ދަ ޑިމޮކްރެޓްސް ރުއްސައިގެން މުއިއްޒަށް ވާނެ މޮޅެއްނެތް
ރައީސް ޑރ. މުއިއްޒު ދައުރު ފައްޓަވާނީ އެއްވެސް ހާސްކަމެއް ކަމެއްނެތި
އިންތިހާބީ ރައީސް 17 ނޮވެންބަރގައި ކުރައްވާ ހުވާއަކީ ސައްހަ ހުވައެއް ނޫންކަމަށް ހަދަން އުޅުނީ ކޮން ބައެއްކަމާއި ބަޖެޓް ފާސްކުރިޔަ ނުދޭން އުޅެނީ ކޮންބައެއްކަން މިއަދު މަޖިލީހުގެ ތަޅުމުގައި ހިންގާ ކަންކަމުން ސާފެވެ. މަޖިލީހުގެ ރިޔާސަތު ހިސޯރުކޮށްގެން ގައުމު ފާލުން ނައްޓުވާލަން ދަ ޑިމޮކްރެޓްސް ކުރިހާ މަސައްކަތް ބޭކާރުވެ ބޭޒާރު ވެއްޖެއެވެ. ހިނގާ އަހަރުގެ ސަޕްލިމެންޓަރީ ބަޖެޓް ފާސްވިޔަނުދީ ސަރުކާރު ކޮށިއަރުވާލަން ހިންގި ހީލަތްތެރި ރޭވުން ފޭލިކޮށް ލެވިއްޖެއެވެ. ފެށޭ އައު ސަރުކާރަށް ބަޖެޓްނުދީ ދައުލަތް ހުއްޓުވާލަން ކުރި މަސައްކަތް ބޭކާރު ކޮށްލެވިއްޖެއެވެ.
ދަ ޑިމޮކްރެޓްސްއަށް ހަދާނެ ނުހަދާނެ އެއްޗެއް ނޭނގި އަރާނެ ނާރާނެ ފަޅިއެއް ނޭނގި އޮޔާދާ ބޮނބި ގަނޑެއްހެން އެނބުރުނަކަސް އެމްޑީޕީ އޮތީ ރަނގަޅު ޓްރެކްގައި ރަނގަޅު މިސްރާބުގައެވެ. އެމްޑީޕީ އޮތީ ރިޔާސީ އިންތިހާބުން ވީ ބަލި ގަބޫލުކޮށް އިންތިހާބީ ރައީސަށް ހެޔޮވެރިކަމެއް ކުރުމަށް ޖާގަ ދީގެން ޒިންމަދާރު އިދިކޮޅު ޕާޓީގެ ގޮތުގައެވެ. ގައުމާ ރައްޔިތުންނަށް ވާން އޮތް ރަނގަޅެއް ހޯދާ ދިނުމުގައެވެ.
ލިބިއޮތް ބާރެއް ގެއްލިގެން މޮޔަގެރި ހެދިގެން އެމްޑީޕީ ނޫޅެއެވެ. ރައްޔިތުން އިންތިހާބުކޮށްފައިވާ ރައީސަށް ހެޔޮވެރިކަމެއް ކުރެވޭނެ މާހައުލެއް ހަދާ ދިނުމަކީ އެމްޑީޕީން މަސައްކަތްކުރި ގޮތެވެ. އައު ރައީސް ހުވާކުރާ ޖަލްސާއަކީ އެ ޖަލްސާގެ ސައްހަކަމާ މެދު ސުވާލު ނުއުފެއްދޭނެ ޖަލްސާއަކަށް ހެދުމަށް އެމްޑީޕީން ކުރި މަސައްކަތް ކާމިޔާބުކޮށްފިއެވެ. އައު ރައީސް ހުވާކުރާ ޖަލްސާގެ ސައްހަކަމާމެދު ސުވާލު އުފެއްދޭކަށް މިހާރަކު ނުއޮންނާނެއެވެ. އެ ޖަލްސާގެ ރިޔާސަތުގައި އިންނަވާނީ މަގާމުގެ ސައްހަކަމާ މެދު ސުވާލެއް ނެތް މަޖިލީހުގެ މެންބަރުންގެ އިތުބާރު އޮތް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމެވެ.
އައު ރައީސް ޑރ. މުއިއްޒު ގާނޫނީ ހުވާ ކުރައްވާ ވެރިކަމުގެ ދައުރު ފައްޓަވާނީ އެއްވެސް ހާސްކަމެއް ނުތަނަވަސް ކަމެއްނެތި ހިތްޕުޅު ހަމަޖެހި ވަޑައިގެން ހުންނަވައެވެ. ހުވާކުރައްވާ މަޖިލީހުގެ ޖަލްސާގެ ސައްހަކަމާމެދު އުފައްދާނެ ސުވާލެއް ނެތީމައެވެ. ބަޖެޓް ފާސްނުވެގެން ބަޖެޓް ނުލިބުމުގެ ބިރުވެރިކަން ފިލާ ގޮސްފައިވާތީއެވެ. ސަރުކާރުގެ އޮނިގަނޑާއި ވަޒީރުންގެ މަޖިލިހަށް ރުހުން ނުދިނުމަށް އޮތް ބިރުވެރިކަން ނެތި ދިޔުމުންނެވެ.
ގަބޫލުކުރިޔަސް ނުކުރިޔަސް މަޖިލީހުގެ މެޖޯރިޓީ ޕާޓީގެ ތާއީދާ މަދަދު ނުލިބި ވެރިކަމެއް ކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ. މިވަގުތު މަޖިލީހުގެ ސާފު މެޖޯރިޓީ އޮތީ އަދިވެސް އެމްޑީޕީއަށެވެ. ވެރިކަން އޮތަސް މަޖިލީހުގެ މެޖޯރިޓީ ޕާޓީއާ ދެކޮޅަށް ވެރިކަން ކުރަން ދިމާކޮށްފި ވެރިއަކަށް ކުރެވޭނެ ކަމެއް ނުއޮންނާނެއެވެ. ރާއްޖޭގައި ގާނޫނޫ އަސާސީ ތަރުތީބު ވެފާ އޮތްގޮތުން ފަނޑިޔާރު ގެއާއި މިނިވަން މުއައްސަސާތަކުގެ ފުރިހަމަ ބާރުވެރިކަން އޮތީ މަޖިލީހަށެވެ. ވަޒީރުން މަގާމުގައި ދެމި ތިބުމުގައި ރައްޔިތުންގެ މަޖިލީހުގެ ރުހުމަކީ އެހާމެ މުހިންމު ކަމެކެވެ.
ރަނގަޅު އަދަދަކަށް މަޖިލީހުގައި ސަރުކާރަށް ތާއީދު ކުރާ މެންބަރުން ނެތް ސަރުކާރަކަށް މެޖޯރިޓީ ޕާޓީގެ އެއްބާރުލުން ހޯދުން ނިހާޔަތަށް ބޭނުން ވާނެއެވެ. އަމްދުން މެޖޯރިޓީ ޕާޓީއާއި ފިކުރު ތަފާތު އެންމެން އެއްވެގެންވެސް މަޖިލީހުގެ މެޖޯރިޓީ އަނބުރާ ނުލެވޭ ހާލަތުގައި އޮތް މަޖިލީހަކުން ކަންކަން ނިންމުމަށް މެޖޯރިޓީ ޕާޓީގެ ރުހުން ސަރުކާރަށް އިންތިހާއަށް ބޭނުންވާނެއެވެ. އެހެން ކަމުން ދަ ޑިމޮކްރެޓްސް ރުއްސައިގެން މުއިއްޒަށް ވާނެ މޮޅެއްނެތެވެ.