ދިވެހި ރާއްޖެއަކީ ކުޅޭ ކުޅޭ ތަނަކަށްވެއްޖެ: އާޒިމް

ގާނޫނާއި ގަވައިދު ތަންފީޒު ނުކޮށް ރާއްޖެއަށް ސަލާމަތެއްނެތް.

ދިވެހި ރާއްޖެއަކީ ކުޅޭ ކުޅޭ ތަނަކަށްވެއްޖެ: އާޒިމް

ރައްޔިތުން މަގާމުތަކަށް މީހުން އިންތިހާބު ކޮށްފައި ތިބީ ސަލާމަތާއި ރައްކާތެރިކަން އޮތް މުޖުތަމައުއެއް ހޯދުމަށެވެ. އެމީހުން އުންމީދު ކުރަނީ އިންތިހާބުކުރާ މީހުން މެދުވެރިކޮށް ސަލާމަތާއި ރައްކާތެރިކަން އޮތް މުޖުތަމައުއެއް ލިބޭނެ ކަމަށެވެ. މާލޭ ސިޓީގެ މޭޔަރ އާދަމް އަޒިމް ނިކަން ރަނގަޅަށް އެކަން ގަބޫލުކުރައްވައެވެ. ގަބޫލު ކުރެއްވުމާއެއް ގޮތަށް ނަތީޖާ ނެރެދެއްވަން ހިއްވަރު ކުރައްވައެވެ. 

މޭޔަރ އާޒިމް ވިދާޅުވަނީ ސަލާމަތާއި ރައްކާތެރިކަން ނެތް މުޖުތަމައުއެއްގައި ނޫޅެވޭނެ ކަމަށެވެ. ހިތާމައާއިއެކު އާޒިމު ފާހަގަ ކުރައްވަނީ ދިވެހި މުޖުތަމައުގެ އަދުގެ ހާލަތުގެ ބިރުވެރިކަމެވެ. ނުރައްކާތެރިކަމެވެ. މިހާރު ރާއްޖޭން ފެނިގެންދަނީ ސަލާމަތާއި ރައްކާތެރިކަން ނެތް މުޖުތަމައުއެއްގެ މަންޒަރު ކަމަށް އާޒިމް ވިދާޅުވެއެވެ. 

މާލޭ މޭޔަރު ވިދާޅުވާގޮތުގައި ސަލާމަތާއި ރައްކާތެރިކަން ގެއްލިގެން ދަނީ ގާނޫނުތައް ތަންފީޒު ނުކުރެވުމުގެ ސަބަބުންނެވެ. ގާނޫނު ތަންފީޒު ކުރުމުގައި އިދާރާތައް ފަސްޖެހޭ ކަމަށް އާޒިމް ފާހަގަ ކުރައްވައެވެ. ގޯސްކޮށް ކަންތައްތަކެއް ކުރަމުންދާއިރު ވެސް ފިޔަވަޅު ނޭޅި ދޫކޮށްލެވިގެން ދާތަން ފެންނަމުންދާ ކަމަށް އާޒިމް ވިދާޅުވެއެވެ.

އާދަމް އާޒިމް ވިދާޅުވާގޮތުގައި ގާނޫނު ތަންފީޒު ކުރުމުގައި ރާއްޖޭގެ އިދާރާތައް އޮތީ ވަރަށް ބަލިކަށިކޮށެވެ. ގާނޫނު ތަންފީޒު ކުރުމުގައި އިދާރާތައް ނިކަމެތިވެގެން ގޮސް މުޅި ރާއްޖެ ހަލާކުވަމުންދާ ކަމަށް މާލޭ މޭޔަރު ވިދާޅުވެއެވެ. 

ދިވެހި ރާއްޖެއަކީ "މިހާރު ކުޅޭ ކުޅޭ ތަނެއް" ކަމަށް ދެކިވަޑައިގެން އާޒިމު ވިދާޅުވެ ދެއްވަނީ ރާއްޖޭގެ އަދުގެ ހާލަތެވެ. "އެމީހަކު އުޅޭނެހާ ގޮތަކަށް އުޅެންވީ. ކުރާނެ ކަމެއް ކުރަންވީ. އެކަން އެ ފެންނަނީ. މިއީ މުޅި ރާއްޖޭގެ ވެސް ހާލަތު" ކަމަށް އަސަރާއެކު ސިފަކޮށް ދެއްވައެވެ. މާލޭ މޭޔަރު ދެކިވަޑައިގަންނަވާ ގޮތުގައި ހުރިހާ ތަންފީޒީ އިދާރާތަކުން ވެސް އެއްވެސް ކަހަލަ އުޒުރެއް ނުދައްކައި ގާނޫނު ތަންފީޒު ކުރަމުންދާން އެބަޖެހެއެވެ. 

"ކުޅޭ ކުޅޭ ގައުމެއް ގޮތުގައި މި ގައުމު ބާއްވާކަށް ރައްޔިތުންނެއް ނޭދޭ " ކަމަށް އާޒިމު ވިދާޅުވެއެވެ. އާޒިމް ވިދާޅުވަނީ ގައުމު ހަމަ މަގަށް އެޅުވުމަށް މަގާމުތަކަށް އިންތިހާބުވެފައި ތިބި މީހުންނާއި އައްޔަނު ކުރެވިފައި ތިބި އެންމެން ވެސް ގާނޫނާއި ގަވައިދުތައް ތަންފީޒުކުރަން އެބަޖެހެއެވެ. އެ ނޫން ގޮތަކަށް ރާއްޖެ ސަލާމަތް ކުރެވެން ނެތްކަމަށް އާޒިމް ވިދާޅުވެއެވެ.