ސެއިންޓް ލޯރެންސް ކޯރުން 8 ހަށިގަނޑު ފެނިއްޖެ

މަރުވެފައިވަނީ ބޮޑެތި ހަ މީހުންނާއި ދެ ކުޑަކުދިން

ސެއިންޓް ލޯރެންސް ކޯރުން 8 ހަށިގަނޑު ފެނިއްޖެ

އެމެރިކާއާއި ކެނެޑާގެ ބޯޑަރުގައި އޮންނަ ސެއިންޓް ލޯރެންސް ކޯރު ހުރަސް ކުރަން އުޅުމުގެ ތެރޭގައި މަރުވެފައިވާ މުހާޖަރުންގެ އަށް މީހެއްގެ ހަށިގަނޑު ފެނިއްޖެއެވެ.  ކެނެޑާއިން ގަވައިދާ ހިލަފަށް އެމެރިކާއަށް ވަންނަން  އުޅެނިކޮށް މަރުވި ކަމަށް ބެލެވޭ 8 މީހުންގެ ތެރޭގައި ދެކުޑަ ކުދިންވެސް ހިމެނެއެވެ.

އޮފިޝަލުންނަށް މަރުވެފައިވާ ހަށިތައް ފެނިފައިވަނީ އެ ސަރަހައްދަށް ގެއްލިގެން ހޯދަމުން ދިޔަ ދޯނި ދުއްވާ މީހެއް ކަމަށްވާ ކޭސީ އޯކޭސް، 30، ހޯދަމުގެ ތެރޭގައެވެ.

ފުރަތަމަ ހަށިގަނޑު ފެނިފައިވަނީ އެމެރިކާ އާއި ކެނެޑާ ބޯޑަރާއި ދެމެދު އޮންނަ މޮހޮކް ޓެރިޓަރީއަކުން ކަމަށް ފުލުހުން ބުނެއެވެ. އަނެއް ހަށިގަނޑުތައް ފެނިފައިވަނީ ހަމަ އެތާ ކައިރިންނެވެ. އެމީހުންގެ އައިޑެންޓިޓީ ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

އެމެރިކާގެ ފުލުހުންގެ ހެލިކޮޕްޓަރަކަށް ސެއިންޓް ލޯރެންސް ކޯރުން ދެ ހަށިގަނޑެއް ފެނިފައިވެއެވެ. މަރުވެފައިވާ މީހުންގެ ތެރޭގައި ރޫމޭނިއާ އާއި އިންޑިއާގެ ދެ އާއިލާއެއްގެ މީހުން ހިމެނެއެވެ

މަރުވެފައިވަނީ ބޮޑެތި ހަ މީހުންނާއި ދެ ކުޑަކުދިންނެވެ. މަރުވި ކުޑަ ކުދިންގެ ތެރެއިން އުމުރުން ތިން އަހަރުން ދަށުގެ ކުއްޖާ އަތުގައި ކެނެޑާގެ ޕާސްޕޯޓެއް އޮތެވެ. އަނެއް ތުއްތު ކުއްޖާއަކީ ވެސް ކެނެޑާގެ ރައްޔިތެއް ކަމަށް ހުކުރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ލޯކަލް ޕޮލިސް ޗީފް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަކުއެސަސްނޭ މޮހޮކް ޕޮލިސް ސާވިސްގެ ޑެޕިއުޓީ ޗީފް ލީ-އޭން އޯބްރައިއަން ވިދާޅުވީ އެ ހަށިގަނޑު ތަކަކީ ރޫމޭނިއާ ނަސްލުގެ އެއް އާއިލާއަކާއި އިންޑިއާ ނަސްލުގެ ދެ އާއިލާއެއްގެ ހަށިގަނޑުތަކެއް ކަމަށް ބެލެވޭ ކަމަށެވެ. " އެ އެންމެން ވެސް ކެނެޑާއިން ގަވާއިދާ ހިލާފަށް އެމެރިކާއަށް ވަންނަން މަސައްކަތް ކުރަމުން ދިޔަ ކަމަށް ބެލެވެނީ،" މިސް އޯބްރައިން ވިދާޅުވިއެވެ.

ބުދަ ދުވަހުގެ ރޭ އެ ސަރަހައްދުގެ މޫސުން ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށް ރިޕޯޓްތައް ލިބެއެވެ.