މާބަނޑު އަންހެނަކާ އޭނާގެ ބަނޑުގައިވާ ކުއްޖާ މަރުވެއްޖެ

ފުލުހުންގެ ކާރަކާ އެހެން ކާރެއް ޖެހި ހިނގި އެކްސިޑެންޓެއް

މާބަނޑު އަންހެނަކާ އޭނާގެ ބަނޑުގައިވާ ކުއްޖާ މަރުވެއްޖެ

ފުލުހުންގެ ކާރަކާ އެހެން ކާރެއް ޖެހުމުގެ ސަބަބުން މާބަނޑު އަންހެނަކާއި އޭނާގެ ބަނޑުގައިވާ ކުއްޖާ މަރުވެއްޖެއެވެ. ލަންޑަނުގެ ދެކުނު އިރުމަތީ ސަރަހައްދުގައި ހިނގި މިހާދިސާގެ ހަބަރު ކަށަވަރުކޮށްދިނީ ސްކޮޓްލަންޑް ޕޮލިސް ޔާޑުންނެވެ.

މި ހާދިސާ ހިނގާފައިވަނީ އެލްތަމްގެ އޭ20 މަގުގައި ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައެވެ. 38 އަހަރުގެ އަންހެނާ ދުއްވަމުންދިޔަ ކާރާ ފުލުހުންގެ އެއްވެސް ނިޝާނެއް ނެތް ކާރެއް ޖެހުމުން ހާދިސާ ހިނގި ތަނަށް ލަންޑަން އެމްބިއުލަންސް ސަރވިސްއާއި، ލަންޑަން ފަޔަރ ބްރިގޭޑާއި، ލަންޑަންގެ އެއަރ އެމްބިއުލަންސް ހިދުމަތް ދިޔައެވެ. އެތަނަށް އެމީހުން ހާޒިރު ވީއިރުވެސް އެކްސިޑެންޓްވީ ކާރު ދުއްވަން އިން އަންހެން މީހާއާއި އޭނާގެ ބަނޑުގައިވާ ކުއްޖާ ވަނީ މަރުވެފައިކަމަށް ފުލުހުން ބުނެއެވެ.

ހާދިސާއާ ގުޅިގެން އެ އަންހެނާގެ އާއިލާއަށް އެކަންވަނީ އަންގާފައިވާ ކަމަށާއި، ހާއްސަ ތަމްރީނު ލިބިފައިވާ އޮފިސަރުން އެ އާއިލާއަށް އެހީތެރިކަން ފޯރުކޮށްދެމުން ދާކަމަށް ފުލުހުން ބުނެއެވެ.

ގްރީންވިޗްގެ ފުލުސް ހިދުމަތުގެ އިސްވެރިޔާ، ޑެޓެކްޓިވް ޗީފް ސުޕްރިންޓެންޑެންޓް ޓްރެވަރ ލޯރީ ވިދާޅުވީ މި ހިތާމަވެރި ހާދިސާގައި އެ އާއިލާއަށް އެމަނިކުފާނުގެ ހިތުގެ އަޑީގެ ހަމްދަރުދީ އޮތް ކަމަށެވެ. އަދި މި ހާދިސާ ތަހުގީގު ކުރުމުގެ މަސައްކަތް މިނިވަން އޮފީހަކުން ކުރަމުންދާ ކަމަށާއި، އެ މަސައްކަތަށް ފުލުހުން އެއްބާރުލުން ދޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހާދިސާގައި ފުލުހުންގެ ކާރުގައި ތިބި ދެ އޮފިސަރުންވެސް ވަނީ ހޮސްޕިޓަލަށް ގެންދެވިފައެވެ. ނަމަވެސް އެ ދެ އޮފިސަރުންވެސް މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ.