔަތާއި މަގުސަދަކީ އެހެން ބަޔަކަށް ނިންމޭނެ ކަމެއްނޫނެވެ. ކިތަންމެ ބޮޑަސް ކުށްވެރިއަކު މިނިވަން ކުރުމުން އެއީ މިނިވަނެކެވެ. މިނިވަން ކުރާހާ މީހުންނަކީ ތަކުރާރުކޮށް އެހެން ކުށްކުށަށް އަރައިގަންނާނެ ބައެއްނޫނެވެ. އެހެން އެކަންވުން ލާޒިމެއްވެސް ނޫނެވެ.
ރާއްޖޭގައި ކުށްކުރުން އާއްމުވެފައިވަނީ ކޮންމެހެން ޖަލުމީހުން ދޫކޮށްގެން އެކަންޏެއް ނޫނެވެ. ކުށްކުރުމަށް ދެވިހިފާފާ ތިބި ބަޔަކު ތިއްބަސް ދޫކުރުމުގައި މީހުންގެ ނިޔަތަކަށް ނުބެލޭނެއެވެ. މާފުކުރުމާއި އަދަބު ލުއިކުރުމަށް ފެތޭ މީހުން ދޫކުރުމަކީ އަލަކަށް ކުރާކަމެއްނޫނެވެ. ވަކި ސަރުކާރަކުން އެކަނި ކުރިކަމެއްވެސް ނޫނެވެ. ޖަލުން މީހުން މިނިވަންކުރިކަމުގެ ވާހަކަ ދައްކާއިރު ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމުގެތެރެއިން ބޭއިންސާފުން އަދަބުލިބޭ މީހުން ވަކި މަދެއްނޫނެވެ. ހަގީގީކުށްވެރިޔާ މިނިވަންކަމާއެކު ބޭރުގައި އުޅޭއިރު އަދަބު ލިބެނީ ކިތައް ވިކްޓިމުންނަށް ހެއްޔެވެ. އެއްދޮރުން ވައްދާ އަނެއް ދޮރުން ނެރެނީ ހެކިނުލިބިގެން ކިތައް މުޖުރިމުން ހެއްޔެވެ.
ރާއްޖޭގައި މިހާރު ހިނގާހާ ކުށެއް ހިންގަނީ ކުރީ ސަރުކަރުން ޖަލުން ދޫކޮށްލި މީހުން ކަމަށް ދައްކައިގެން ހަދަން ތިޔަ އުޅެނީ ކޮން އެއްޗެއް ހެއްޔެވެ. މިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް މި ސަރުކާރުން ދޫކޮށްލި މީހުންގެ ތަފްސީލް ކެރެންޏާ ހާމަ ކޮށްލަ ބަލާށެވެ. ދައުލަތަށް ބޮޑެތި އަދަދުން ހިޔާނާތްތެރިވީ ކަމަށް ތަހުގީގަށް ސާބިތުވެ ޝަރީއަތުގައި އޮތް މައްސަލަތައް އަނބުރާގެނަސް ދައުލަތުގެ ތިންބާރުން ބާރެއްގެ އިސްވެރިކަމެއް މީހަކަށް އިހަށްދުވަހު ދިންތަން ނުދެކެންހެއްޔެވެ. އެކަމުގެ ފަހަތުގައި އޮތީ ކޮންކަހަލަ ޖަރީމާއެއްތޯ ބަލާ ފިޔަވަޅު އަޅާލަން ޕޮލިސް ކޮމިޝަނަރަށް ކެރޭނެބާއެވެ.
ޕޮލިސް ކޮމިޝަނަރެއް ކަމަކު ރޮނގު ހުރަސް ނުކޮށް ގާނޫނީ ޒިންމާ އަދާކުރާށެވެ. ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރަން ނުހަދާށެވެ. އެއް ސަރުކާރު ނުބައިމީސްކޮށް އޮތް ސަރުކާރަށް ވައިއަޅުވަން ނޫޅޭށެވެ. ގާނޫނުގެ ތެރެއިން ސަރުކާރުކޮށްފާ ހުންނަކަންކަމާ މެދު ޝައްކު އުފައްދާ ގާނޫނުގެ ބާރު ކަނޑުވާލަން ނުހަދާށެވެ.