މިނިވަން މުއައްސަސާތަކުގެ ދަތްފަޅާ މޫސުން
މަހުން މަހަށް ބޮޑު މުސާރަ ކާލައިގެން ތިބުން ނޫން ކަމެއް ނުކުރޭ
ނަން ހުސްކޮށް ރާއްޖޭގައި މިނިވަން މުއައްސަސާ އެބަހުއްޓެވެ. ގާނޫނު އަސާސީން ލާޒިމު ކޮށްގެން އުފައްދާފައި ހުންނަ މުއައްސަސާ ތަކާއި ގާނޫނުން ލާޒިމުކޮށްގެން އުފައްދާފައި ހުންނަ މުއައްސަސާތަކެވެ. ތިންބާރު ވަކިވެފައިވާ ޑިމޮކްރެޓިކް ދައުލަތެއްގައި މިނިވަން މުއައްސަސާތައް ހުންނަނީ ފާރަވެރިވުމާއި ހަމަ ހިފެހެއްޓުމަށް ޓަކައެވެ. ދުނިޔޭގެ ގައުމެއްގައި ހުރިއްޔާ ހުރި ވައްތަރެއްގެ މުއައްސަސާއެއް ރާއްޖޭގައި އެބަހުއްޓެވެ.
ގާނޫނު އަސާސީން ލާޒިމުކުރާ މުއައްސަސާ ތަކުގެ އިތުރަށް ހަދާ ކޮންމެ ގާނޫނަކަށްހެން އެ ގާނޫނެއްގެ ބެލެނިވެރި މުއައްސަސާއެއް ގާނޫނުން މިހާރު އުފައްދައެވެ. ގާނޫނުން ހާސިލް ކުރަން ބޭނުންވާ ލަނޑުދަނޑި ތަކަށް ވުރެ ބޮޑަށް އެ ގާނޫނެއްގައި ބަޔާން ވެފައި އޮންނަނީ ބެލެނިވެރި މުއައްސަސާ އުފެދޭ ގޮތާއި މުއައްސަސާގެ މެންބަރުން ކަނޑައަޅާ ގޮތާއި އެ މީހުނަށް އޮންނަ އިނާޔަތާއި ހިމާޔަތާއި އުޖޫރައިގެ ވާހަކައެވެ. ގާނޫނެއްގެ ތިންބައިކުޅަ ދެބައަށް ވުރެ ބޮޑުވާނީ މުއައްސަސާއާއި ބެހޭ ތަފްސީލް ތަކެވެ. ހާސިލް ކުރަން އުޅޭ ލަނޑުދަނޑީގެ ވާހަކަ ގިނަ ފަހަރަށް އޮންނާނީ ނަމެއް ގައެވެ.
ގާނޫނު ތަކުން އެކި ނަން ނަމުގައި މުއައްސަސާތައް އުފައްދައިގެން ކުރަން އުޅޭ ކަމަކީ ކޮންމެވެސް ބަޔަކަށް ބޮޑު މުސާރައާއި އިނާޔަތް ތަކާއި އިމްތިޔާޒު ތަކެއް ހޯދާ ދިނުމޭ ބުނާވަރު ވެއެވެ. އެ މުއައްސަސާއެއް އުފެއްދުމުގެ މަގުސަދު ކަމަށް ބުނެފައިވާ ކަންކަން ހާސިލުވެ މުޖުތަމައު ހަމަމަގަށް އެޅޭތަނެއް އެކަމަކުން ނުފެނެއެވެ. ވިއްޔާ ވަނީ އިހުނަށްވުރެ ގޯހެވެ.
އިންޓަރގްރިޓީ ކަމިޝަނެއް ބްރޮޑްކާސްޓިން ކަމިޝަނެއް މީޑިއާ ކައުންސިލެއް އަދި އެކި ނަންނަމުގައި ހައްގު ހޯދައިދޭން އުފައްދާފައި އޮތްހާ ކައުންސިލް ތަކުގެ ނަންތަކެއް ވަކިވަޚީން ކިޔާނެ ކަމެއް ނެތްތާއެވެ. ބެލެނިވެރި ކައުންސިލެއް ކަމިޝަނެއް ނެތް ދާއިރާއެއް ރާއްޖޭގައި ނެތެވެ. މި ހުރިހާ ތާކުން އެ މީހުންގެ ވާޖިބުތައް ފުރިހަމައަށް އަދާ ކުރާނަމަ ރާއްޖޭގައި ކަންކަން ހުރީހީ ހަމަ މަގުގައެވެ. އެހެނަސް ކަންކަން ހިނގަނީ އެ މަގުން ނޫންކަން އެންމެނަށް ވެސް އެނގެއެވެ.
ކޮރަޕްޝަނާ ފަސާދަ އާއްމު ވެފައިވާ އިރު އެންޓިކޮޕަޕްޝަން ކަމިޝަން އޮންނަނީ ގަދަ ނިދީގައެވެ. އިންސާނީ ކަރާމާތާއި ހައްގުތައް ގެއްލި މީހުންގެ އަބުރުކަތިވެ ވެއްޔާ މޮޑެވޭއިރު ހިއުމަން ރައިޓްސް ކޮމިޝަން އޮންނަނީ ވާގިނެތިފައެވެ. މިނިވަންވީ ވީނުން ބްރޮޑްކާސްޓް ކުރުމާއި ނޫސްވެރިކަން އޮތީވެސް ހައްދުން ނައްޓާފައެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކާ ސަރުކާރު ކުންފުނި ތަކުން ހަދާނެ އެއްޗެއް ހަދާއިރު ބެލެނިވެރި މުއައްސަސާ އޮންނަނީ ލޮލަށް މިރުސް އެޅިފައެވެ. މިހެން ކިޔަން އޮތީ އެއްކަމެއް ދެކަމެއް އެއްތަނެއް ދެތަނެއްގެ ވާހަކައެއް ނޫނެވެ.
މުޅި ދައުލަތުގެ ޗެކް އެންޑް ބެލެންސް ނިޒާމު އޮތީ އެކީ އެކައްޗަކަށް ފޭލިވެފައެވެ. އެހެނެއް ކަމަކު އެތަން ތަނަށް ދައުލަތުން ކުރާ ހޭދައާއި ނަގާ މުސާރައާއި އިނާޔަތްތައް ދުވަހެއް ދުވަހަކަށް ވަނީ ބޮޑެވެ. އެތަންތާ އުޅޭ މީހުންގެ ފާޓުވަނީ ފުޅަލެވެ.
އެކަމަކު ބުނަން ހެއްޔެވެ. ކޮންމެ ފަސް އަހަރަކުން އެއްފަހަރު ބައެއް ތަންތަން ހޭލާ މޯޅިއަކަށް ދެމެލާ ވަގުތު ކޮޅެއް އައުދެއެވެ. ރިޔާސީ އިންތިހާބަށް ހިއުމަން ރައިޓްސް ކަމިޝަން އާ ފުރެލާނެއެވެ. ވެރިކަން ބަދަލުވެ އައުސަރުކަރަކާ ހިންގުން ހަވާލުކުރާ ބަދަލުގެ މަރުހަލާގައި އެންޓި ކޮރަޕްޝަން ކަމިޝަނާއި ޕަބްލިކް ކުންފުނިތަކުގެ ބެލެނިވެރި ބޯޑް ލޯހުޅުވާލާ އެސްފިޔަ ޖަހާލާނެއެވެ. ފާރަވެރި އެހެން މުއައްސަސާތައް ވެސް އެ ދުވަސްވަރު ފުރޮޅިލާފާ އަނެއްކާ ވެސް ނިދާ ހަރުވާނެއެވެ.
ހަމަ ތެދެކެވެ. ގިނަ މުއައްސަސާ ތަކަށް ރިޕޯޓް ގަނޑެއްވެސް އަހަރެއްގެ ތެރޭގައި އިހުތިސާސްގެ ދަށުގައިވާ ކަންކަމާ ގުޅިގެން ނެރެ ނުލެވެއެވެ. މަހުން މަހަށް ބޮޑު މުސާރަ ކާލައިގެން ތިބުން ނޫން ކަމެއް އެ މީހުން ނުކުރެއެވެ. ގޯސްވާނީ މި ވާހަކަ ދައްކާ މީހާއެވެ. އެ މީހުނަށް ކިރިޔާވެސް ބަހެއް ބުނެ ލެވެނީ ޓްރާންސިޝަން ޕީރިއަޑް ގައެވެ. ވެރިކަން ބަދަލުވުމުގެ މަރުހަލާއަކީ ފާރަވެރި މުއައްސަސާ ތަކުގެ ދަތްފަޅާ މޫސުމެވެ.