ތުރުކީ ސިފައިން ސޫރިޔާއަށް
 
                                ކުރުދީ ޖަމާއަތްތަކާ ހަނގުރާމަ ކުރަން ތުރުކީ ވިލާތުގެ ސިފައިން ސޫރިޔާއަށް ފޮނުވަން ޖެހިދާނެ ކަމަށް ތުރުކީގެ ރައީސް އުރުދުގާން އިންޒާރު ދެއްވައިފިއެވެ. އިސްތަންބޫލުގެ އިސްތިގުލާލް އެވެނިޔުއަށް ނޮވެމްބަރ 13 ގައި ދިން ބޮމުގެ ހަމަލާގެ ފަހަތުގައި ވަނީ ކުރުދިސްތާން ވަރކަސް ޕާޓީ (ޕީ.ކޭ.ކޭ)ގެ ހަނގުރާމަވެރިން ކަމަށް ތުރުކީ ވިލާތުން ތުހުމަތު ކުރެއެވެ. 
ތުރުކީގެ އަސްކަރިއްޔާއިން މިހާރު ވަނީ ކުރުދީ ހަނގުރާމަވެރިންނާ ދެކޮޅަށް ވައިގެ މަގުން ހަމަލާދޭން ފަށާފައެވެ.
ސޫރިޔާއާއި އިރާގުގެ އުތުރުގެ ސަރަހައްދުތަކުގައި ހަރަކާތްތެރިވާ ކުރުދީ ހަނގުރާމަވެރިންގެ އަމާޒުތަކަށް ވައިގެ މަގުން ތުރުކީން ދަނީ ހަމަލާ ދެމުންނެވެ.
އިސްތިގުލާލު އެވެނިޔުއަށް ދިން ބޮމުގެ ހަމަލާގައި ހަ މީހުން މަރުވެ 81 މީހަކު ޒަހަމުވިއެވެ. ބޮމުގެ ހަމަލާއާ ގުޅިގެން ކުރުދީން ހަނގުރާމަވެރިންނާ ދެކޮޅަށް ވައިގެ މަގުން ހަމަލާދޭން ފަށާފައިވާއިރު ސޫރިޔާއަށް ސިފައިން ފޮނުވުމާ ގުޅޭ ގޮތުން ތުރުކީ އަސްކަރިއްޔާގެ އިސް ޖެނެރަލުން މިހާރު މަޝްވަރާ ކުރަމުންދާ ކަމުގައި ތުރުކީގެ ރައީސް ވިދާޅުވިއެވެ.
 
                         
                    
                 
                    
                 
                    
                 
                    
                 
                    
                 
                    
                 
                    
                 
    
             
    
             
    
             
    
             
    
             
    
             
    
                                        
                                     
    
 
    
 
    
 
    
 
    
 
    
 
    
 
    
