ރިޔާސީ އިންތިހާބުގައި ދައްކަންޖެހޭ ނުދައްކާ ވާހަކަ
ކޮންމެ މީހަކުވީ ނުކުޅަދާނަ ވައުދު ތަކެއް
ރިޔާސީ އިންތިހާބެއް ނިމިއްޖެއެވެ. ތަފާތު މެނެފެސްޓޯ ފެނިއްޖެއެވެ. ފޯކަސް ހުރި ދިމާތައް ވެސް ސާފުވެއެވެ. ރާއްޖޭގައި ހައްލުކުރަން ހުރި ކަންތައް ގިނައެވެ. ނިމި ދިޔަ ބޮޑު އިންތިހާބުގެ ފޯރިގަނޑުގެ ތެރޭގައި ފުލުފުލުގައި ބޮޑެތި ވައުދުތައް ވަމުން ދިޔައެވެ. އެހުރިހާ ވައުދެއް ފުއްދިއްޖެނަމަ ވަރަށް ގިނަ މައްސަލަތަކަށް ހައްލު ލިބިގެން ދާނެއެވެ.
އެހެން ނަމަވެސް އެއްވެސް ކެންޑިޑޭޓަކު ނުދައްކާ ވާހަކަތައް ވެސް ހުއްޓެވެ. ދެއްކިޔަސް މާބޮޑު އިސްކަމެއް ދިންކަން ފާހަގަ ނުކުރެވޭ މުހިންމު ބޮޑެތި މައްސަލަތައް ހުއްޓެވެ. ކިޔަން ވެއްޖެއްޔާ ކޮޅުންލާކަށް ނެތެވެ.
ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ ވާހަކައަކީ އެއް ވާހަކައެވެ. އެމީހުން ކޮންމެ ދުވަހަކު މިރާއްޖޭން ބޭރުކުރާ ބޭރުފައިސާގެ ގިނަކަމެވެ. އާއްމު ވިޔަފާރިތަކާއި ފައިސާ މާރުކުރުމުގެ ކޮންޓްރޯލު ލޭބަރުންގެ ގޮތުގައި ރާއްޖެއަށް އައިސްތިބި ބަޔެއްގެ އަތް މައްޗަށް ގޮސްފައި އޮތް އޮތުމެވެ.
ފުޅާވެ ފެތުރިފައިވާ ހަށިވިއްކުމުގެ ވިޔާފާރި ހުއްޓުވުމުގެ ވާހަކަ ދެއްކި މީހަކު ނެތެވެ. ހަށިވިއްކުމުގެ ވިޔާފާރީގައި އުޅޭ ބޭރުމީހުންގެ މަގުން ބޭރުވެގެންދާ ގިނަ އަދަދެއްގެ ބޭރުފައިސާ ބޭރުވުން ހުއްޓުވޭނެ ގޮތުގެ ވާހަކައެއް ނުދައްކައެވެ. މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމާ ބޭރު މީހުންނާ ގުޅި ލާމެހިފާ އޮތް އޮތުމަށް ނިމުމެއް ގެނެވޭނެ ގޮތް ހެދުމުގެ ވާހަކަ ބޯހިޔާވަހިކަމުގެ ތެރެއަކުން ނާދެއެވެ.
ފަރުދުން މަތި މައްޗަށް ބޭންކްތަކަށް ދަރާ ދަރަނި އަދާނުކުރެވި ހިފެހެއްޓުމެއް ނެތި އަރާ އިންޓްރެސްޓްގައި ބަނދެވިގެން އެބަ އުޅެއެވެ. ބެންކް ތަކުގެ ދަންތުރައިގައި ޖެހި ބޮޑެތި ބޮޑެތި އާއިލާތައް ފުޑުފުޑުވެ މަގުމަތިވެ ގޮތް ހުސްވެފާ އެބަތިއްބެވެ. އެ މީހުނަށް ނޭވާ ލެވޭނެ ގޮތް ހަދާދޭން ކުރާނެ ކަމެއްގެ އެއްވެސް ވާހަކައެއް އެކަކުވެސް ނުދައްކައެވެ.
ކަންކަން ޑިޖިޓަލައިޒްވެ ހިދުމަތުގެ ކުރުމަގު އޮވެމެ ސަރުކާރުގެ އޮފީސް ތަކުން ދޭ ހިދުމަތް ލަސްވެ ފަސްވެ ދިގުދެމި ރައްޔިތުމީހާ ގަންހިންގުން ހުއްޓުވަން ކުރާނެ ކަމެއް ރަނގަޅަށް ބުނެއެއް ނުދެވެއެވެ. ކުރިން އެއްދުވަހުން ހެދޭ އައިޑީ ކާޑާއި ޕާސްޕޯޓް ހަދަން މިހާރު ދިހަބާރަ ދުވަސް ނެގުން ފަދަ އެތައް ކަމަކަށް އޮތް ހައްލެއް ދައްކާ ނުދެވެއެވެ.
ދައުލަތުން ކުރާ ކޮންމެ ކަމެއްގައި އަތްގުޅި ނުކާވަރުގެ ބޮޑު ހޭދައެއް ނުކޮށް އެއްވެސް ކަމެއް ނުކުރެވޭ ގޮތަށް ބައްޓަންވެފައި އޮންނަ އޮތުން ނިމުމަކަށް ގެނެވޭނެ ގޮތެއް ހޯދުމުގެ ވިސްނުމެއް ނެތެވެ. ކުރެވޭ ކޮންމެ ކަމަކީ ތިންވަލު ކޮޅުން ކަމިޝަން އެޖެންޓުންނަށް ބައިނޭޅި ކުރެވޭ ކަމަކަށް ހެދުމަށް ކަންކަން ކުރުމުގެ އޮނި ގަނޑަށް ބޮޑު ހެޔޮ ބަދަލެއް ގެނެވޭނެ ގޮތުގެ ތަސައްވުރެއް ނުގެންގުޅެއެވެ.
ސަރުކާރުގެ މައި ހޮސްޕިޓަލުން ސްޕެސަލިސްޓަކަށް ދެއްކުމަށް މަސް ދެމަސްވަންދެން ވެއިޓިންގ ލިސްޓްގައި ބަލިމީހާ އޮންނަން ނުޖެހޭ ގޮތެއް ހޯދައެއް ނުދެވެއެވެ. ސިއްހީ ހިދުމަތް ހޯދުމަށް އުފުލަން ޖެހޭ ތަކުލީފް އާސަންދަ ޕޯޓަލާއި ހިލޭބޭހާ ހަމައިން ނިމޭކަމަށް ދެކޭ ދުށުމަށް ބަދަލެއް ނުގެނެވެއެވެ. ބާރު ސްޕީޑްގައި ވެލްފެއަރ ސްޓޭޓަކަށް ރާއްޖެ ބަދަލު ކުރުން ނޫން އެހެން ވިސްނުމެއް އަށަގަންނާތީއެއް ނުފެނެއެވެ.
ދައުލަތުގެ އެސެޓް ބޭނުންކޮށްގެން ވަކިވަކި މީހުން މުއްސަނދިވެ އުޑަށް ވާހަކަ ގޮވޭވަރު ވަމުން އެބަދެއެވެ. ނަމަވެސް އެ ވިޔާފާރި ތަކުން ޓެކްހާއި ކުލިކޮޅު ނޫނީ ދައުލަތަށް ނުލިބި އޮންނަ އޮތުން ނިމުމަކަށް ގެނެވޭނެ ގޮތެއް އަމްދުން ނުކިޔައެވެ.
އިޖުތިމާއީ ދިރިއުޅުމާ ގުޅިފައިހުންނަ ކުދިކުދި އެހެނަސް ތަކްލީފު ބޮޑު މައްސަލަތައް ހައްލު ނުކޮށް މެގަ ޕްރޮޖެކްޓަކުން ކުރާނެ ފައިދާއެއް ނެތެވެ. މާއްދީ ވިސްނުމެއްގައި ކަންކަމަށް ހެޔޮ ބަދަލެއް ނުގެނެވޭނެއެވެ. ބަޔަކު ކިޔާފާނެ އެއްޗަކަށްޓަކާ ނުކުޅަދާނަ ވައުދުތަކެއް ފުއްދުމަށްވުރެ ލުއިފަސޭހަކޮށް ހަރަދުކުޑަކޮށް ކަންކަން ރައްޔިތުންނަށް ކުރެވޭނެ އިންތިޒާމެއްގެ ތެރެއިން ކަންކަންވުން މާއުފާވެރިއެވެ.