ޕޫޓިން ހުވާކުރުން ބޮޑެތި ގައުމުތަކަކުން ބޮއިކޮޓް ކުރަނީ

ބޭނުން ވަނީ ރަޝިޔާ އެކަހެރިކުތުން

ޕޫޓިން ހުވާކުރުން ބޮޑެތި ގައުމުތަކަކުން ބޮއިކޮޓް ކުރަނީ

އެމެރިކާ އާއި ޔޫރަޕިއަން ޔޫނިއަންގެ ގިނަ ގައުމުތަކުން ރަޝިޔާގެ ރައީސް ކަމަށް ވްލަޑިމިއާ ޕޫޓިން ރައީސްކަމަށް އަކުން އިންތިހާބުވެގެން ބާއްވާ ހުވާކުރުމުގެ ރަސްމިއްޔާތަށް މަންދޫބުން ނުފޮނުވާނެ ކަމަށް ބުނެފިއެވެ.

އުމުރުން 71 އަހަރުގެ ޕޫޓިން ވަނީ މާޗް މަހު ރަޝިޔާގައި ބޭއްވި އިންތިހާބުގައި ފަސް ވަނަ ދައުރަކަށް އިންތިހާބުވެފައެވެ. އޭނާއަށް 87.28 ޕަސެންޓް ވޯޓު ލިބުނީ އޭނާގެ އެންމެ އަޑުގަދަ ކްރިޓިކް އެލެކްސީ ނަވަލްނީ އާކްޓިކް ޖަލެއްގައި ކުއްލިއަކަށް މަރުވިތާ ހަފްތާތަކެއް ފަހުންނެވެ.

"ރައީސް ޕޫޓިންގެ ހުވާ ކުރެއްވުމުގައި އަޅުގަނޑުމެންގެ މަންދޫބެއް ނުހުންނާނެ" ކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު މެތިއު މިލާ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ. އެ އިންތިހާބަކީ މިނިވަން އަދި އިންސާފުވެރި އިންތިހާބެއް ކަމަށް ނުދެކޭ ނަމަވެސް ޕޫޓިން އަކީ ރަޝިޔާގެ ރައީސް ކަމަށާއި އެ މަގާމުގައި އޭނާ ދެމިހުންނަވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރަޝިޔާ، އަދި ހާއްސަކޮށް އެގައުމުގެ ޖިނާއީ ލީޑަރު އެކަހެރިކުރުން ކުރިއަށް ގެންދަން ޖެހޭކަމަށް ލިތުއޭނިއާގެ ފޮރިން މިނިސްޓަރު ގެބްރިއެލިއަސް ލެންޑްސްބަރޖިސް ވެސް ވަނީ ވިދާޅުވެފައެވެ. ހަމައެއާއެކު، ޕޫޓިންގެ ވެރިކަމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަކީ ލިތުއޭނިއާއަށް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށާއި އެ ގައުމުން އިސްކަން ދެނީ ރަޝިޔާގެ އަނިޔާވެރިކަމާ ދެކޮޅަށް ހަނގުރާމަކުރާ ޔޫކްރޭނާއި އެގައުމުގެ ރައްޔިތުންނަށް ކަމަށްވެސް އޭނާ ވިދާޅުވެއެވެ.

ގިނަ ގައުމުތަކަކުން ރަޝިޔާ ބޮއިކޮޓް ކުރަން ފެށީ ރަޝިޔާއިން ޔޫކްރެއިންއަށް ދެމުންދާ ހަމަލާތަކާ ގުޅިގެންނެވެ. ބޮއިކޮޓް ކުރި ނަމަވެސް، ފްރާންސް، ހަންގޭރީ އަދި ސްލޮވާކިއާ އިން މި ރަސްމިއްޔާތަށް މަންދޫބުން ފޮނުވާނެ ކަމަށް ބެލެވޭ ކަމަށް ނަން ނުޖެހުމަށް އެދުނު ޑިޕްލޮމެޓިކް މަސްދަރުތަކާ ހަވާލާދީ ރޮއިޓާސް އިން ރިޕޯޓްކުރެއެވެ.