11 އަހަރު : އިންސާފެއް ނުލިބުނު
އެތައް ނަޒަރިއްޔާއެއް ޑރ. އަފްރާޝީމްގެ ގަތުލާ ގުޅިފައިވޭ
މީގެ 11 އަހަރު ކުރިއެވެ. 2012 ވަނަ އަހަރުގެ އޮކްޓޫބަރ މަހުގެ އެއްވަނަ ދުވަހުގެ ރެއެވެ. އެރޭގެ މެންދަމަށް އެޅިތަނާ މުޅި މާލެ ސިއްސުވާލީ ބިރުވެރި ނާމަން އަޑަކުންނެވެ. އުނގޫފާރު ދާއިރާގެ އޭރުގެ އިއްޒަތްތެރި މެންބަރ ޑރ. އަފްރާޝީމް އަލީ އަނިޔާވެރި ރަހުމުކުޑަ ގޮތަކަށް ޝަހީދުކޮށްލި ކަމުގެ ބިރުވެރި އަޑެވެ. ދިރިއުޅުއްވާގޭގެ ސިޑި ދަށުގައި އަފްރާޝީމްގެ ހަށިކޮޅު ތޫނު ހަތިޔާރުގެ ޝިކާރައަކަށް ވެފައި އޮންނަވަނިކޮށް ފެނުނު ހިތާމަވެރި ހަބަރެވެ.
ޑރ. އަފްރާޝީމް ޝަހީދު ކޮށްލި ހަދިސާ ހިނގާ ދިޔަގޮތުގެ ހަގީގަތް އަދި އަދަށްވެސް އޮތީ ސާފުނުވެއެވެ. ޑރ. އަފްރާޝީމް އަވަހާރަ ކޮށްލުމުގެ ކުށުގައި ނުއުމުރުގެ ޒުވާނަކު ހައްޔަރުކޮށް އޭނާގެ މައްޗަށް ކުށްވަނީ ސާބިތުވެފައެވެ. ކުށް ސާބިތުވެފައިވާ ޒުވާނާ އެވަރުގެ ކަމެއް ޑރ. އަފްރާޝީމަށް ކުރަންޖެހިދާނެ ސަބަބެއް އޮވެދާނެ ކަމަށް ސަބަބުވެރި އިންސާނީ ބުއްދިއަކަށް ގަބޫލެއް ނުކުރެވެއެވެ. އެހެންކަމުން ޑރ. އަފްރާޝީމްގެ މަރަށް އިންސާފު ހޯދާ ދެވުނު ކަމަށް އެއްވެސް އިންސިއަކު ގަބޫލެއް ނުކުރެއެވެ.
ޑރ. އަފްރާޝިމް ޝަހީދު ކޮށްލިކަމަށް ސާބިތުވެފައިވާ ޒުވާނާ އާއި، ޑރ. އަފްރާޝީމްއާއި އެއްވެސް ޒާތީ ހަސަދައެއް އޮންނަން ޖެހޭ ހާލަތެއް އޮވެދާނެ ކަމަށް ގަބޫލެއް ނުކުރެވެއެވެ. ލޯބީގެ ގޮތުން ވިޔަސް މުދަލާ ފައިސާގެ ގޮތުން ވިޔަސް އުމުރާއި އުޅޭ މާހައުލުގެ ގޮތުންވިޔަސް ފިތުނަވެރިކަމެއް އޮންނަން ޖެހޭ ސަބަބެއް ނެތެވެ. އިލްމީ ގޮތުންނާއި ސިޔާސީގޮތުންވެސް އެކަން އޮތީ އެހެނެވެ.
އަގުދީގެން މީހުން މަރާ މީހުންނަކީ ދުނިޔޭގައި އުޅޭ ބައެކެވެ. ޑރ. އަފްރާޝީމް ޝަހީދު ކޮށްލުމުގެ ފަހަތުގައި ވެސް އެ ސަބަބު އޮތުން ގާތެވެ. ދީނީ ގޮތުން ހައްދު ފަހަނަ އެޅިމީހުން އެކަން ކުރުވުމަކީ ގާތް ކަމެކެވެ. ދުނިޔޭގެ ގިނަ ތަންތާ ދީނީ ގޮތުން ހައްދު ފަހަނަ އެޅިމީހުން އެޒާތުގެ ކަންކަން ކުރުވާފައި ގިނަ ފަހަރަށް އެކަމާ ހަވާލުވެއެވެ. ރާއްޖޭގައި އެޒާތުގެ ކަމެއް ހިންގާފައި ބަޔަކު ހަވާލުވީ ކަމެއް އެނގޭކަށް ނެތެވެ. އެކަމަކު ރާއްޖޭގެ ރަށެއްގެ ފަޅުތެރޭގައި އޮތް ފުލުހުންގެ ލޯންޗެއް ރޯކޮށްލާފައި އައިއެސްއަށް ނިސްބަތްވާ ބަޔެއް ކަމަށްބުނާ ބަޔަކު އެކަމާ ހަވާލުވެފައި ވެއެވެ. އެހެނަސް ޑރ. އަފްރާޝީމް ޝަހީދު ކޮށްލި ފަހުން މިހާ ދުވަސް ވީއިރު ވެސް އެކަމާ ހަވާލުވީ ބަޔަކު ނެތެވެ.
އަނެއްކޮޅުން ސިޔާސީ ސަބަބު ތަކަކަށްޓަކައި ހިނގާ ދިޔަ ގަތުލެއް ކަމަށް ބެލެވޭ އެތައް ނަޒަރިއްޔާއެއް ޑރ. އަފްރާޝީމްގެ ގަތުލާ ގުޅިފައިވެއެވެ. ޕޮލިސް ކޮމިޝަނަރަކަށް އަބްދުއްލާ ރިޔާޒު ހުންނަވައިގެން ނުފޮރުޅާ އެންމެ ގައުކޮޅެއް ވެސް ނުބާއްވާ ކުރެވުނު ތަހުގީގުން ވެސް ހޯދުނު އެއްވެސް ހަގީގަތެއް ނެތެވެ. އޭގެފަހުން ވެސް ކުރެވުނު އެއްވެސް ތަހުގީގަކުން ނަތީޖާއެއް ނުފެނުނެވެ.
ޑރ. އަފްރާޝީމް އަވަހާރަކޮށްލި ކަމަށް ސާބިތުވެފައިވާ ޒުވާނާ މެރުމަށް ހުކުމްކޮށް އެހުކުމް ނިހާއީ ހުކުމަކަށް ބަދަލުވެގެން ދިޔައިރުވެސް އެ ޒުވާނާގެ ފުށުން އެކަން ކުރަން ޖެހުނު ސަބަބަކާ އޭގެ ފަހަތުގައި ފޮރުވިފައި އޮތް ކަމެއް ސާފެއް ނުވެއެވެ. ގަތުލާ ގުޅިގެން ހުމާމު ޝަރީއަތުގައި ދެއްކިކަމަށް އެކިފަހަރު ތިލަވެފައި ވަނީ އެކި ވާހަކަ އެކި ގޮތަށެވެ.
2008 ވަނަ އަހަރުގެ ފަހުން ރާއްޖޭގެ ހާލަތު އެނބުރެމުން ސެނބުރެމުން އަންނަ ގޮތުގެ މައްޗަށް ހުޅުވިފައިވާ ސިނކުޑިއަކުން ވިސްނާލައިފިނަމަ ޑރ. އަފްރާޝީމްގެ ގަތުލުގެ ހަގީގަތުގެ ތަސައްވުރެއް ކޮށްލާކަށް މާއުނދަގުލެއް ނުވާނެއެވެ. ދީނުގެ ނަމުގައި ހަރުކަށިކަން ފެތުރެމުން އައި ގޮތާއި މިނިވަން ހިޔާލަށް ދިވެހިން ހުޅުވެމުން ދިޔަގޮތް ވިސްނާ ބަޔަކަށް ފިލާވަޅަކަށް ވާނެއެވެ. އިސްލާމީ ޝަރީއަތް ތަންފީޒު ކުރުމާއި ނުކުރުމުގެ މައްޗަށް ގަދަފައި ވިދިފައި އޮތްވަރު ހެއްކަކަށް ފުދޭނެއެވެ. ސިޔާސީ ނާރެހުގައި ޑރ. އަފްރާޝީމްގެ ތަރީގެ ވިދުމުގެ ގަދަ މަޑުކަން ފާޅުވާނެއެވެ.
ހަގީގަތް ކޮންމެ ގޮތަކަށް އޮތަސް އެނގި ކަށަވަރުވާ ކަމަކީ ޑރ. އަފްރާޝީމްގެ ގަތުލަށް އިންސާފު ނުލިބޭކަމެވެ. މަސްލަހަތެއް އޮވެދާނެ ކަމަށް ގަބޫލުކުރަން ދަތި އެންމެ ޒުވާނެއްގެ ބޮލުގައި އެ އަނިޔާވެރި އަމަލުގެ ޒިންމާ އެޅިގެން ދިއުމަކީ ހަގީގަތަށް ވާސިލުވުން ކަމަށް ގަބޫލެއް ނުކުރެވެއެވެ. ޑރ. އަފްރާޝީމްގެ ފުރާނަ ނެތް ހަށިކޮޅު ފެނުނު ސަރަހައްދު އަވަސް އަވަހަށް އެކީ އެކައްޗަކަށް ދޮވެ ސާފުކޮށް ޕޯސްޓް މޯޓަމް ވެސް ނުހަދާ އަވަހަށް ވަޅުލާ ނިންމާލި ނިންމާލުމުން އުފެދޭ ސުވާލުތައް ބައިވަރެވެ.
ސުވަރުގޭގެދާއިމީ ނިއުމަތް އެ މަރުހޫމަށް މިންވަރު ކުރައްވާށިއެވެ.