3 ބާރުން 1 ބާރު އައްޑޫއަށް!
ރައީސް ނަޝީދަށް މަޖިލިސް ރިޔާސަތަކު ނުއިންނެވުނު
ރައީސް މައުމޫންގެ ދިގު 30 އަހަރުގެ އަނިޔާއާއި ބޭއިންސާފުން ރާއްޖެ ވީއްލި ގަތުމުގެ އިސް ސަފަށް އެރި ދިވެހިން އެންމެ ގިނަ އެއް ތަނަކީ އައްޑޫއެވެ. ރާއްޖޭގެ ވެރިކަމުގެ ވަސްފޯރާ ފަށަށް އައްޑުއަށް ނިސްބަތްވާ ބޭފުޅަކު ގާތްވިޔަ ނުދިނުމުގެ ނިޔަތް މާލޭގެ ބޮޑުންގެ މެދުގައި އަބަދުވެސް އޮތެވެ.
2008ގެ ގާނޫނު އަސާސީ އުފަންވެ 3 ބާރު ވަކިވީފަހުން ހިންގުމުގެ ބާރާއި ގާނޫނު ހެދުމުގެ ބާރުގެ ވެރިކަމަށް އައްޑޫ ދަރިއަކަށް އާދެވިފައެއް ނުވެއެވެ. އަޔަކަނުވެސް ދެއެވެ. ފަނޑިޔާރުގެ ނޫން ބާރެއްގެ ވެރިއަކަށް އައްޑޫ މީހަކު ކަމަކުނުދެއޭ ބުނާކަހަލައެވެ.
އެމްޑީޕީ ވުޖޫދުވެ ޑިމޮކްރަސީއަށް ރާއްޖެ ފުރޮޅި ރައީސް ނަޝީދަށް ރާއްޖޭގެ ވެރިކަން ހޯދައިދިނުމުގައި ކަށިތަށް މުގުރި ހަށިތަށް ހަފުސްކުރުމުގެ އެންމެ ކުރިއަށް ނުކުތް މީހުންގެ ތެރޭގައި ވެސް އައްޑޫ މީހުން ގިނައެވެ. ބަހާ އަމަލާ ޖާނާ މާލުން ބަޔަކު ގުރްބާން ވިއްޔާ އެބަޔަކީ އައްޑޫ ރައްޔިތުންނެވެ.
އެހެން ނަމަވެސް ތަފާތެވެ. އެމްޑީޕީގެ މަތިފަޑީގައި އައްޑޫއަށް ނިސްބަތްވާ އެއްވެސް ބޭފުޅަކަށް މާކަ ގިނަ ދުވަހަކު ހިފަހައްޓައެއް ނުލެވެއެވެ. ޑރ. މުނައްވަރާއި ޑރ. ޑީޑީ އާއި އަލްހާން ފަހުމީ ނޫނަސް އައްޑޫއަށް ނިސްބަތްވި ކޮންމެ ބޭފުޅަކު ހުރީ ކޮންމެވެސް ގޮތަކުން އޮބަހެއްޓި ބޭރުކުރެވިފައެވެ.
ހިނގަމުން މިދާ 19 ވަނަ މަޖިލީހުގެ ރިޔާސަތަށް ފުރަތަމަވެސް ހިތަދޫ މުޙަންމަދު އަސްލަމް ހޮވާނެ ކަމުގެ ދަޅަ ފަހު ވަގުތާ ހަމައަށް ދެއްކިއެވެ. ނަމަވެސް ފަހު ވަގުތު އެގޮނޑިއަށް އަރާ ވަޑައިގަތީ ރައީސް ނަޝީދެވެ.
އެމްޑީޕީގެ 2 ވަނަ ދައުރު ގެއްލި ރައީސް ޞޯލިޙް ވޯޓުން ބަލިކުރުމުގެ މާސްޓަރ މައިންޑަކީ ވެސް ރައީސް ނަޝީދެވެ. އެކުގައި ތިބި ނަމަ މިފެށޭ ރިޔާސީ އައު ދައުރަކީ ވެސް އެމްޑީޕީ ވެރިކަމުގައި އޮންނާނެ ދައުރެކެވެ.
ވީގޮތަކުން އެމްޑީޕީ ބަލި ކުރެއްވުމަށް ފަހު ރައީސް ނަޝީދަށް މަޖިލިސް ރިޔާސަތަކު ނުއިންނެވުނެވެ. މަޖްބޫރުވެވަޑައިގެން އިސްތިއުފާ ދެއްވިތާ މަދު ގަޑިތަކެއްގެ ފަހުން މަޖިލިސްގެ ރިޔާސަތަށް އިންތިޚާބު އެވީ އަސްލަމެވެ.
ޑިމޮކްރަސީއާ އެމްޑީޕީ އަށްޓަކާ އައްޑޫ ރައްޔިތުންވީ ގުރްބާނީގެ ދިގުލީ އިންތިޒާރަށް ކޮންމެވެސް ވަރެއްގެ ނިމުމެއް އައީއެވެ.
ދައުލަތް ހިންގުމުގެ 3 ބާރުން ކުރެ ގާނޫނު ހަދާ މަޖިލިހުގެ ރިޔާސަތު އައްޑޫއަށް ލިބުނީއެވެ. އިސްވެ ބުނެވުނުހެން މީގެ ކުރިން އައްޑޫއަށް ނިސްބަތްވާ ބައެއް ބޭފުޅުން އުއްތަމަ ފަނޑިޔާރުކަން ކުރެއްވިއެވެ. ނަމަވެސް އެއީ އެމްޑީޕީގެ މުތުލަގް ނިންމުން ތަކަށްވުރެ ދުރު، ޕީޕީއެމްގެ ފްރިކްއެންސީގައި އޮޕަރޭޓް ކުރެއްވި ބޭފުޅުންނެވެ.
އެމްޑީޕީގެ ވެރިކަން ނިމި އިތުރު ކުޑަދުވަސް ކޮޅަކަށް މަޖިލިސް ރިޔާސަތު ލިބުމަކީ އެމްޑީޕީއަށް މަރުދޭ އައްޑޫ ރައްޔިތުންނަށް ކުޑަކުޑަ ކަމެއްނޫނެއެވެ.