ޒިނޭކުރުން ހުއްޓުވަން ޖިންސީ ގުނަން ކަނޑާލަންވީތަ!
އެކްސިޑެންޓެއް ހިނގުމުން ކަމުން ރެކި ގައިން ނެއްޓުން ނޫންކަމެއް ކުރާތީއެއް ނުފެނޭ!
މަގުމަތީ އެކްސިޑެންޓް ތަކުގައި މަރުވާ މީހުންގެ ނިސްބަތް މާލެ ސަރަހައްދުގައި އިންތިހާއަށް ގިނަވެއްޖެއެވެ. ހިނގާ އެކްސިޑެންޓްގެ ނިސްބަތުން މަރުވާ ރޭޓަކީ ކުޑަ މިންވަރެއް ކަމަށް ބެލެވޭކަށް ވެސް ނެތެވެ.
އެކްސިޑެންޓްގައި ފުރާނަ ނުދިޔަސް ދާއިމީ ނުކުޅެދުންތެރިކަމެއް ނުވަތަ ޒަމާނަށް ދެމިގެންދާ ވޭނެއް ތަހައްމަލް ކުރަން ޖެހިފައިވާ މީހުން އެހާމެ ގިނައެވެ. ހަމަ އެހެންމެ މާލީ ބޮޑެތި ގެއްލުންތަކެއް ނުލިބޭ އެކްސިޑެންޓެއް ހިނގަނީ ހަމަ ހާލަކުންނެވެ.
އެކްސިޑެންޓެއް ހިނގުމުން އެވާހަކަ ނިކަން ބާރަށް ދައްކާލުމަށް ފަހު އެ ވާހަކަ ހިނދެގެން ދެއެވެ. ކުށްވެރިކުރުމާއި އިލްޒާމު އެޅުވުމަކީ މައްސަލައިގެ ހައްލޭ ހީވާ ވަރަށް ކަމުން ރެކި ގައިން ނެއްޓުން ނޫންކަމެއް ސަރުކާރުންވެސް ކުރާތީއެއް ނުފެނެއެވެ.
ކޮންމެ އެކްސިޑެންޓެއް ތަހުގީގުކޮށް އެވަގުތަކަށް އަޅަން ފެންނަ ފިޔަވަޅެއް ވެސް އަޅައެވެ. އެހެންނަމަވެސް ޖުމްލަ ހައްލެއް ހޯދުމަށް އެކްސިޑެންޓް ތަހުގީގު ކުރެވި ވަށާޖެހޭ ފިޔަވަޅުތަކެއް އެޅޭތީއެއް ނުފެނެއެވެ. އެކިފަހަރު މަތިން ހިނގާފައިވާ އެކްސިޑެންޓްތަކުގައި ހުރި އެއްގޮތް މައްސަލަތައް ދެނެގަނެ ދުރާލާ ފިޔަވަޅެއް އެނީ ވަރަށް މަދުންނެވެ.
ނުރައްކާތެރި އެކްސިޑެންޓެއް ހިނގުމުން ޖަޒްބާތުގައި ކަންކަން ކުރެވޭތަން ފެނެއެވެ. ލައިސަންސް ހިފެހެއްޓުމަށް ބަންދުކުރުމާއި މަގުގެ ލޭނު ބަދަލުކުރުން ފަދަ ކަންކަން ކުރެއެވެ. ހުސްވި ހަފްތާގައި ދިމާވި އެކްސިޑެންޓްތަކާއި ގުޅިގެން އަޅުއްވަން ރައީސް ނިންމެވި ފިޔަވަޅުތަކަކީ އޭގެ މިސާލެކެވެ. ރޭސް ކާރުތައް ބާރަށް ދުއްވާތީ ރޭސިންގ ޓްރެކް ނުހަދާ ގޮތަށް ނިންމެވި ނިންމެވުމެކޭ ޒިނޭކުރުން ހުއްޓުވަން ޖިންސީ ގުނަން ކަނޑާލުމެކޭ އޮތީ ކޮންތަފާތެއް ހެއްޔެވެ. ރޭސްކާރު ވެސް އެނޫން ވެހިކަލްތައްވެސް ގެނެވޭ މީހުން ގެންނާނެއެވެ. ކުރަންޖެހޭ ކަމަކީ ރަނގަޅަށް މޮނިޓަރކޮށް ތަންފީޒުކުރެވޭ ގޮތަށް ގަވައިދުތައް ހަދައިގެން ތަންފީޒު ކުރުމެވެ.
އެންމެ މުހިންމު ކަމަކީ އެކްސިޑެންޓް ވުމުގެ ފުރުސަތު ދުރާލާ ކުޑަކުރުމެވެ. ކަންކަން މަނާކޮށްގެން އޮބި އަޅުވައިގެން ކަންކަން ކުރަން އުޅެންޏާ ރަނގަޅު ގޮތުގައި އެއްކަމެއް ވެސް ނުކުރެވޭނެއެވެ. މީހަކު އުޑުގައި ޖެހިފައި ބިމުގައި ޖެހުނަސް ވަކިމީހަކަށް ނުބަލާ ކަންކަން ތަންފީޒު ނުކުރެވޭހާ ހިނދަކު ކަންކަން ލާނީ ބޮޑުތަނުން ބޮއްސުމެވެ.
ރާއްޖޭގައި ހިނގާ އެކްސިޑެންޓްތައް އަޅާކިޔާ އެކްސިޑެންޓް ހިނގުން ދިމާވާ ސަބަބުތައް ދެނެގަނެވި ސަބަބުތައް ނައްތާލެވިގެން ނޫނީ ޖުމްލަ ހައްލެއް ނުލިބޭނެއެވެ. މިސާލަކަށް ހުޅުމާލޭ ސެންޓްރަލް ޕާކް ހެދީއްސުރެ އެތާނގެ ވަށައިގެން އޮތް މަގުގައި މަރުވެ ގޮސްފައިވާ މީހުންގެ އަދަދަށް ބަލައިލިޔަސް ކޮންމެސް ގޯހެއް އުޅޭކަން ފާހަގަ ވާނެއެވެ. އެހެނެކޭ ކިޔާފާ ސެންޓްރަލް ޕާރކް ނައްތާލަން ވީހެއްޔެވެ. އެތަން ނައްތާލާކަށް ނުޖެހެއެވެ. އެތައް ގޮތަކަށް އެތާގެ ޓްރެފިކް ރޫޓް ބަދަލުވެސް ކޮށްފިއެވެ. ވީކަމެއް ހަރާމެވެ. އެހެން ދިމާވާ އަސްލު ރޫޓުކޯސް ދެނެގަނެވި ހައްލު ހޯދޭ ކަމަކަށް ނުވެއެވެ. ވާނީ އެހެންތާއެވެ. ކަންކަން ރަނގަޅު ކުރުމުގެ ފޯކަސް ހުންނަނީ އެކަމަކާއި އެވަގުތަކާއި އެހާލަތަކަށް އެކަންޏެވެ.