ކިތަންމެ ޖޭވިޔަސް ގަން އެއަރޕޯޓް ތަރައްގީ ކުރާނެ!
އައްޑޫގެ ތަރައްގީއަށް ކުރާ ހޭދައކީ ބޭކާރު ކަމެއްނޫން
އައްޑޫ، ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރަން ހިންގަން ފަށާފައިވާ މަޝްރޫއަކީ ހުވަފެނެއް ކަމަށް ދައްކަން ކިތަންމެ ވަރަކަށް ބަޔަކު އުޅުނަސް އެ ހަގީގަތް ބަދަލެއް ނުކުރެވޭނެއެވެ. އިރެއްގައި ކަމެއް ރަނގަޅަށް ނުވެ އޮތުމަކީ އެކަމެއް ފަހުން ރަނގަޅު ނުކުރެވެން އޮތް ހުއްޖަތެއް ނޫނެވެ. ގަން އެއަރޕޯޓް ރަނގަޅަށް ހިނގައިގަނެ އޭގެ ނަފާ އައްޑޫ ރައްޔިތުންނަށް ލިބިދާނެތީ އެކަން ހަޖަމް ނުވާ ބަޔަކަށް ހަޖަމު ނުވިޔަސް މި ފަހަރު ސަރުކާރުގެ ނިޔަތަކީ އެންމެ ނަފާ ވެރި ގޮތުގައި ގަން އެއަރޕޯޓް ތަރައްގީކޮށް އައްޑު ރައްޔިތުންނަށް އިގްތިސާދީ މަންފާ އެންމެ ފުޅާ ދާއިރާއެއްގައި ހޯދާ ދިނުމެވެ.
ބޮޑު ލޯނެއް ނަގައިގެން މި ވަގުތު ކުރަންޖެހޭ ކަމެއް ނޫނޭ ބުނެ އައްޑޫ އެއަރޕޯޓް ތަރައްގީ ކުރަން ހުރަސްއަޅާ ފިތުނަ އުފައްދާ ކަން މަރަން އެކަކުވެސް އުޅޭނެ ކަމެއް ނެތެވެ. އެ ކަމެއް ނުވާނެއެވެ. ރައީސް ސޯލިހުގެ ތަސައްވަރު ގުޅިފައި ވަނީ އައްޑޫ ރައްޔިތުންގެ ދުޅަހެޔޮ ކަމާއެވެ. ވަށާޖެހޭ އިގްތިސާދީ ޕްލޭނެއްގެ ތެރެއިން ކަން ވާތަން ފެނުނީމާ މި ވަގުތަށް ކުރަންޖެހޭ ކަމެއް ނޫނޭ ކިޔާ ވިޔަ ނުދޭން އުޅޭނީ އައްޑޫގެ ތަރައްގީއަށް ޒަމާނުއްސުރެ ހަސަދަވެރިވާ ތައައްސަބުން ފުރިފައި ތިބި ބައެކެވެ.
އައްޑޫ އެއަރޕޯޓް ތަރައްގީ ކުރުމުގެ ވިސްނުންނެތް ބަޔަކު ސިޔާސަތު ކަނޑައަޅާ ތަންފީޒު ކުރަން ތިބިއިރު ކަންކަން ވީހެން ކޮންމެ ފަހަރަކު ކަންކަން ވާނޭ ކަމަށް ހީކުރަނީ ބުއްދި ފަސްވެފައި ތިބި ބައެކެވެ. އައްޑޫ އެއަރޕޯޓް ތަރައްގީކޮށް ވަށާޖެހޭ އިގްތިސާދީ ޕްލޭނަކާއި އެކު އައްޑޫ ތަރައްގީ ކުރައްވަން އިސްވެ ހުންނެވީ ރައީސް ސޯލިހެވެ. އިނަރ މޯލްޑިވްސް ފިރާގެއް ބަންދު ސަލީމެއް ނޫނެވެ.
ޒާތް ޒާތަށް ތަފާސް ހިސާބު ހިފައިގެން ނިކުމެ ކަން މަރާ ބޭސް ޖަހަން ނޫޅޭށެވެ. ތިޔަ ހުރިހާ ތަފާސް ހިސާބަކާއި ތަޖުރިބާއެއްގެ އަލީގައި މި ފަހަރު އައްޑޫ ތަރައްގީ ކުރާނީ އައްޑޫ ރައްޔިތުން އެދޭ ގޮތަށެވެ. އިގްތިސާދީ މަންފާ އައްޑުއަށާއި މުޅި ރާއްޖެއަށް ލިބޭ ގޮތަށެވެ. މި ފަހަރު އައްޑޫ އެއަރޕޯޓް ކީއްކުރަން ހެއްޔެވެ. މުޅި އައްޑޫ ތަރއްގީ ވެގެން ދާނީ ލާމެހިފައިވާ ތަރައްގީގެ ވިއުގައަކުންނެވެ. ހަވާލާފައި އޮންނަ ގުޅުމެއްނެތް ކަންވާރު ބޮޅެއް ހެނެއް ނޫނެވެ.
29.7 މިލިއަން ޑޮލަރު (457.9 މިލިއަން ރުފިޔާ)ގެ ގަން އެއަރޕޯޓް ތަރައްގީގެ މަޝްރޫއު ނިމޭއިރު އައްޑޫގައި ބިން ހިއްކައިގެން އައު ރިސޯޓް ތަކެއް ތަރައްގީ ވެފައި އޮންނާނެއެވެ. ވިލިގިއްޔާއި ހެރެތެރެ އޮންނާނީ ހިނގަ ހިގައެވެ. ސިޓީ ހޮޓާތަކާއި ގެސްޓު ހައުސްތައް ބާރަށް ހިނގަމުން ދާނެއެވެ. ފަތުރުވެރިންނަށް ފަހި މާހައުލެއް އައްޑޫގައި ގާއިމު ކުރެވި ވަސީލަތްތައް ފުރިހަމަ ވާނެއެވެ. މަގާ ބަނދަރާއި ކަރަންޓާ ފެނާ ނަރުދަމާ އެންމެ ޒަމާނީ ފެންވަރަށް ތަރައްގީ ކުރެވިފައި އޮންނާނެއެވެ. މަތީ ފެންވަރުގެ ސިއްހީ ހިދުމަތާއި ޒަރޫރީ ހުރިހާ ކަމެއް ލާފުރާ ފުރިހަމަ ވާނެއެވެ.
ހަތް ހާހަށް ވުރެ ގިނަ ޓޫރިސްޓް އެނދު އައްޑުގައި ހުންނާނެއެވެ. ބައިނަލް އަގުވާމީ ފްލައީޓްތައް ފުލުފުލުގައި އަންނަން ޖެހޭގޮތައް އައްޑޫގެ ކަންކަން ބައްޓަންވެ ތަރުތީބު މަގުން ހިނގަމުން ދާނެއެވެ. މި ދަނޑިވަޅުގައި އެކަން ކުރާތީ ހަޖަމް ނުވާ ބަޔަކަށް ހަޖަމް ނުވާންވީއެވެ. އައްޑޫގެ ތަރައްގީއަށް ހުއްޓުމެއް ނެތެވެ. އައްޑޫގެ ތަރްގީއަށް ކަންކަން ނުކޮށް އޮތީމާ ދައްކަނީ ނުކޮށް އޮތް ވާހަކައެވެ. ކުރާތަން ފެންނަން ފެށީމާ ލޯނޭ ދަރަންޏޭ ވަގުތެއް ނުޖެހެއޭ ކިޔައިގެން ހަސަދަވެރި ވާނެ ކަމެއް ނެތެވެ.
އިރެއްގައި އައްޑޫ އެއަރޕޯޓަށް އަހަރަކު 34 ހާސް މީހުން އައެއް ކަމަކު އެ މިންވަރުގައި ހިފެހެއްޓިފައި އަބަދު އޮންނާނެ ކަމަށް ހީކުރާނީ އާޖުފާޖު ނޭނގޭ ގަމާރުންނެވެ. ތަރައްގީގެ ވަރުގަދަ މަޝްރޫއުތައް ނިމި އައްޑޫ ހުޅުވާލެވުމުން އަހަރަކު 1.5 މިލިޔަން ފަސިންޖަރުން އައްޑުއަށް ނުގެނޭވޭނެ ކަމަށް ހީކުރާ ބަޔަކަށް ވުރެ ތަންދޮރު ނޭނގޭ ބަޔަކު ނުތިބޭނެއެވެ.
1.5 މިލިޔަނަކީ މާ އެމްބިޝިއަސް އަދަދެއް ކަމަށް ހީވަނީ އައްޑުއަކީ ރާއްޖެއަށް މިހާރު އަންނަ ކަހަލަ ޓޫރިސްޓުން ޝައުގުވެރިވާ ކަހަލަ ގޮތަކަށް ގުދުރަތީ ގޮތުން އުފެދިފައި އޮތް ތަނެއް ނޫންކަމަށް ދެކޭ މަރުމޯލުންނަށެވެ. ގަން އެއަރޕޯޓާއި ޓޫރިޒަމަށް ލޯނު ނަގައިގެން ބޮޑެތި އިންވެސްޓްމަންޓް ތަކެއް ކުރުމަކީ ވިޔަފާރީގެ ގޮތުން ދެކޮޅު ނުޖެއްސޭނެ ކަމެއް ކަމަށް އަޑަށް ބާރުލާފައި އިނަރ މޯލްޑިވްސް ފިރާގުމެން ކަހަލަ މީހަކު ބުނުމަކީ ސިއްސައިގެން ދާންޖެހޭ ވަރުގެ ވާހަކައެއް ނޫނެވެ.
އައްޑުއަށް ފިޓްވާ ކަހަލަ ޓޫރިޒަމެއް ތަރައްގީ ކުރަން ޖެހޭ ކަމަށް އިނަރ މޯލްޑިވްސް ފިރާގު ވެސް އެއްބަސްވެއެވެ. އެއްވެސް އިރެއްގައި އެ ވިސްނުން ގެންގުޅެފައި ނެތުމަކީ މިހާރު އެ ވިސްނުން ނުގެންގުޅޭ ކަމުގެ ހުއްޖަތަކަށް ފިރާގަށް ވާތީ އަޖައިބު ވެއެވެ. އައްޑުއަކީ ގިނަ ދުވަހު މީހުން އައިސް ތިބޭ، ރިޓަޔާމަންޓް މީހުންނަށް ހާއްސަ ޓޫރިޒަމް ހަބަކަށް ހެދިދާނެ ކަމަށް ފިރާގަށް ވެސް އެބަ ވިސްނޭ ނޫންހެއްޔެވެ. އަނެއް ކޮޅުން އެހެން ސަރަހައްދުތަކާ ހިލާފަށް ވަކި ޑެސްޓިނޭޝަނެއްގެ ގޮތުގައި އައްޑޫ ޕްރޮމޯޓް ކުރަން ޖެހޭ ކަމަށް ބަންދު ސަލީމަށް ވެސް އެބަ ގަބޫލު ކުރެވެއެވެ.
ސަރުކާރުން އައްޑޫ އެއަރޕޯޓް ތަރައްގީކޮށް ވަށާޖެހޭ އިގްތިސާދީ ހަބަކަށް އައްޑޫ ބަދަލުކޮށްލަން ގެންގުޅޭ އައުވިސްނުން ނޭނގި ތިބެ އައްޑޫގެ ތަރައްގީއަށް ކުރާ ހޭދައކީ ބޭކާރު ކަމެއް ގޮތުގައި ދައްކަން އެއީ ވަކީން ކޮންބައެއް ހެއްޔެވެ. އެޒާތުގެ ކުރިމަރާ ވިސްނުމުގެ މީހުންގެ ނިޔަތަކީ އައްޑޫ ތަރައްގީ ވިޔަ ނުދިނުމެވެ. އައްޑޫ ރައްޔިތުންނާއި ސަރުކާރު އޮތީކީ އެކަހަލަ ފެން ނުހިފޭ ވާހަކައިގައި ޖެހި އައްޑޫ ތަރައްގީ ކުރުން ހުއްޓާ ގޮތަކަށް ނޫނެވެ.