އައްޑޫ 8000 ޓޫރިސްޓް އެނދާއެކު ދުނިޔެއަށް ހުޅުވުން
ގެސްޓް ހައުސްގެ ވިޔަފާރި ފުޅާ ކުރުމަށް 200 މިލިއަން ރުފިޔާގެ ލޯނު ސްކީމެއް އެސް.އެމް.އީ ބޭންކުން
އައްޑޫގައި 8000 ޓޫރިސްޓް ބެޑް އުފައްދާ ވާހަކައަކީ ސަމާސާ ވާހަކައެއް ނޫނެވެ. ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީގެ ތެރެއަށް ޓޫރިޒަމް ގެންގޮސް އޭގެ ހެޔޮ ނަފާ އައްޑޫ ރައްޔިތުންނަށް ހޯދާ ދިނުމަކީ ރައީސް ސާލިހުގެ އެންމެ ބޮޑު އެއް އަމާޒެވެ. އެ އަމާޒަށް ވާސިލު ވުމަށް ކުރައްވަން ހުރި ކަންކަން ކެނޑިނޭޅި ކުރައްވަމުން އެބަ ގެންދަވައެވެ.
ގަން އިންޓަރނޭޝަނަލް އެއަރޕޯޓް އެންމެ ޒަމާނީ ފެންވަރަށް ތަރައްގީކޮށް ފަތުރުވެރި ކަމަށް ފަހި ދުނިޔޭގެ ފެންވަރުގެ އެއަރޕޯޓަކަށް ބަދަލު ކުރުމުގެ އަމަލީ މަސައްކަތް މިހާރު ވަނީ ފެށިފައެވެ. އައްޑޫ ސިޓީ ގަން އެއަރޕޯޓަކީ ބޭރު ދުނިޔެއިން ސިދާ ފުލައިޓްތައް އަންނަ ތަނަކަށް ހެދުމަށް ކުރަންޖެހޭ ކަންވެސް އަންނަނީ ކުރަމުންނެވެ. މިހާރު ވެސް ފްލައިދުބާއީ އައްޑޫއަށް ސިދާ ދަތުރުތައް ފެށުމަށް އޮތީ ހަމަ ޖެހިފައެވެ.
ފްލައިދުބާއީގެ ފްލައިޓްތައް އައްޑުއަށް ސީދާ ދަތުރުތައް ފަށާއިރު އޭގެން އަންނަ ފަތުރުވެރިންނަށް އަހުލުވެރި މާހައުލަކަށް އައްޑޫ ހެދުމަށް މިހާރުން މިހާރަށް ކުރެވެން ހުރި ކަންކަން ކޮށް ނިންމުމަށް އައްޑޫ ސިޓީ ކައުންސިލުންނާއި ކަމާބެހޭ އިދާރާތަކުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންވެ. އެގޮތުން ރެސްޓޯރެންޓްތައް އަޕްގްރޭޑް ކުރުމާއި، ފަތުރުވެރިންނަށް ހާއްސަ ބީޗް ތަކެއް ތަރައްގީ ކުރުމުގެ މަސައްކަތް ޖަމާއަތުގެ ފެންވަރުގައި ކުރެވެމުން އެބަ ދެއެވެ.
އައްޑޫ ސިޓީގައި މިހާރު ހުރީ ޖުމްލަ 1506 ފަތުރުވެތި އެނދެވެ. އޭގެތެރެއިން 1086 އެނދު ހުރީ އެ ސަރަހައްދުގައި އޮތް 3 ރިސޯޓްގައެވެ. ބާކީ ހުރި އަނެއް 420 އެނދު ހިއްސާ ކުރަނީ 156 އެނދުގެ ސިޓީ ހޮޓަލަކުންނާއި 264 އެނދު ހިއްސާކުރާ 18 ގެސްޓްހައުސްއިންނެވެ. އާނއެކެވެ. އެންމެ 1506 އެނދަކީ ނަފާވެރި ފަތުރުވެރި ކަމަކަށް އައްޑޫ ސިޓީއަށް އެކަށީގެންވާ މިންވަރެއް ނޫނެވެ. ހަމަ އެހެންމެ އެނދު މަދުވުމަކީ އައްޑޫ ސިޓީއަށް ދުނިޔޭގެ ކަންކޮޅު ތަކުން ފްލައިޓްތައް އައުމަށް ހުރަސް އެޅޭ އެއް ސަބަބެވެ.
ފަތުރުވެރި ކަމަށް ހާއްސަކޮށްގެން އައްޑޫ ސިޓީއަށް 8000 އެނދު އިތުރު ކުރުމުގެ ޕްރޮގްރަމެއް ރާވާ ހިންގަން ރައީސް ސާލިހު ނިންމެވީ އެހެން ވެގެންނެވެ. 8000 އެނދުގެ ޕްރޮގްރާމް ކާމިޔާބު ކުރުމަށް ވަށާޖެހޭ ގޮތަށް ކުރަން ހުރި ހުރިހާ ކަމެއް ރޭވުންތެރި ކަމާއެކު ސަރުކާރުން އެބަކުރެއެވެ.
ސަރުކާރުން އައްޑޫ ސިޓީގައި 8000 އިތުރު ކުރަން ހިންގަން ރާވާ ކުރިއަށްދާ އެތައް ޕްރޮޖެކްޓެއް އެބަ އޮތެވެ. ހަންކެޑެ ޕްރޮޖްކްޓްއާއި ޓޫރިޒަމް ޒޯން ޕްރޮޖެކްޓް އެވެ. ކުރޫޒް ޓަރމިނަލް އާއި ސަންސެޓް ބީޗްއެވެ. ދޫގަސް އެއަރޕޯޓް ހޮޓެލްއާއި މާރަނގަ އެއަރޕޯޓް ހޮޓެލްއެވެ. ބިން ހިއްކައިގެން ތަރައްގީކުރާ އިތުރު 5 ރިސޯޓެވެ.
އައްޑޫ ސިޓީއަށް އިތުރު ކުރާ ޓޫރިސްޓް ބެޑުތައް އިތުރު ވެގެން ދާނެ ގޮތް ވެސް އޮތީ ކަނޑައަޅާ ނިމިފައެވެ. ހުވަނެއްގެ ގޮތުގައެއް ނޫނެވެ. އަމާޒަށް ވާސިލުވުމަށް އެކި މަރުހަލާގައި މަސައްކަތްތައް ބާރަށް ކުރިއަށް އެބަދެއެވެ. އައްޑޫ ސިޓީއަށް 8000 ފަތުރުވެރި ބެޑް އިތުރު ވެގެން ދާނީ އަންނަނިވި ގޮތުގެ މަތިންނެވެ.
- ހަންކެޑެ ޕްރޮޖްކްޓް: 2400 އެނދު
- ޓޫރިޒަމް ޒޯން ޕްރޮޖެކްޓް: 5100 އެނދު
- ކުރޫޒް ޓަރމިނަލް: 300 އެނދު
- ސަންސެޓް ބީޗް: 240 އެނދު
- ދޫގަސް އެއަރޕޯޓް ހޮޓެލް: 260 އެނދު
- މާރަނގަ އެއަރޕޯޓް ހޮޓެލް: 100 އެނދު
- ބިން ހިއްކައިގެން ތަރައްގީކުރާ 5 ރިސޯޓް: 1000 އެނދު
އައްޑޫ ޓޫރިޒަމް ޒޯނުން ޝައުގުވެރިކަން ހުރި ފަރާތް ތަކަށް ބިން ދޫކޮށް ގެސްޓް ހައުސްއާއި ސިޓީ ހޮޓާތައް ތަރައްގީ ވެގެން ދާނެއެވެ. ރާއްޖޭގެ އުތުރާއި ދެކުނުގައި ގެސްޓް ހައުސްގެ ވިޔަފާރި ފުޅާ ކުރުމަށް 200 މިލިއަން ރުފިޔާގެ ލޯނު ސްކީމެއް އެސް.އެމް.އީ ބޭންކުން ތައާރަފްކޮށް އައްޑޫ ޓޫރިޒަމް ޒޯނުގައި ގެސްޓްހައުސްއާއި ސިޓީ ހޮޓާ އަޅަން މާލީ އެހީ ފޯރުކޮށްދީ، " އައްޑޫ ސްޓޭޓަސް އެންޑް ސްޓޭކް ހޯލްޑަރ އެންގޭޖްމަންޓް" ގެ ތެރެއިން އިގްތިސާދީ ފަހިކަން އިތުރުވެގެން ދިޔުމަކީ ހުވަފެނެއް ނޫނެވެ.
އައްޑޫ ސިޓީ ނަފާވެރި އުފާވެރި ތަނަކަށް ހެދުމަށް ބޭނުންވަނީ ސަރުކާރަށް އައްޑޫ ރައްޔިތުންގެ އިތުބާރާއި އެއްބާރުލުމެވެ. ރައީސް ސާލިހުގެ އަމާޒު ހަގީގަތަކަށް ހެދުމަށް އައްޑޫ ރައްޔިތުން ރައީސް ސާލިހާ އަތުގުޅާލުމެވެ.