މަގޫދޫ އެއާޕޯޓުގެ މަސައްކަތް ހުއްޓާލުން: ރައްޔިތުންގެ ފައިސާއަށްވެވޭ ހިޔާނާތެއް؟

ސަރުކާރުން ބޭނުންވާ މީހަކު އިންތިހާބު ކުރުމަށް ރައްޔިތުން ގުނބޯ ހެއްދުން

މަގޫދޫ އެއާޕޯޓުގެ މަސައްކަތް ހުއްޓާލުން: ރައްޔިތުންގެ ފައިސާއަށްވެވޭ ހިޔާނާތެއް؟

ނިމިދިޔަ އެމްޑީޕީ ސަރުކާރުން  ފ. މަގޫދޫ ގައި އަޅަމުންދިޔަ އެއަރޕޯޓްގެ 70 އިންސައްތަ ނިމިފައިވަނިކޮށް އެ މަސައްކަތް ހުއްޓާލުމަށް އެންގި އެންގުން ވެގެންދިޔައީ ރައްޔިތުންގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެގެންދިޔަ ކަމަކަށެވެ.

އެއާޕޯޓުގެ މަސައްކަތް ހުއްޓާލުމާއި ދެކޮޅަށް ގިނަ ރައްޔިތުން ސޯޝަލް މީޑިޔާގެ އެކި އޮޅިތައް ބޭނުންކޮށްގެން ހިތްހަމަނުޖެހުން ފާޅުކުރަމުންދާއިރު، ފ. ނިލަންދޫގައި އެޅުމަށް ނިންމާފައިވާ އެއާޕޯޓަކީ ރައީސްގެ ކޮއްކޯފުޅަށްޓަކައި އަޅުއްވަން ނިންމާފައިވާ އެއާޕޯޓެއްް ކަމަށްވެސް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ. މި މައްސަލައާއި ގުޅިގެން މަޖިލީހަށް ހުށަހެޅުނު ކުއްލި މައްސަލައިގައި ބަހުސް ކުރައްވަމުން އަލިފުށީ ދާއިރާގެ މެމްބަރު  މުހައްމަދު ރަޝީދު ހުސައިން ވަނީ މިއީ ރައްޔިތުންގެ ޓެކްސް ފައިސާ އިސްރާފުކުރުންކަމަށް ވިދާޅުވެފައެވެ. 

މަގޫދޫ އެއަރޕޯޓް މަސައްކަތް: 2023 ސެޕްޓެމްބަރ 

ކަން މިހެން އޮތްއިރު، ރައްޔިތުންގެ ލާބައާއި މަންފާ އަށް ނުވިސްނާ ސަރުކާރުން ކުރަމުންދާ މި ފަދަ ކަންތައްތަކުގެ ސަބަބުން އަރައިގަނެވެނީ  ރައްޔިތުންގެ ހައްގުތަކަށެވެ. ހިޔާނާތްތެރި ވެވެނީ ކޮށްފައިވާ އަގެއްނެތް ވައުދުތަކަށާއި ރައްޔިތުންގެ ޓެކްސް ފައިސާއަށެވެ.  ގަބޫލު ކުރަންޖެހޭ ހަގީގަތަކީ ރައްޔިތުންގެ ޖީބުތަކުން ހަރަދުކުރާ ފައިސާ ބޭނުން ކުރެވެމުން ދަނީ ސިޔާސީ މަންފާ ނުވަތަ އާއިލީ މަންފާއަށްކަމެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ނިލަންދޫ ދާއިރާ ތަމްސީލު ކުރުމަށް ރައީސްގެ ކޮއްކޯފުޅު ސައުދާ ނެރުއްވާ، އެ ރަށުގައި އެއާޕޯޓެއް އެޅުމަށް ނިންމާ އެ މަސައްކަތް ސަރުކާރު ހިއްސާވާ ކުންފުނި އެމްޓީސީސީއާއި ހަވާލުކުރެވިގެން ދިޔައިރު، މަގޫދޫ އެއާޕޯޓަކީ ނިލަންދޫއާއި ގާތް ގަނޑަކަށް 10 މިނެޓު ދުރުގައި އޮތް ރަށެކެވެ. ރައްޔިތުންނަށް ވެވޭ ހިޔާނާތަކަށް މިކަން ނުވާނަމަ ޔަގީނުންވެސް ވާނީ ދައުލަތުގެ މާލިއްޔާއިން ކުރެވޭ ނުހަނު ބޮޑު އިސްރާފެއް ކަމުގައިމެވެ. ކުދި ޖަޒީރާ  ރަށްތަކެއްގެ މައްޗަށް އެކުލެވޭ މި ދިވެހި ރާއްޖޭގައި ކޮންމެ ރަށެއްގައި ވައިގެ ބަނދަރެއް ގާއިމްކުރަން ވެއްޖެނަމަ ހާލަކީ ކޮބައިތޯއެވެ؟ 

މަގޫދޫ އެއާޕޯޓުގެ މަސައްކަތް  ނިމިދިޔަ ބުދަ ދުވަހު ހުއްޓާލި އިރު އެކަން ކުރި ސަބަބެއް މަގޫދޫ ކައުންސިލުގެ އިތުރުން  އެ ރަށު ބަޔަކަށް ވެސް އެނގިފައިނުވެއެވެ. އަނެއްކޮޅުން މަސައްކަތް ހުއްޓާލިތާ  ދެތިން ދުވަސް ފަހުން މަސައްކަތް ކުރާ ހުރިހާ އާލާތެއްވެސް އެ ސަރަހައްދުން ގެންގޮސްފިއެވެ.

މިއީ ރަށެއްގެ ކުރިއެރުމާއި ލާބައަށް ކުރި ކަމެއްގެ ބަދަލުގައި ސަރުކާރުން ބޭނުންވާ މީހަކު އިންތިހާބު ކުރުމަށް ރައްޔިތުން ގުނބޯ ހެއްދުމުގެ ގޮތުން ސަރުކާރުން ޖެއްސި ސްޓަންޓެކޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ.