ޒަރިޔަންދަށް: މުއިއްޒަށް ދަރަނި މެނޭޖުކުރަން ނޭނގުމުން ބައެއްގެ ބޮލަށްނުކަނޑާ

ޒަރިޔަންދަށް: މުއިއްޒަށް ދަރަނި މެނޭޖުކުރަން ނޭނގުމުން ބައެއްގެ ބޮލަށްނުކަނޑާ

އަޒާނާއި ޒަރިޔަންދު ނުބުންޏަސް ރާއްޖޭގެ ދަރަނީގެ ހާލަތު އެނގޭ މީހުން މަދެއްނޫނެވެ. އެ ކަމުގައި އަޒާންގެ ވާހަކައަށް ޒަރިޔަންދު ތާއީދުކުރުމަކުން ނުކުރުމަކުން ހާލަތަށް ބަދަލެއް ނާދެއެވެ. ރާއްޖޭގެ މިހާރުގެ ދަރަނީގެ ނުރައްކާތެރި ހާލަތަކީ ކުއްލިއަކަށް ކުރިމަތިވި ކަމެއް ނޫންކަން އެންމެނަށް ވެސް އެނގެއެވެ.

ރާއްޖޭގެ ދަރަނީގެ ހާލަތަކީ 2019 ވަނަ އަހަރުން ފެށިގެން އުފެދެމުން އައި މައްސަލައަކަށް ހަދަން ކުރާ ވަކާލާތުން މައުމޫނާއި ނަޝީދާއި ޔާމީނު އިސްތިސްނާ ކުރެވޭނެ ކަމަށް ޒަރިޔަންދު ހީކުރަނީ ހެއްޔެވެ. ކޮވިޑް19 ގެކުރިން އޮތް ސަނީ ސައިޑް ބޮންޑްގެ ވާހަކަ ހަނދާން ނެތުނީ ހެއްޔެވެ. ރައީސް ސޯލިހު ވެރިކަމަށް އެރިގޮތަށް އަރާ ލޯނު ނަގައިގެން ދައްކަން ފުރަތަމަވެސް ޖެހުނީ ޔާމީނު ވެރިކަމުގައި ނަގާފައި އޮތް ސަނީ ސައިޑް ބޮންޑުކަން ނޭނގެނީ ހެއްޔެވެ. ނޫނީ އެނގޭކަމަށް ނުހެދީހެއްޔެވެ. 

2020 ވަނަ އަހަރު ކުރިމަތިވި ކޮވިޑް-19 ގެ ބަލިމަޑުކަމަކީ ގޮންޖެހުންތަކުން ފުރިގެންވި ދަތި ހާލަތެއް ކަމާއި ދައުލަތަށް ލިބޭ އާމްދަނީ ވަރަށް ބޮޑަށް ދަށަށް ދިޔަކަމާއި ކުއްލި މާލީ އެހީތެރިކަމަށް ބޭނުންވި ކަމަށް އެއްބަސްވާއިރު ދަރަނި އިތުރުވަމުން ދިޔަ މިންވަރު ކޮންޓްރޯލް ނުކުރެވުމުގެ ޒިންމާ ވަކިބައެއްގެ ބޮލަށް ކަނޑާލަން ނޫޅޭށެވެ. ސަރުކާރުގެ ހަރަދު ބަރަދު ތަރުތީބުކޮށްގެން ހިންގާން ނޭނގޭ ބަޔަކުވެރިކަމުގައި ތިބެ ކަންކަން އަތަށް ގޮއްވާލުމުން ކުރީން ވެރިކަން ކުރިމީހުން މާލީ ގޮތުން އެކަށީގެންވާ ނަތީޖާއެއް ނުލިބޭ ނުވަތަ ނަތީޖާ ލަސް، ބޮޑެތި ހަރަދުތައް ކުރިއްޔޭ ކިޔައިގެން މިހާރު ވާހަކަ ނުދައްކާށެވެ. 

ކޮވިޑްގައި ސަރުކާރުން އެންމެ މުއައްޒަފަކު ނުކަނޑައެވެ. މުސާރައިން ބައެއް އުންޏެއް ނުކުރެއެވެ. މަސައްކަތް ހުއްޓި އާމްދަނީ ބަންދުވި އަމިއްލަ މީހުނަށް ސަޕޯޓް އެލަވަންސްދީ ގައުމު ހުއްޓުނަނުދީ ހިފެހެއްޓިއެވެ. ރިސޯޓްތައް ބަންދު ކުރަން ޖެހުމުން އެ ތަންތާނގެ ކުލިފަސް ކުރިއެވެ. ގައުމު އިނދަނުޖެހި ބަނޑަށްނުޖެހި ރައްޔިތުންގެ ފުރާނަ ސަލާމަތްކުރަން ކުރިކަންކަމަކީ މާލީ ގޮތުން އެކަށީގެންވާ ނަތީޖާއެއް ނުލިބޭގޮތަށް ކުރެވުނު ކަންކަން ކަމުގައި ދައްކަން ނޫޅޭށެވެ. ރައްޔިތުންގެ ދެމެހެއްޓެނިވި އަސާސީ ހިދުމަތްތަކަށް ލޯނު ނަގައިގެން ހޭދަކުރުމަކީ އެކަށީގެންވާ ނަތީޖާއެއް ނެތްކަންކަމަށް ހަރަދުކުރުން ކަމަށްދެކޭ ބަޔަކު ގައުމުގެ ކަންކަމުގައި ބަސް ކިޔަން ނޫޅޭށެވެ. 

ރަށްރަށުގެ ކަރަންޓާއި ފެނާއި ނަރުދަމާއާއި ބަނދަރު ހެދުމަކީ މާލީގޮތުން ލިބޭ ގެއްލުމެއް ކަމަށް ދެކެންޏާ ސަރުކާރެއް އޮތުމުގެ މާނައެއް ނެތެވެ. ރައްޔިތުންގެ ބޭސްފަރުވާއަށް އާސަންދައަށް ހޭދަކުރުންވެސް ގޮފަޅު އޮޑިޓަރުންނަށް ފެންނާނީ މާލީ މަންފާއެއް ނެތް ބޭކާރު ކަމެއްގެ ގޮތުގައެވެ. 

އެއް ސަރުކާރުން އަނެއް ސަރުކާރަށް ވާރުތަވާ ކަންކަން ރޭވުންތެރިކަމާއެކު މެނޭޖުކުރަން ނޭގުމަކީ ކުރިން އޮތް ސަރުކާރުތަކުގެ މައްސަލައެއް ނޫނެވެ. މަތިހަށި ނަގާފައި ވެރިކަމާ ހަވާލުވަނީ ރައްޔިތުންނަށް މޮޅާއި ރަނގަޅާއި ލުއި ހޯދާދޭށެވެ. ދަރަނި މެނޭޖްކުރާނެ ގޮތް ނޭނގި ލާހޫރޭ ސަރުކާރެއްގައި ރައްޔިތުންނަށް އިހުސާސްނުވާގޮތަށް ދަރަނީގެ ބުރަ ހައްލުކުރުމުގެ ގާބިލުކަމެއް އެއްގޮތަކަށްވެސް ނުހުންނާނެއެވެ.