އިޒްރޭލު ޕާސްޕޯޓް މަނާ ނުކުރެވޭ ޕީއެންސީއަށް ހަލާކުހުރި!
އިޒްރޭލު ޕާސްޕޯޓް މަނާކުރެވޭނީ ޕީއެންސީ މެންބަރުންނަށް
އޭ މިތިބަ ޕީއެންސީ މެންބަރުންނޭވެ. ވެރިކަމާ މުދަލާ ފައިސާ އާއި ބަދަލު ހިފުމުގެ ރޫހުގައި ތިޔަ ތިބީ ދީވާނާ ވެފާހެއްޔެވެ. ވެރިކަމަށާ މަޖިލީހަށް ބަޔަކު ލެވެނިކޮށް ނިމުނީ ހެއްޔެވެ. މިއްޔަކީ އަބަދަކު ތިބޭކަށް އޮތްތަނެއް ނޫނެވެ. މާދަމާ ވާނެގޮތެއް އެބަ އެނގޭހެއްޔެވެ.
ވެރިކަން ލިބުމުން ތިޔައިގެ ތެރެއިން އެތައް ސަތޭކަ ބަޔަކަށް ބޮޑު މުސާރައާއި އަރާމާ އުފާ ލިބިއްޖެއެވެ. އެ މީހުން ކިތަންމެ އަރަމަކާ އުފަލެއްގައި އުޅުނަސް ތިޔައިގެ ގިނަ މީހުން އަދިވެސް ތިޔަ އުޅެނީ ވޭނާ ހިތާމައިގައެވެ. ދަތިހާލުގައެވެ. ނުތަނަވަސްކަމާއި ވޭނުގައެވެ. ދަތިހާލުގައި އުޅެން ޖެހުމުން ކުރާންޖެހޭ އިހުސާސް ހިނދުކޮޅަކަށްވެސް ހިތައް އަރުވާލަ ބަލާށެވެ. ތިޔައުޅޭ ދަތި ހާލާ ވޭނަށްވުރެ ދަތިހާލުގައި ވޭނީ އަޒާބުގައި ފަލަސްތީނުގެ ތުއްތު ކުދިންނާއި އަންހެނުންނާއި ޒުވާނުންނާއި ބަލިމީހުންނާއި މުސްކުޅިންނާ އުޅޭ ކަމެއް ނޭނގޭ ހެއްޔެވެ.
ރަފަހުގައި ކާބޯ އެއްޗެއް ނުލިބި ބަނޑަށް މަރުވަމުން ދަނީ ކިތައް އަންހެނުންނާ ކިތައް ކުޑަ ކުދިންކަން އެނގޭ ހެއްޔެވެ. ވަންނާނެ ގެދޮރެއް ނެތެވެ. ބޯނެ ފެން ފޮދެއް ނުލިބެއެވެ. އެހާލުގައި ދިރިތިއްބާ އަލިފާން ބޮންއަޅާ އެކޮށްލަނީ ހަށިތަކުގައި ރޮލެވެ. މުޅި ފަލަސްތީހުގެ ދަރިފަސްކޮޅު ވުޖޫދުން ފުހެލުމަށް ޝައިތާނީ އަނިޔާވެރި އިޒުރޭލުގެ ޖައްބާރުކަން ހަމަ ނުފެންނަނީ ހެއްޔެވެ. ހަމަ ގައިމުވެސް މިގައުމުގައި މިހާރު ތިބި ވެރިންނަކަށް އެތަނެއް ނުފެނެއެވެ. އެކަމެއް އެ ވެރިންނަކަށް ނޭގެއެވެ. ފެންނަ ނަމަ އެނގޭނަމަ އިސްލާމްދީނަށް ނަސްރުދޭން އައިވެރި ބަޔަކު ބޮޑެތި ބަސް ބުނެލަބުނެލާ އެހެނެއް ނުތިބީހެވެ.
މީރުކޮށް ކައިގެން ވަރުގެ ކޮޅަށް ހެދިގެން ތަންތަނަށް ގޮސް އިޒްރޭލް ކުށްވެރިކުރަމޭ ބުނުމަކީ ފެނުމެއްނޫނެވެ. ވެރިންގެ ތެދުވެރި ނިޔަތް އެކަމުގައި އޮތްނަމަ ރަސްމީ ޖަލްސާތަކުގައި އަޑުއުފުލާކަށް ނުތިބޭނެއެވެ. އެގޮތަށް އަޑު އުފުލުމުގެ އިތުރަށް ރާއްޖޭގެ ފެންވަރުން ކުރެވޭނެ ކަންކަން ބައިވަރު އެބަހުއްޓެވެ. އެކަންކަން ނުކޮށް އެތިބެނީ ކާކުދެކެ ބިރުން ހެއްޔެވެ.
އާނއެކެވެ. ރާއްޖެއަކު އިޒްރޭލާ ހަނގުރާމަ ކުރުމުގެ ގާބިލު ކަމެއްނެތެވެ. މީހުނެއް ހަތިޔާރެއް ބާރެއް ނެތެވެ. އެކަމަކު ކުރެވޭނެ ކަންކަން ބައިވަރު އެބަހުއްޓެވެ. އިޒުރޭލުގެ މަސްލަހަތު ހުރި އެތައް ވިޔަފާރިއެއް ރާއްޖޭގައި އެބަ ހިނގައެވެ. ޔަހޫދީންނާއި އެ މީހުންގެ ވާގިވެރިންނަށް ސިދާ މަންފާ ލިބޭ އެތައް ރިސޯޓެއް އެބަ ހިންގައެވެ. ގެސްޓުން އައުން މަދުވެދާނެތީ ޑޮލަރު ނުލިބިދާނެތީ ބަޔަކު ރުޅިއަތުވެދާނެތީ ފިޔަވަޅު އަޅަން ވެރިންނަށް އެ ތިބެނީ ނުކެރިފައެވެ.
ތިޔަ އެންމެން އެއްކޮށް ނިކުމެ އިންޑިޔާ އައުޓު ކުރަން އުޅުނުއިރު ފިޔާއާއި އަލުއްވާއި ބިސް ނުލިބިދާނެތީ ބިރަކުން ނޫޅޭއެވެ. ހިލަވެއްޔާ ކާޑާ ލިބުން ދަތިވެދާނެ ކަމަކަށް ނުބަލައެވެ. ބައެއްގެ ވަޒީފާ ގެއްލިދާނެތީއެއް ރާއްޖެ ބޮއިކޮޓް ކޮށްފާނެތީއެއް ނޫޅެއެވެ. އެ ގަޓު މިހާރު ކޮބައިހެއްޔެވެ. ފަލަސްތީނުގެ މުސްލިމް ނިކަމެތި ރައްޔިތުންނާ ޖެހުނީމާ އެހެނެއް ނުވެއެވެ. ގުނޫތު ކިޔުން އުނބަށް ޖެހުމަކުންވެސް ނުފުދެއެވެ.
ފަލަސްތީނުގައި އިޒްރޭލުން ހިންގާ ގަތުލުއާއްމަކީ ދެ ގައުމެއްގެ ދެމެދުގައި ހިގާ އާދައިގެ ދެބަސް ވުމަކަށް ހަދާ އިޒުރޭލް ޕާސްޕޯޓު މަނާކުރަން ޕީއެންސީގެ ވެރިން ފަސް ޖެހިއްޖެއެވެ. ރައްޔިތުންގެ ގިނަ ބަޔަކު މަޖިޅިހަށް ހުށަހެޅި އިޒްރޭލް ޕާސްޕޯޓް މަނާކުރާ ޕެޓިޝަން ރައްޔިތުންގެ މަޖިލީހުގެ ގަރާރަކަށްވެ ތަންފީޒު ކުރަން ފޮނުވިތާ 195 ދުވަސްވީއެވެ. ކަލޭމެން ހޮވި ރައީސް އެ ހުރީ ދެނަހުރި ކަމަށްވެސް ނުހަދައެވެ.
ފަލަސްތީނު މުސްލިމުން އަހުންނާއި އުހުތުންނަށް ކިރިޔާވެސް ކުލުނެއް އޮތްނަމަ އިޒްރޭލު ޕާސްޕޯޓް މަނާކުރުވަން ޕީޕީއެމް-ޕީއެންސީ ނިކުންނާށެވެ. އިޒްރޭލާއި އިޒްރޭލުގެ ވާގިވެރިންގެ ވިޔަފާރިތައް ރާއްޖޭގައި ހިންގުން ސަރުކާރުން މަނާކުރުވަން ނިކުންނާނީ އެމީހުންނެވެ. އެކަންވާނީ ވެސް ޕީއެންސީގެ ޕީޕީއެމް- މެންބަރުންނަށެވެ. ވެރިކަމުގައި ހުރީ އެމީހުން ގެނައި މީހެކެވެ.
މާތްކަލަކޯއެވެ. ޑޮލަރު ނުލިބިދާނެތީ ބަޔަކު ރުޅިއަތުވެދާނެތީ މާތްރަސްކަލާގެ ރަހުމަތަށް ޝައްކު ނުކުރާށެވެ. ރަހުމަތުން އުންމީދު ކަނޑާނުލާ ވެރިން ހަމަ މަގަށް އަޅުވާށެވެ. އިޒްރޭލް ޕާސްޕޯޓް މަނާކޮށް އިޒްރޭލައި އިޒްރޭލަށް ވާގިދޭ ގައުމުތަކުގެ ވިޔަފާރިތައް ސަރުކާރުން ހުއްޓުވަށެވެ. އެކަން ކުރުވާނީ އިންޑީއާ ސިފައިން ބާލާ ގޮތަކަށް ނޫނެވެ.