ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން ރާއްޖެވަޑައިގެންފިއެވެ. ކެމްބޯޑިއާގެ ބޮޑުވަޒީރު ރާއްޖެވަޑައިގަތުމުން، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުހަބާ ދެންނެވީ ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދެވެ. ކެމްބޯޑިއާގެ ބޮޑުވަޒީރުގެ ޝަރަފުގައި އެމް.އެން.ޑީ.އެފްއިން ގަރޑް އޮފް އޮނަރއެއް ވެސް އަރުވާފައިވެއެވެ.
ކެމްބޯޑިއާގެ ބޮޑުވަޒީރު ހުން ސެން އަކީ 1985 ވަނަ އަހަރުން ފެށިގެން އެ ގައުމުގެ ބޮޑުވަޒީރުކަން ކުރައްވަމުން ގެންދަވާ ކުރީގެ އަސްކަރީ ކޮމާންޑަރެކެވެ. އެ މަނިކުފާނަކީ ކެމްބޯޑިއާގެ ވެރިކަމުގައި އެންމެ ގިނަ ދުވަހު ހުންނެވި އަދި ދުނިޔޭގެ ނިސްބަތުން ވެސް ގައުމެއްގެ ލީޑަރެއްގެގޮތުގައި އެންމެ ގިނަ ދުވަހު ވެރިކަން ކުރައްވާ އެއް ލީޑަރެވެ. އެ ގޮތުން އެ މަނިކުފާނު ކެމްބޯޑިއާގެ ބޮޑުވަޒީރުކަން ކުރައްވާތާ މި އަހަރަށް 38 އަހަރު ވާނެއެވެ.
ކެމްބޯޑިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ދައުވަތަކަށް ރާއްޖެއަށް ކުރައްވާ 3 ދުވަހުގެ ރަސްމީ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ ތެރެއިން އެ މަނިކުފާނަށް ރަސްމީކޮށް މަރުހަބާ ދެންނެވުމާއި، ދަތުރުފުޅުގެ ތެރެއިން ކުރިއަށްދާ ރަސްމީ ހަރަކާތްތައް އޮންނާނީ މާދަމާއެވެ.
ކެމްބޯޑިއާގެ ބޮޑުވަޒީރުގެ މި ދަތުރުފުޅުގައި ރާއްޖެއާއި ކެމްބޯޑިއާއާ ދެމެދު ރަސްމީ މަޝްވަރާތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހި ކުރެއްވުމާއި ބެހޭގޮތުން މަޝްވަރާކޮށް، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ގޮތުން ފަހުމުނާމާތައް ބަދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.
ދަތުރުފުޅުގެ ހަވާސާގައި ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ މުއާމަލާތްތައް ހަރުދަނާ ކުރުމަށާއި، ވިޔަފާރީގެ ދާއިރާއިން ގުޅުން އިތުރަށް ބަދަހި ކުރުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ބާއްވާ ބިޒްނަސް ފޯރަމްގައި ދެ ގައުމުގެ ޗެމްބަރ އޮފް ކޮމަރސް އިން ބައިވެރިވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ދިވެހިރާއްޖެއާއި ކެމްބޯޑިއާއާއި ދެމެދު ޑިޕްލޮމެޓިކް ގުޅުން ޤާއިމުކޮށްފައިވަނީ 21 ސެޕްޓެމްބަރު 1995 ގައެވެ. މިއަހަރު ދެގައުމުގެ ގުޅުމަށް 28 އަހަރު ފުރޭނެއެވެ.