ކިންގް ޗާލްސްގެ ފުރަތަމަ މެހުމާނަކީ ރަމަޕޯސާ!
އިގިރޭސިވިލާތުގެ ޝާހީ އާއިލާއަކީ ނަސްލީ ތަފާތުކުރުމާއި ކަޅު ނަސްލުގެ މީހުންނަށް ތަފާތުކުރުންތައް ގެންގުޅޭ ބައެއްކަމަށް ގިނަބަޔަކު ބުނަމުން ދެއެވެ. މިދިޔަ އަހަރު އެމެރިކާގެ މަޝްހޫރު ޓީވީ ޝޯއެއްކަމަށްވާ އޮޕްރާ އިންޓަވިއުގައި ޝާހީ ޕްރިންސަސް މޭގަން މަކެއިލް ވަނީ ޝާހީ އާއިލާގައި ރޭސިސްޓް ބަޔަކު ކަމުގައި ސިފަކުރައްވާ ވަރަށް ބޮޑެތި ތުހުމަތު ތަކެއް ކުރައްވާފައެވެ. ޝާހީ އާއިލާއަށް އަމާޒުވި ފާޑު ކިޔުންތަކާއި އެކު އަރައި ނުގަނެވި އުޅެނިކޮން ރަނީ އަވަހާރުވުން ވެގެންދިޔައީ އިގިރޭސި ޝާހީއާއިލާއަށް ކުރިމަތިވި ގޮންޖެހުމަކަށެވެ.
އިގިރޭސިވިލާތުގެ ރާނީ ކުއީން އެލިޒެބަތު މިދިޔަ ސެޕްޓެމްބަރ 8 ގައި އަވަހާރުވުމާއި ގުޅިގެން ޕްރިންސް ޗާލްސްއަށް އިގިރޭސި ތަހުތުގެ ތާޖު ލިބިވަޑައިގެން ކިންގް ޗާލްސްގެ ހައިސިއްޔަތުން ބޭރުގެ ވެރިޔަކަށް އެންމެ ފުރަތަމަ މެހުމާންދާރީ އަދާކުރަން ޖެހިވަޑައިގަތީ ސައުތު އެފްރިކާގެ ރައީސް ސައިރަލް ރަމަޕޯސާ އެވެ.
މުޅި ދުނިޔެއަށް ކިންގް ޗާލްސްގެ ފަރާތުން އިއްޔެ ފެނިގެން މިދިޔައީ ވަރަށް ތަފާތު މަންޒަރެކެވެ. ކިންގް ޗާލްސްގެ ޒައާމަތުގައި ރަސްމީ ހައިސިއްޔަތުން ބޭރުގެ އިއްޒަތްތެރި އަކަށް މެހުމާންދާރީ އަދާކުރަން ފުރަތަމަ ވެސް މިލިބުނީ ކަޅު ނަސްލުގެ ބޭފުޅެކެވެ. ސައުތު އެފްރިކާގެ ރައީސް ސައިރަލް ރަމަޕޯސާއަށް ޝާހީ މެހުމާންދާރީ އަދާކުރުމުގައި ކިންގް ޗާލްސްގެ ފަރާތްޕުޅުން ފެނުނީ އާދަޔާހިލާފު މެހުމާންދާރީއެކެވެ. ގާރޑް އޮފް އޮނަރ އެރުވުމާއި ޝާހީ އަސްގާޑިޔާ ކޮޅުގައި ދެބޭފުޅުން އެކުގައި ވަޑައި ގަތުމާއި ރައީސް ރަމަޕޯސާގެ ޝަރަފުގައި ބޭއްވެވި ފަރިއްކޮޅެވެ. ކިންގް ޗާލްސް އަކީ ނަސްލީ ތަފާތު ކުރުމަށް ހިތްވަރު ދޭ ބޭފުޅެއް ނޫންކަން ދުނިޔެއަށް ހާމަ ކޮއްދެއްވައިފިއެވެ. ކިންގް ޗާލްސްގެ ވެރިކަމުން ފެނިގެން މިދިޔައީ ކުރިން މީހުން އުންމީދު ނުކުރާ ފަދަ ފެށުމަކަށެވެ.
އިގިރޭސިވިލާތާއި ސައުތު އެފްރިކާގެ ގުޅުން މި ވަގުތުވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. ޔުކުރޭން މައްސަލައިގައި އިގިރޭސިންނެގި ސްޓޭޑްގެ ބަދަލުގައި ސައުތު އެފްރިކާގެ ސަރުކާރުންވަނީ ރަޝިޔާކޮޅަށް ޖެހިފައެވެ. ރަޝިޔާއާއި ދެކޮޅަށް އެމެރިކާއާއި ޔޫރަޕް އެޅި ދަތިކުރުމުގެ ފިޔަވަޅުތައް ތަންފީޒުކުރުމަށް ދެކޮޅު ހެދި މަދު ގައުމުތަކުގެތެރޭގައި ވެސް ދެކުނު އެފްރިކާ ހިމެނެއެވެ. ރަޝިޔާއިން ޔުކުރޭނަށް އަރާ ޔުކްރޭނުގެ ބިންތަކަށް ވެރިވެގަނެފައިވާ ބަޔަކީ ރަޝިޔާގެ އެނެކްސް އެއްކަމަށް ރަޝިޔާއިން ކަނޑައެޅުގެ ކުރިން ސައުތު އެފްރިކާގެ ސަރުކާރާ އަދި ސައުތު އެފްރިކާގެ ވެރިކަން ހިންގާ އޭއެންސީ އިންވަނީ ރަޝިޔާއިން ހިފި ޔޫކުރޭނުގެ ހަތަރު ސަރައްދަކީ ރަޝިޔާގެ ތަންތަން ކަމަށް ގަބޫލުކޮށްފައެވެ.
ޑައުނިން ސްޓްރީޓްގައި އިގިރޭސި ބޮޑުވަޒީރު ރިޝީ ސުނަކް އާއިއެކު ރައީސް ރަމަޕޯސާ ބޭއްވި ބައްދަލުވުމުން ދެގައުމުގެ ގުޅުމަށް އިތުރު ކުރިއެރުންތައް ލިބިގެންދާނެ ކަމަށް ބެލެވެއެވެ. އިގިރޭސިވިލާތާއި ޔޫރަޕް ގުޅިގެން ސައުތު އެފްރިކާގެ ރީނިއުބަލް އެނަރޖީ ސެކްޓަރަށް 8.5 ބިލިއަން ޑޮލަރުގެ އެހީ ލިބޭނެ ގޮތް ހަމަޖެހިގެން ދާނެކަމަށް ހަބަރުތައް ބުނެއެވެ. އޭއެންސީގެ ޒުވާން ގޮފީގެ ފަރާތުން ވާހަކަ ދެއްކި ފަރާތަކުން ބުނެފައިވަނީ ރައީސް ރަމަޕޯސާ ހައްދަނީ ވަރަށް ބޮޑު ގޯހެއްކަމަށެވެ. އޭއެންސީ ވެރިކަމަށް އާދެވެން އޮތީ ކޯލް ނަގާ ޔުނިއަން އާއި ވިޔަފާރިވެރިންގެ ތާއީދާއި އެކު ކަމަށެވެ. ނަމަވެސް ރީނިއުބަލް އެނަރޖީއަށް ސަރުކާރުން ދީލާލުމަކީ ސަޕޯޓް ބޭސް ގެއްލިގެން ދާނެކަމެއް ކަމަށެވެ.
މީގެ ކުރިން ސައުތު އެފްރިކާގެ ވެރިއަކު އިގިރޭސިވިލާތައް އެންމެ ފަހުން ގޮސްފައިވަނީ 2010 ވަނަ ރައީސް ޖޭކަބް ޒޫމާގެ ވެރިކަމުގައެވެ. ރައީސް ޒޫމާގެ މައްޗައް ބޮޑެތި ކަރަޕްޝަންގެ ތުހުމަތުތަކެއް ކުރެވި މިހާރުވެސް ދަނީ ޕްރޮސިކިއުޓް ކުރެވެމުންނެވެ. ސައުތު އެފްރިކާގެ ރައީސް ރަމަޕޯސާ ގެ މައްޗައް ވެސް ތުހުމަތުތަކެއް އަންނަނީ ކުރެވެމުންނެވެ. ރައީސް ރަމަޕޯސާ ގެ ބާރު ނަހަމަގޮތުގައި ބޭނުންކޮށް ކުރީ ސަރުކާރުން ވަގައް ނެގި އެތައް މިލިޔަން ޑޮލަރެއް ރަމަޕޯސާގެ އަމިއްލަ ޗުއްޓީ ހޭދަކުރާ ގޭމް ރޭންޗްގައި ފޮރުވާފައިވާކަމަށް އަންނަނީ ބުނަމުންނެވެ.
އަންނަ ޑިސެމްބަރު މަހުގެ މެދެއްހާ ހިސާބުގައި އޭއެންސީގެ ލީޑަރަކު ހޮވުމަށް ބާއްވާ އެލެކްޝަން އޮންނާނެއެވެ. އިގިރޭސި ވިލާތައް ރައީސް ރަމަޕޯސާ މިކުރައްވާ ދަތުރުފުޅުން ލީޑަރޝިޕް އިންތިހާބަށް ވަރަށް ބޮޑު ފައިދާ އެއް ކުރާނެ ކަމަށް ހަބަރުތައް ބުނެއެވެ.