ފުޓްބޯޅަ ތަރި ޑޭވިޑް ބެކަމް: ސަރ ޑޭވިޑް ބެކަމް އަށް
އިނގިރޭސި ވިލާތުގެ މަޝްހޫރު ފުޓްބޯޅަ ތަރި ޑޭވިޑް ބެކަމްއަށް ކިންގް ޗާރލްސް ނައިޓްހުޑް ގެ ޝަރަފްވެރި ލަގަބު ދެއްވައިފިއެވެ. ނައިޓްހުޑް ބެކަމްއަށް އެރުވުން އޮތީ އިނގިރޭސި ޝާހީ ހަވޭލި ވިންޑްސަރ ކާސަލްގައި އިއްޔެއެވެ. މުޅި ދުނިޔެއަށް މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޑޭވިޑް ބެކަމް ސިފަކުރައްވާފައިވާ ގޮތުގައި އެވަގުތަކީ "ވަރަށް ހާއްސަ" ވަގުތެކެވެ.
މެންޗެސްޓަރ ޔުނައިޓެޑް އަދި ރިއަލް މެޑްރިޑްގެ ކުރީގެ މިޑްފީލްޑަރ ބެކަމް ނަންވަނީ ކިންގްސް ބާތުޑޭ އޮނަރސް ލިސްޓުގައި މިއަހަރުގެ ކުރީކޮޅު ހިމެނިފައެވެ. ބާތުޑޭ އޮނަރސް ލިސްޓުގައި ނަން ހިމެނިފައިވީ ނަމަވެސް، ރަސްމީކޮށް މި ޝަރަފު ލިބިވަޑައިގަތީ އަންގާރަ ދުވަހުއެވެ.
ނައިޓްހުޑް ގެ ޝަރަފްވެރި ލިބިވަޑައިގަތުމަށް ފަހު ފުރަތަމަ ނަމުގެ ގޮތުގައި ސަރ ގެ ލަގަބު ބޭނުންކުރަން ޖެހެއެވެ. އެހެންކަމުން ފުޓްބޯޅަ ލެޖެންޑް ބެކަމްއަކީ މިހާރު ސަރ. ޑޭވިޑް ބެކަމް އެވެ. ސަރ. ޑޭވިޑް ބެކަމް ގެ އަނބިކަނބަލުން، ފެޝަން ޑިޒައިނަރ ވިކްޓޯރިއާ ބެކަމް އަކީ މިހާރު ލޭޑީ ބެކަމް އެވެ.
ޔުނައިޓެޑް ކިންގްޑަމްގައި ނައިޓްހުޑް
ޔުނައިޓެޑް ކިންގްޑަމްގައި، ނައިޓްހުޑަކީ ގައުމީ ހަޔާތުގައި ފާހަގަކުރެވޭ ހިއްސާއެއް ކޮށްފައިވާ ފިރިހެނުންނަށް ދެވޭ ޝަރަފެކެވެ. މިއީ އެފަރާތްތަކަށް "ސަރ" ގެ ލަގަބު ދީ، ރަސްގެފާނުގެ އަތްޕުޅުން ނައިޓްކަން ލިބުމުގެ ހައްގު ދޭ ޝަރަފެކެވެ. މިއީ އެންމެ މަތީ ދަރަޖައިގެ ޝަރަފުތަކުގެ ތެރެއިން ޝަރަފެކެވެ. މިޝަރަފު ދެވެނީ ފަންނުވެރިކަމާއި ސައިންސްޢައި ވިޔަފާރި އާއި އާންމު ހިދުމަތުގެ އެކި ދާއިރާތަކުން ހާސިލުކޮށްފައިވާ ކާމިޔާބީ ތަކަށެވެ. ރަސްމީ ރަސްމިއްޔާތުގައި އާންމުގޮތެއްގައި ހިމެނެނީ ރަސްގެފާނު ކަނޑީގެ އަރިމަތިން ޝަރަފުވެރިޔާގެ ކޮނޑުގައި ޖެއްސެވުމެވެ.

ކަން ހިނގާގޮތް
ދެވޭ ސަބަބު: މައިގަނޑުގޮތެއްގައި ނައިޓްހުޑް ދެވެނީ ގައުމީ ފެންވަރުގައި ވަކި ދާއިރާއަކަށް ކޮށްފައިވާ މުހިންމު ހިއްސާއަކަށެވެ. މިޝަރަފު ލިބޭ ފަރާތްތަކުގެ ތެރޭގައި ތަމްސީލުކުރާ ފަންނާނުންނާއި ސައިންސްވެރިންނާއި ކުޅިވަރުކުޅުންތެރިންނާއި މުޖުތަމައުގެ އިސްފަރާތްތައް ހިމެނެއެވެ.
ލަޤަބު: މިޝަރަފުން ފިރިހެނުންނަށް އެމީހުންގެ ފުރަތަމަ ނަމުގެ ކުރިއަށް "ސަރ" މި ލަގަބު ބޭނުން ކުރުމުގެ ހައްގު ލިބިދެއެވެ.
ރަސްމިއްޔާތު: އާދަވެގެން، ނައިޓްކަން ދިނުމުގެ ރަސްމިއްޔާތުގައި ހިމެނެނީ ރަސްގެފާނު ކަނޑިން ޝަރަފުވެރިޔާގެ ކޮނޑުގައި ޖެއްސެވުމެވެ.
ބާވަތްތައް: ގިނަ ފިރިހެނުންނަށް ދެވެނީ ނައިޓް ބެޗެލަރގެ ޝަރަފު ނަމަވެސް، ނައިޓްކަން ދެވިދާނެ އެކި ޝުވެލަރީ އޯޑަރ ހުރެއެވެ. އޭގެތެރޭގައި މޯސްޓް ނޯބަލް އޯޑަރ އޮފް ދަ ގާޓަރ ނުވަތަ މޯސްޓް އެކްސެލެންޓް އޯޑަރ އޮފް ދަ ބްރިޓިޝް އެމްޕަޔަރ ފަދަ އޯޑަރތަކުގެ ތެރެއިން ނައިޓްހުޑް ދެވެއެވެ.
ނޮމިނޭޓްކުރުން: ޢާންމުންގެ ފަރާތުން ނުވަތަ ސަރުކާރުގެ މުއައްސަސާތަކުގެ ފަރާތުންވެސް ކެންޑިޑޭޓުން ނޮމިނޭޓްކުރެވިދާނެއެވެ. މި ނޮމިނޭޝަންތައް މުރާޖަޢާކުރަނީ އޮނަރސް ކޮމިޓީތަކުންނެވެ. އަދި ފައިނަލް ހުއްދަ ދެއްވަނީ ރަސްގެފާނެވެ.