ރާއްޖޭގެ މޫނުބަލާ ލޯގަނޑު ފަސްދޭތެރެ: ހަލާކު ކޮށްނުލާ!

ރާއްޖޭގެ މޫނުބަލާ ލޯގަނޑު ފަސްދޭތެރެ: ހަލާކު ކޮށްނުލާ!

ބައިނަލްއަގުވާމީ ދުނިޔޭގައި މީހުނަށް އެއް މަންޒަރުން ދިވެހިރާއްޖެ ސިފަވަނީ މާޅޮސްމަޑުލު ފަސް ދޭތެރޭގެ ތަސްވީރެވެ. މުޅި ދުނިޔޭގައި ރާއްޖޭގެ ވާހަކަ ގެނެސްދޭ އެއްވެސް ޓްރެވަލް މެގަޒިނެއް އެ ފޮޓޯއިން ހުސްވެގެން ނުވެއެވެ. ރާއްޖޭގެ ގުދުރަތީ ރީތިކަމުގެ އެންމެ މަޝްހޫރު ފާހަގައަކީ ފަސް ދޭތެރެއެވެ. ރާއްޖޭގެ ވާހަކަ ބުނެދޭ ޕޯސްޓް ކާޑްތަކާއި ބެނާރ ތަކާއި ބްރޯޝަތައް ފަސްދޭތެރެއާ ނުލާ ފުރިހަމަ އެއް ނުވެއެވެ.

ފަސްދޭތެރޭގެ ނަމުން އެ ތަނަށް ނަން ދެވުނު ޒަމާނެއް ނޭގުނަސް އެހެން ކިޔެނީ ކީއްވެގެންކަން އެގޭނެއެވެ. އެއް ފައްޗަކަށް ކައިރިކައިރީގައި އޮތް 6 ރަށުގެ ކޮންމެ ދެރަށެއްގެ ދޭތެރޭގައި އޮންނަ ކުޑަކުޑަ ފަސް ކަނޑުއޮޅީގެ އެކުވިނަމަކީ ފަސްދޭތެރެއެވެ. އިހުގައި އެހިސާބުގެ ދަތުރުވެރިން އެ ފަސް ކަނޑު އޮޅިއަށް ފަސްދޭތެރެ ކިޔާ ހަރުވެފައި އެވަނީ އޭރުވެސް އެތަނުގެ ޔުނީކް ކަމުންނެވެ. 

ފަސްދޭތެރެ ސިފަކުރާ ހަރަށަކީ އިރުން ހުޅަގަށް ފައްޗަކަށް ބ. އަތޮޅުގައި އެ އޮތް އުޑޫދޫ، ފުނަދޫ، ހުޅުދޫ، ގެމެންދޫ، ކެންދޫ، ކެޔޮދޫ އެވެ. އޭގެތެރެއިން މިހާރު މީހުންއުޅޭ ރަށަކީ ކެންދޫއެވެ. އެހެން ނަމަވެސް ރައީސް ނާސިރުގެ ވެރިކަމުގައި ހުކުރު ހަމަނުވާ ރަށްރަށުން މީހުން ބޭލުމުގެ ކުރިން ފަސް ދޭތެރޭގެ 6 ރަށުގެ ތެރެއިން 3 ރަށުގައި މީހުން އުޅުނެވެ. އުޑޫދޫ އާއި ފުނަދޫ ފަޅުވީ 1968ގައި އެ ދެރަށުގެ ރައްޔިތުން ރަށުން ބާލާ އޭދަފުށީގައި ވަޒަންވެރި ކުރުވުމުންނެވެ. 

ފަސްދޭތެރެ ހަރަށުން ފަސް ރަށަކީ ފަޅުރަށް ކަމުން އެއިރަކު އޮންނަ އުސޫލެއްގެ ތެރެއިން ވަރުވާއަށް ލިޔެދިނުމާއި ކުށްޔަށް ދިނުމަކީ އާއްމުކޮށް ހިނގަމުންދާ ކަމެކެވެ. ރަށުގެ ގުދުރަތީ ސިފައާއި ރީތިކަން ނުގެއްލޭ ގޮތަށް ފަސްދޭތެރޭގެ ފަޅުރަށުންވެސް އިގްތިސޯދީ ގޮތުން ނަފާވެރިކަން ހޯދުމަކީ އެއްވެސް މައްސަލައެއް ނޫނެވެ. 

ރާއްޖޭގެ އިހުގެ ދިރިއުޅުން އެއް ރަށަކުން ސިފަވާ އެއްވެސް ރަށެއް ރާއްޖޭގައި މިހާރަކު ނެތެވެ. ކެންދޫގެ ސިފަ ގެއްލިފައި އޮތްހެން ދެންހުރި ރަށްތަކާ ނުކުޅެ ބޭއްވުން މުހިންމެވެ. ބަނދަރު ނުހަދާ ބިންނުހިއްކާ މަތިމައްޗަށް އިމާރާތް ނުކޮށް ދިވެހި ސަގާފަތާއި އެއްގޮތަށް ފަސް ދޭތެރޭގެ ރަށްތަކުން އިގުތިސޯދީ މަންފާ ހޯދޭނެއެވެ. އެއްވެސް ހިފެހެއްޓުމެއްނެތި ބަޔަކު ކުރާނެހާ ކަމެއްކޮށް ފަސްދޭތެރޭގެ ގުދުރަތީ ސިފަ ގެއްލޭފަދަ ކަމެއް ކުރަން އެއްވެސް ބަޔަކަށް ފުރުސަތު ދެވިގެން ނުވާނެއެވެ.