ލޭބަރ ޔުނިއަން ފޭލިކޮށްލަން މަހުޖަނުން ކުރި ހިޔަޅުބުއްދި!
70% ބިދޭސީ މުއައްޒަފުންނަށް ރިސޯޓްތައް ބަދަލުކޮށްލުން
ރާއްޖޭގައި އުޅޭ މަހުޖަނުން ރާއްޖެއަށް ހަދަން މިއުޅެނީ ކިހިނެއް ހެއްޔެވެ. ރާއްޖެއަކީ މަހުޖަނުންގެ އެކަނި ގައުމެއް ނޫނެވެ. ކޮންމެ ސަރުކާރެއް އުފެދިގެން އަންނައިރު ސަރުކާރުގެ ގޮހޮރު ފުލަށް އެރިގެން މުޅި ގައުމު ވަކި ހައެއްކަ މީހަކު މިއޮންނަނީ ދައުލަތް ހިސޯރުކޮށްފައެވެ. މަހުޖަނުން ބޭނުން ނޫން ގޮތަކަށް ދައުލަތުގެ އެއްވެސް ކަމެއް ނުހިންގޭ ވަރަށް ސަރުކާރު އޮންނަނީ މަހުޖަނުންގެ ދަށުލާފައެވެ.
ރައްޔިތުންގެ ގިނަ ބައެއްގެ ނިކަމެތި ކަމުގެ ފައިދާ ނަގައިގެން ދައުލަތުގެ މުއްސަދިކަން ފޭރިގަނެގެން އުޅޭ މަދު ބައެއްގެ އުދަގޫ ނުފޯރާ ވެރިކަމެއް ރާއްޖެއަކަށް ނާދެއެވެ. ވަރަށް ބޮޑަށް ރޭވިގެން ހުރިހާ ސިޔާސީ ޕާޓީތަކެއް ވެސް އޮންނަނީ މަހުޖަނުން ހިސޯރުކޮށްފައެވެ. މަހުޖަނުންގެ އަތުން މަހު އެއްޗެތިކޮޅު ލިބޭ ވަޒީރު ބޭފުޅުން ސަރުކާރުތަކުގައި އަބަދުވެސް ތިބެއެވެ.
މަހުޖަނުން އަތުން ދައުލަތަށް ލީބޭ އެއްޗަކަށްވުރެ މާބޮޑު އެއްޗެއް މަހުޖަނުންނަށް ނުލިބޭ ގޮތަކަށް އުސޫލެއް ގަވައިދެއް ގާނޫނެއް ނޯވެއެވެ. ދައުލަތަށް ދައްކަން ޖެހޭ ކުއްޔާއި އެނޫންވެސް އެއްޗެތި ގަވައިދުން ދެއްކުމަކީ މަހުޖަނުންނަށް އޮންނަ ކަމެއް ނޫނެވެ. ދައްކަން ޖެހޭ އެއްޗެއް ދުވަސް ގަނޑެއް ވަންދެން ނުދައްކާ ބޭއްވުމަށް ފަހު އެ އެއްޗެއް ނުދައްކާ މާފު ކުރުވުމަކީ އާއްމު ކަމެކެވެ.
ދިވެހިންނަށް ރަނގަޅު ވަޒީފާއެއް ދީގެން އުޅެވޭވަރުގެ ބަޔަކަށް މަހުޖަނުން ވާކަމަކަށް ނުވެއެވެ. ރަނގަޅު އިނާޔަތަކާއި މުސާރައެއް ދިވެއްސަކަށް ދިނުމަކީ މުޅި ވިޔަފާރި ފުނޑި ބަގުރޫޓްވާ ކަމެއް ކަމަށް އެމީހުން ދެކެއެވެ. ކުޑަކުޑަ މުސާރައަކަށް ލޭބަރުން ގެނެސްގެން އެމީހުން ގާނައިގެން މަސައްކަތް ކުރުވުމަކީ މަހުޖަނުންގެ ސިފައެވެ. ބޭރުން ގެންނަ ލޭބަރުންނަކީ އިންސާނީ ކަރާމާތެއް ނެތް އަޅުން ތަކެކޭ އެއްވެސް ތަފާތެއް ގިނަ ތަންތާ ނުހުރެއެވެ. ކުޑަކުޑަ މުސާރައެއް ދީގެން ގުދަނެއްގައި މަތިމައްޗަށް ނިންދަވައިގެން ގުލާނު މަސައްކަތް ކުރެވެނިކޮށް މަހުޖަނުންނަށް ނިމުނީއެވެ.
ގޮތެއް ފޮތެއް ނެތް މިޒާތުގެ މަހުޖަނުންނަށް ރަނގަޅު ވާނީ ވަޒީފާދީގެން ގެންގުޅޭ މީހުންގެ %70 ޕަސެންޓް ކީއްކުރަން ހެއްޔެވެ. %90 ބޭރު މީހުނަށް ގެންގުޅޭ މުއައްޒަފުން ހެދުނިއްޔާއެވެ. ދިވެހީންނަކީ ކަންނެތް މަސައްކަތުގެ އަހުލާގު ނެތް ބައެއް ކަމަށް ދައްކައިގެން ވަޒީފާތަކަށް ބޭރު މީހުން ގެނެސްގެން ބޮޑު ފައިދާ ނެގެނިކޮށް އެމީހުނަށް ނިމުނީއެވެ.
ދިވެހި ސަގަފީ ކުޅިވަރުތައް ކުޅުމަށް ރިސޯޓް ތަކަށް ގެންނަންވެސް އެމީހުނަށް ރަނގަޅީ ބިދޭސީންނެވެ. ވޯކް ވިސާ ޖަހައި ދީގެން ގެނެސްފައި ރިސޯޓް ތަކުގައި ބައިތިއްބަން ކަމުދަނީވެސް ބިދޭސީ މިއުޒިޝަނުންނެވެ. ދިވެއްސަކަށް އެއްޗެއް ލިބިގެން ކަމަކު ނުދާނެއެވެ.
ރާއްޖޭގެ ކަންކަން މި ބީދައަށް ބައްޓަން ކޮށްގެން މުޅި ގައުމުގައި ހުރިހާ ކަމެއްގައި ބިދޭސީން ރުކުރުވާލައިގެން ތިބެ މިކިޔަނީ ރާއްޖޭގައި ދައުރުވާ ބޭރު ފައިސާ މިލިއަން މިލއަނުން ކޮންމެ ދުވަހަކުވެސް ބޭރުވާ ވާހަކައެވެ. ޑޮލަރު އަގުބޮޑުވާ ވާހަކައެވެ. ވިޔަފާރި ވެރިން މުދާގަތުމަށް ބޭނުންވާ ބޭރު ފައިސާ ބެންކްތަކުން ލިބެން ނުހުންނަވާހަކައެވެ.
ވިޔަފާރި ވެރިންނާއެކު ނަގޫގޮށް ޖެހިފައި އޮންނަ އެއްވެސް ސަރުކާރަކަށް އާދައިގެ ރައްޔިތުން ބާރުވެރި ކުރެވޭ ކަމަކަށް ނުވާނެވެ. ދުނިޔޭގެ އެންމެ މަތީ ފެންވަރު ގިނަ ރިސޯޓްތަކެއް ރާއްޖޭގައި ހުއްޓަސް އާއްމު ރައްޔިތުންގެ ގިނަބަޔަކަށް ލިބޭ އުފަލެއް އެކަމަކުންނެތެވެ. މަސައްކަތްތެރިންގެ ޔުނިއަން ހިގައިގަތުމުގެ ކުރީން ދިވެހި މަސައްކަތްތެރިން މަދުކޮށްލުމުގެ ހިޔަޅު ބުއްދި މަހުޖަނުން ކުރިލެއް ކިހާ މޮޅު ހެއްޔެވެ.