އީވާއަށް: ތިޔައީ ވެސް ކުޅަނދު މަދު ބީރައްޓެއްސެއް!

މަތިހަށި ނަގާފައި ގެނައި ސަރުކާރަކީ ކުޅޭކުޅޭ ބުދަކަށް ނުހެދުނު

އީވާއަށް: ތިޔައީ ވެސް ކުޅަނދު މަދު ބީރައްޓެއްސެއް!

އީވާގެ ޗޮއިސް އަކީ އަންނިކަން އޮޅިގެން އެކަކަށްވެސް ނޫޅެއެވެ. އެކަމަކު ބުނަން ހެއްޔެވެ ޗޮއިސް ހުސްވިޔަސް ދިވެހިންގެ ގިނަ ބަޔަކަށް މިހާރަކު އަންނިއަކީ ޗޮއިސްއެއް ނޫނެވެ. އެކަން އެންމެ ރަނގަޅަށް އެނގެނީވެސް އަންނިއަށެވެ. ރައީސްކަމަށް އަންނި ވާދަކޮށްފި ނަމަ ވަހީދަށް ވީވަރުވެސް އަންނިއަށް ނުވާނެކަން އަންނި ގަބޫލު ކުރާނެއެވެ. ބަރުލަމާނީ ވެރިކަމެއް ގެންނަ އަންނި ބޭނުން ވެގެން އެ އުޅެނީ ވެސް އެކަމާ ހެދިކަން ނޭނގެނީ ކާކަށް ހެއްޔެވެ. ރާގު ރާގަށް އީވާމެން ކިތަންމެ ވައްވަކެއް ޖެއްސަސް ދިވެހިންގެ ގިނަ ބަޔަކަށް ތިޔަ ޑްރާމާ ހިތުދަހެވެ.   

ރައިސް ސޯލިހުގެ އޯގަތެރިކަމުގެ ފައިދާ ނަގައިގެން ރައީސް ސޯލިހަށް ސަރުކާރު ހިންގަން ދަތި ކުރުން ނޫން ކަމެއް އީވާމެނަށް އެބަ ކުރެވޭހެއްޔެވެ. އެމްޑީޕީގެ މަސްލަހަތު ރައީސް ސޯލިހު ކުރިއަށް ނެރުއްވުމަކީ އެމްޑީޕީގެ ތެރޭން ރައީސް ސޯލިހާ ދެކޮޅަށް ބަގާވަތް ކުރަން އީވާމެނަށް އޮތް ޗޮއިސްއެއް ނޫނެވެ. އިދިކޮޅު ޕާޓީއަށްވުރެ އިދިކޮޅެވެ. އެތެރޭގައި މަޝްވަރާކޮށްގެން ހައްލު ކުރެވޭވަރު ކަންކަން ބޮޑު ފިތުނަ އަކަށް ހަދައިގެން ރަށްމެދުގައި ތިޔަ ހާވާ ހަޑިއެކޭ ގަޔަށް ތިކި ބުރާ ވަރަށް ތަފާލުގައި ދަނޑިން ތެޅުމެކޭ ތަފާތެއް ނެތެވެ. 

ތިޔަ ގަބީލާގައި ހުރި އިހުލާސްތެރިކަން ނިކަން ދެކެބަލާށެވެ. ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށް ސަރުކާރުން ހުށަހެޅި އެއްވެސް ކަމަކަށް ތާއީދެއް ނުކުރެއެވެ. ސަރުކާރުން ހިންގާ ކޮންމެ މަޝްރޫއަކީ މި ވަގުތު ހިންގައިގެން ވާނެ ކަންކަން ކަމަކަށް ގަބޫލެއް ނުކުރެއެވެ. ރައްޔިތުންނަށް ތަފާތު ނުކޮށް ފެނާ ނަރުދަމާގެ ހިދުމަތް ދިނުމަކީ ދައުލަތަށް އުފުލަން ޖެހިފައިވާ ބުރައެއް ކަމަށް ދެކެއެވެ. ހައިސްޕީޑް ފެރީ ނިޒާމަކުން މުޅި ރާއްޖެ ގުޅާލުމަށް ސަބްސިޑީ ދިނުމަކީ ކުރަން ހެޔޮވާ ވަރުގެ ކަމަކަށް ނުވެއެވެ. ހަދާ ކޮންމެ ބަނދަރަކާއެކު ޔަމީނު ރަޝީދު ދިރިގެން އަންނަން ޖެހެއެވެ. ރަށްރަށުގެ އިންޖީނުގެތައް ޒަމާނީ ފެންވަރަށް ބަދަލުކޮށް ރަށްރަށުގެ ބަނދަރުތައް ހަދާ ރަށް ގިރުން ހައްލުކޮށް ދިނުން ވަނީ އިސްރާފެއް ކަމަށެވެ. ރައްޔިތުންގެ މަންދޫބުންގެ ވިސްނުން މި ހާވަރަށް ކޮރަޕްޓް ވީމާ ދެން ދައްކަން އޮތީ ކޮން ވާހަކައެއް ހެއްޔެވެ.

އެމްޑީޕިގެ ހަގީގި ވައުދަކީ ރިލްވަނާ ޔާމީނު ރަޝީދު އެކަނިކަން އަދިކިރިޔާ މިއެނގުނީއެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތް ބެލުން ނޫނީ އެމްޑީޕީގެ ސަރުކާރަކުން ކުރާނެ އެހެން ކަމެއް އޮވެގެން ނުވާނެކަން ވެސް މި އެނގުނީއެވެ.  

ދޫ ފަރިތަކޮށް ޖަޒްބާތުގައި އީވާމެން ވާހަކަ ދައްކާލާއިރު ހީވަނީ ދެން ތިބީ ހައްތަހާ ވެސް ގަމާރުން ހެންނެވެ. ރިލުވާނޭ ޔާމީނު ރަޝީދުގެ ގަތުލޭ ކިޔައިގެން މާ އިމޯޝަނަލް ވާނެކަމެއް ނެތެވެ. ރޭވިގެން ސިއްރުން ހިންގާފައި ހުންނަ ގަތުލު ތަކުގެ ހަގީގަތް އީވާ ހަމަ ބުނާއިރަށް އެނގޭ ނަމަ އެކަމަށް މަސައްކަތެއް ކުރާކަށް ނުޖެހޭނެތާއެވެ.

އެމެރިކާއަކީ ދުނިޔޭގައި އެންމެ ކުރިއަރަފައިވާ ހުރިހާ ވަސީލަތެއްގެ އެހީގައި ތަހުގީގުތައް ހިންގާ ގައުމެކެވެ. އެކަމަކު 1963 ގައި އެނތާގެ ރައީސް ޖޯން އޮފް ކެނެޑީ އަވަހާރަކޮށްލީ ކާކުކަން ހޯދުނީ ދާދި މިދާކަށް ދުވަހުކަން ހަމަ ރަނގަޅަށް އެނގޭނެއެވެ. ރޭވިގެން ހިނގާ އެޒާތުގެ މަރުތަކުގެ ހަގީގަތަކީ ފެން ތައްޓެއް ބޯލާހާ ފަސޭހައިން ހޯދޭނެ ކަންކަމެއް ނޫނެވެ. އަފްރާޝީމާއި ރިލްވާނާއި ޔާމީނު ރަޝީދުގެ މަރުގެ ތަހުގީގަށް ކުރިއެރުންތައް ލިބި ފެންނަން ހުރި ހެކިތަކާއި ގަރީނާ ތަކުގެ މައްޗަށް ދައުވާކުރަން ޖެހޭ ފަރާތް ތަކަށް ދައުވާކޮށް ޝަރީއަތް ކުރެވެމުން ދާކަން ނޭނގުމަކީ އީވާގެ ގަމާރުކަމެވެ. ކިތަންމެ ފުޅާކޮށް ކިތަންމެ ރަނގަޅަށް ތަހުގީގުކޮށް ޝަރީއަތް ކުރިޔަސް ގަބޫލު ނުކުރާ މީހަކަށް އިންސާފަކީ ލިބޭނެ އެއްޗެއް ނޫނެވެ.

ކުރީގެ ސަރުކާރުން ދައުލަތަށް ވެފައިވާ ހިޔާނާތާއި ކުރި ވައްކަން ތަކުން ގެއްލިފައިވާ ފައިސާ ހޯދުމަށް ކުރެވޭ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް ދާކަން ނޭނގޭ ކަމަށް ހަދައިގެން ސަރުކާރު ބަދުނާމު ކުރަން ސަޅި ވާހަކަ ދައްކަން އީވާ ވެސް ތާހިރެއް ނޫނެވެ. ތިމާމެން މަތިހަށި ނަގާފައި ގެނައި ސަރުކާރަކީ އީވާމެންގެ ކުޅޭކުޅޭ ބުދަކަށް ނުހެދުނީމާ އޮބި ނޯންނަ ވަރަށް ގައި ހިރުވާނެއެވެ. ހަޖަމެއް ނުވާނެއެވެ.

ރައްޔިތުންނަށް ހެޔޮ އެދޭކަމަށް ވެގެން " މާ މާލެ ވެގެން " އުޅޭނެ ކަމެއް ނެތެވެ. އީވާއަކީ ވެސް ހިންނަވަރަށް އުފަން ހިންނަވަރު މީހެއްގެ ދަރިއެކެވެ. މާލޭގައި އުޅޭ ރަށްފުށު އެހެން މީހުނާ މާބޮޑު ތަފާތެއް ނެތް، ތިޔަ ކިޔާ ކަހަލަ " ކުޅަނދު މަދު ބީރައްޓެއްސެއް" ނޫން ކަމަކަށް ނުވާނެއެވެ. ގަލޮޅު އުތުރު ގޮނޑި ހިސޯރުކޮށްގެން ދާއިރާ މީހުނަށް ކަމެއް ކޮށްދޭން ނޫޅެ ވެރިކަން އަތަށް ފިރުކާލަން ކުރަން އޮތް ކަމެއް ނޫނީ ނުކުރާ އީވާ ރައްޔިތުންނޭ ހައްގޭ އިންސާފޭ ނުކިޔާ މައިތިރިވެގެން ހުރެވޭތޯ ބަލާށެވެ. ތިޔައީ ހުސް ވެސް ޗަރުކޭހެވެ.