ފުލުފުލުގައި އައި ދެ ބިންހެލުމުގައި 32 މީހުން މަރުވެއްޖެ

ރިކްޓަރ މިންގަނޑުން 7.2 އާއި 7.5 ގެ ބިންހެލުން އައީ ވެނެޒިއުލާއަށް

ފުލުފުލުގައި އައި ދެ ބިންހެލުމުގައި 32 މީހުން މަރުވެއްޖެ

ވެނެޒުއޭލާއަށް ފުލުފުގައި އައި 7.5 އާއި 7.2 ގެ ބާރުގަދަ ދެ ބިންހެލުމުގައި 32 މީހުން މަރުވުމުގެ އިތުރަށް އެ ގައުމުގެ ވެރިރަށް ކަރަކަސްގެ ބައެއް އިމާރާތްތައް ވެއްޓި އެތައް ސަތޭކަ ބަޔަކު ޒަހަމުވެއްޖެއެވެ. 

ބިންހެލުމުގެ ހާދިސާއާ ގުޅިގެން އެ ގައުމުގެ އެކްޓިންގ ޕްރެޒިޑެންޓް ޑެލްސީ ރޮޑްރިގޭޒް ވަނީ މުޅި ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރައްވާފައެވެ. ބިންހެލުމުގެ ސަބަބުން ލިބުނު ގެއްލުންތަކާ ހުރެ ކަރަކަސްގައި އޮންނަ ސައިމަން ބޮލިވާ އިންޓަރނޭޝަނަލް އެއާޕޯޓް ބަންދުކޮށްފައިވާ ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.

ޔޫ.އެސް ޖިއޮލޮޖިކަލް ސާވޭ (ޔޫ.އެސް.ޖީ.އެސް) އިން މައުލޫމާތު ދޭ ގޮތުގައި، ރިކްޓަރ މިންގަނޑުން 7.2 ގެ ބާރުމިނުގައި އައި ފުރަތަމަ ބިންހެލުން އައީ ކަރަކަސްގެ ހުޅަނގުން ގާތްގަނޑަކަށް 168 ކިލޯމީޓަރު (104 މޭލު) ދުރުގައި އޮންނަ މޮރޯން ސަރަހައްދަށެވެ. އޭގެ އެންމެ މިނެޓެއް ފަހުން، ހަމަ އެ ސަރަހައްދަށް 7.5 ގެ ބާރުމިނުގައި ދެވަނަ ބިންހެލުމެއް ވަނީ އައިސްފައެވެ.

ޔޫ.އެސް.ޖީ.އެސް އިން އިންޒާރު ދީފައިވާ ގޮތުގައި، މި ހާދިސާގައި ގިނަ ބަޔަކު މަރުވެ، ބޮޑެތި ގެއްލުންތަކެއް ލިބުމަކީ ވަރަށް ގާތް ކަމެކެވެ. އަދި މި ކާރިސާގެ އަސަރު ވަރަށް ބޮޑު ސަރަހައްދަކަށް ފެތުރިގެންދާނެ ކަމަށް ލަފާކުރެވެއެވެ.

ކަރަކަސްގެ ރައްޔިތެއްގެ ތަޖުރިބާ

ބިންހެލުން އައި ވަގުތު ކަރަކަސްގެ ހަތް ބުރީގެ އިމާރާތެއްގެ އެންމެ މަތީ ފްލޯގައި ހުރި އުމުރުން 38 އަހަރުގެ އިންޖިނިއަރެއް ކަމަށްވާ ޖީސަސް އަލެހަންދްރޯ ޕީނާ ބުނި ގޮތުގައި، އެއީ ވަރަށް ބާރުގަދަ ލޮޅުމެކެވެ.

"އެއީ ވަރަށް ބާރުގަދަ ބިންހެލުމެއް. ވަރަށް ގިނައިރު ވަންދެން ހިފަހައްޓާފައި ހުރި. ސީދާ ކިހާ ވަގުތެއް ކަމެއް ނޭނގޭ، އެކަމަކު ގާތްގަނޑަކަށް މިނެޓެއްހާއިރު ވާނެ،" އޭނާ ކިޔައިދިނެވެ.

އޭނާ އިތުރަށް ބުނި ގޮތުގައި، "ބިއްލޫރިތައް ތެޅި، ފޮޓޯ ފްރޭމްތަކާއި ޓީވީ ވެސް ވެއްޓުނު. ހުރިހާ އެއްޗެއް ފައިބަމުން ދިޔައީ. ބޮކިތަކާއި ބިއްލޫރިން ހަދާފައި ހުރި އެއްޗެހީގެ އިތުރުން، އިމާރާތުގެ ތަނބުތަކާއި ބީމްތަކުން ވެސް ބާރު އަޑުތައް ގޮވަމުން ދިޔަ."

އަލްޖަޒީރާއާ ވާހަކަ ދައްކަމުން ޕީނާ ބުނި ކަމަށްވަނީ ބިންހެލުން އައުމާއެކު އޭނާ އިމާރާތުން ބޭރަށް ނުކުތް ކަމަށެވެ. "ހުރިހާ އެންމެން ތިބީ މަގުމަތީގައާއި މައިދާންތަކުގައި. ގޭގޭގެ ބޭރުގައި. މީހުން ތިބީ ވަރަށް ބިރުގަނެ، ކަންބޮޑުވެފައި. ގިނަ ބަޔަކަށް އަނިޔާވެފައި ތިބި" ކަމަށް މަންޒަރުދުށް މީހާއާއި ހަވާލާދީ އަލްޖަޒީރާ ރިޕޯޓްކުރެއެވެ.

ބައެއް އިމާރާތްތައް މުޅިން ބިމާ ހަމަވެފައިވާއިރު، ފަޔަރ ފައިޓަރުންނާއި ޕެރާމެޑިކުން ދިޔައީ އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތް ކުރުމަށް މަސައްކަތް ކުރަމުންނެވެ. ބިންހެލުމަށް ފަހު އެތައް ގަޑިއެއް ވީއިރުވެސް، ގިނަ ބަޔަކު އަދިވެސް ބިރުން ގެއަށް ވަންނަން ނުކެރިފައި ތިބި ކަމަށްވެއެވެ.

ލެޓިން އެމެރިކާގެ އެއާލައިންތަކުގެ ދަތުރުތަކަށް ބަދަލު އައުން

ޕެނަމާގެ ގައުމީ އެއާލައިން ކަމަށްވާ ކޯޕާ އެއާލައިންސް އިން ބުނި ގޮތުގައި، ބުދަ އަދި ބުރާސްފަތި ދުވަހު ކަރަކަސްއަށް ކުރަން ހަމަޖެހިފައިވާ ހުރިހާ ފްލައިޓްތަކެއް ވަނީ ކެންސަލްކޮށްފައެވެ. ނަމަވެސް ވެނެޒުއޭލާގެ އެހެން ސަރަހައްދުތަކަށް ކުރާ ދަތުރުތައް އަދި މެދުކަނޑާލާފައެއް ނުވެއެވެ.

ކޮލަމްބިއާގެ އެވިއަންކާ އެއާލައިނުން ވެސް ވަނީ ބޮގޯޓާ އާއި ކަރަކަސްއާ ދެމެދު ބުދަ އަދި ބުރާސްފަތި ދުވަހު ކުރަން އޮތް ދަތުރުތައް ކެންސަލްކޮށްފައެވެ. އަދި އަންނަ ބުދަ ދުވަހާ ހަމައަށް ކަރަކަސްއަށް ބުކިން ހަދާފައިވާ ފަރާތްތަކަށް ފައިސާ އަނބުރާ ދިނުމާއި ނުވަތަ ދަތުރުގެ ތާރީހު ބަދަލުކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މީގެ އިތުރުން، ލޭޓަމް ކޮލަމްބިއާ އިން ވެސް ބުނީ ބުރާސްފަތި ދުވަހުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް ހަދާފައިވާ ބުކިންތަކަށް އެއްވެސް އިތުރު ފީއަކާ ނުލައި ބަދަލު ގެނެވޭނެ ކަމަށެވެ.

ދުނިޔޭގައި މިހާތަނަށް ރެކޯޑުކުރެވުނު އެންމެ ބާރުގަދަ 10 ބިންހެލުން

ވެނެޒުއޭލާއަށް މިހާރު އައި 7.2 އާއި 7.5 ގެ ބިންހެލުމަކީ އެ ގައުމުގެ ތާރީހުގައި އައި އެންމެ ބާރުގަދަ ބިންހެލުންތަކުގެ ތެރޭގައި ހިމެނޭ ދެ ބިންހެލުން ކަމަށް ވިޔަސް، މިއީ ދުނިޔޭގެ ނިސްބަތުން އެންމެ ބާރުގަދަ ބިންހެލުންތަކުގެ ތެރޭގައި ހިމެނޭ ދެ ހާދިސާއެއް ނޫނެވެ.

ޔޫ.އެސް.ޖީ.އެސް ގެ ތަފާސްހިސާބުތަކަށް ބަލާއިރު، ދުނިޔޭގައި މިހާތަނަށް ރެކޯޑުކުރެވުނު އެންމެ ބާރުގަދަ 10 ބިންހެލުމަކީ:

  • ޗިލީ (1960): ބާރުމިން 9.5 - 1,655 މީހުން މަރުވި
  • އެލަސްކާ، އެމެރިކާ (1964): ބާރުމިން 9.2 - 130 މީހުން މަރުވި
  • ސުމަޓްރާ، އިންޑޮނޭޝިއާ (2004): ބާރުމިން 9.1 - 280,000 އަށްވުރެ ގިނަ މީހުން މަރުވި
  • ތޯހޯކޫ، ޖަޕާން (2011): ބާރުމިން 9.1 - 15,000 އަށްވުރެ ގިނަ މީހުން މަރުވި
  • ކަމްޗަޓްކާ، ރަޝިޔާ (1952): ބާރުމިން 9.0 - 15,000 އާ ހަމައަށް މީހުން މަރުވި
  • ކަމްޗަޓްކާ، ރަޝިޔާ (2025): ބާރުމިން 8.8 - މީހަކު މަރުނުވޭ
  • ބިއޯބިއޯ، ޗިލީ (2010): ބާރުމިން 8.8 - 523 މީހުން މަރުވި
  • އެސްމެރަލްޑާސް، އިކުއެޑޯ (1906): ބާރުމިން 8.8 - 1,500 މީހުން މަރުވި
  • އެލަސްކާ، އެމެރިކާ (1965): ބާރުމިން 8.7 - މީހަކު މަރުނުވޭ
  • އަރުނާޗަލް ޕްރަދޭޝް، އިންޑިއާ (1950): ބާރުމިން 8.6 - 780 މީހުން މަރުވި