ތެދުވައްތަރު ދޮގުހެދުމުގައި ހީނާ ވަރެއްނެތް
ޔާމީނު ގުއިވެ ހީނާގެ ގިބުލަ ބަދަލުވެ މުއިއްޒުގެ އަޅަކަށް
މާތްކަލާނގެއާއި ވަކީލެވެ. ޖައްސަވާފައިވާ ގިލަންވެރިކަން އިހުސާސްނުވެ ވެރިއެއްގެ ދިފާއުގައި ފަސާދަ އުފައްދަން ހީނާ ވަލީދު ވެސް މިހުންނަނީ ހާދަވަރެކެވެ. އުތުރު ތިލަ ފަޅުގައި ބޭރު ގައުމެއްގެ ސިފައިން ތިބެގެން ތެޅިފޮޅި ގައިވީދީ އެހެން ބައެއް ނޫނެވެ. ދޮގު ދޮލަނގޭ ދަށްގޮހޮރޭ ކިޔަން އެގެނީ މީހަކު ކީމާ ދޯއެވެ. މީހުންގެ ތެރެއަށް ނިކުމެ އަނގަ ދިޔާ ކުރާއިރު މީހަކު ނުކިޔާ އެއްޗެއް އަލަކަށް ކިޔާކަށް އެނގެނީއެއްނޫނެވެ.
ރައީސް ޔާމީނައިގެން ހޭކެނޑިގެން އެވަރެއް ނެތިގެން ކޯތެޅުވީ ހީނާ ވަލީދެވެ. ޔާމީނު ގުއިވެ ހީނާގެ ގިބުލަ ބަދަލުވެ މުއިއްޒު ވަރެއް ނެތިގެން ތިޔަ އުޅެނީ ކީއްވެކަން މީހަކަށް ނޯޅެއެވެ. އެންސްޕާ ހިތަކަށް ދީފައި އޮވެގެންނެވެ. ގުޅަގުޅަޔަށް ފަތިފައްޗަށް މުއިއްޒު ހަދަމުންދާ ދޮގުތައް ވިއްކަން ދޮގު ދޮލަނގު ބޮލަށްލައިގެން ބަލިހާލުގައި ދުވެނަގަނީ އެންސްޕާ ހޮޅިގުޅާފައި އޮވެގެންނެވެ.
އުތުރު ތިލަފަޅުގައި މުއިއްޒު ޗައިނާ މީހުން ބައިތިއްބަން އަޅާ ތެދުވައްތަރު ދޮގު "ފުޑް ސެކިއުރިޓީ" ޕްރޮޖެކްޓް ވިއްކާކަށް ހަދާނެ ކަމެއް ނެތެވެ. ފުޑްސެކިއުރިޓީ ޕްރޮޖެކްޓެއް ހިންގަން އުތުރު ތިލަފަޅު ނޫނީ ޗައިނާއަށް ރާއްޖޭން ބިމެއް ނުފެނުނެވެ. އެބުނާ "ފުޑް ސެކިއުރިޓީ" ޕްރޮޖެކްޓް ހިންގަން އުތުރު ތިލަފަޅު ނޫނީ ޗައިނާއަށް ދޭނެ ބިމެއް ރާއްޖޭން ސަރުކާރަކަށް ނުފެނުނެވެ. ކިހާ ތެދުވައްތަރުގެ ބޮޑު ދޮގެއް ހެއްޔެވެ.
ހީނާ ވަލީދަކީ އިދިކޮޅުގައި ހުރެގެންވެސް ތެދުވައްތަރު ދޮގު ތައްޔާރުކޮށް ވިއްކުމުގައި އެންމެ އިސްކޮށް އުޅުނު މީހާއެވެ. ދިޔަރެހާއި އަޒާނުމެން މެދުވެރިކޮށް ވިއްކި ދޮގު ދޮލަނގު ތައްޔާރުކޮށް ދިނީ ހީނާ ވަލީދެވެ. ވެރިކަން ލިބުމުންވެސް ތެދުވައްތަރު ދޮގު ހަދަހަދައިގެން ނެރެ ވިއްކުމުގައި މުއިއްޒަށް ހީނާ ދުލެއް ނުރެއެވެ.
މާލޭގައި ދިރިއުޅޭ މީހުނަށް ބޯހިޔާވަހިކަން މާލެ ސަރަހައްދުން ދެވެން އޮތް އުތުރު ތިލަފަޅު ޗައިނާގެ ފާމަކަށް ހަދަން ޖެހުނު ގޮތެއް ހީނާއަކަށް ބުނެއެއް ނުދެވެއެވެ. މިހާރުވެސް އެމްއެންޑީއެފްގެ މިލިޓަރީ ޑޮކްޔާޑެއް ހަދަމުންދާ ތަނެއްގައި ޗައިނާ ލައްވާ ކުރަން އެންމެ ރަނގަޅު ކަމަކީ ދަނޑުވެރިކަމަށް ވީގޮތެއް ސަރުކާރަށް ބުނެއެއް ނުދެވެއެވެ.
އުތުރު ތިލަފަޅުގައި ރާއްޖެއަށް ބޭނުންވާ ކާނާ ހެއްދުމަށް ޕްރޮޖެކްޓެއް ހިންގަން ފެށިއިރު އެކަމުގެ ސްކޯޕަކީ ކޮބައިކަމެއް އެކަން ކުރަނީ ކިހިނެއްކަމެއް އެކަމާ ގުޅިގެން ލިބޭނެ މޮޅެއް އޮޅުން ފިލުވައެއްް ނުދެއެވެ. ރައްޔިތުންގެ ބޯހިޔާވަހިކަމަށް ހާއްސަކުރި ތަނެއް އެބޭނުން ނޫން ބޭނުމަކަށް ބޭނުން ކުރަން ނިންމާނީ ބޯހިޔާވަހިކަމަށްވުރެ މުހިންމު ކަމަކަށެވެ.
ސިއްރު ކުރާނެ އެއްވެސްކަމެއް ނުއޮންނާނެ ކަމަށް ބުނެ ވެރިކަމަށް އަރާ ސިއްރު ނުކުރާ ކަމެއް ނެތެވެ. އެއްބަސްވުންތައް ހާމަ ކުރަން ގޮވަމުން އައިސް ވެރިކަން ހޯދައިގެން ކުރާކަމަކީ އެއްބަސްވުންތައް ސިއްރު ކުރުމެވެ. އުތުރު ތިލަފަޅުގައި ޗައިނާ ސިފައިން ނެތަސް ތިއްބަސް ވަރިހަމައެވެ. ކެރެންޏާ އުތުރު ތިލަފަޅުގައި ގާއިމުކުރާ ފުޑްސެކިއުރިޓީ ޕްރޮޖެކްޓްގެ އެއްބަސްވުން ހާމަ ކޮށްލަބަލާށެވެ.
އެމްޑީޕީ ސަރުކާރުން ކަންކަން ކުރީ ޕްލޭނެއް ނެތިއޭ ކިޔައިގެން ރައްޔިތުންނަށް ސަރުކާރުން ދޭން ފަށަފައިވާ ބޯހިޔާވަހި ކަމުގެ ހިދުމަތް ހުއްޓުވާ އުތުރު ތިލަފަޅު ޗައިނާ ޓައުނަކަށް ހަދާކަށް އުޅޭނެ ކަމެއްނެތެވެ. ބުލީ ނައިބުމެން ފެންވަރަށް މަގާމަށްޓަކާ ހީނާވެސް ހަނޑަސްބުރިއަށް ވެއްޓުނީއެވެ. އިދިކޮޅުގައި ތިބެގެންނާއި ވެރިކަމުގައި ތިބެގެން ތެދުވައްތަރު ދޮގު ވަރަކަށް ހަދާލެވޭކަން އިހުސާސް ވާނީ ތިރިވަނަންތަޕޫރަމް އާރުސީސީގައި އަނެއްކާ ވެސް އެނދުމަތި ވެވުނީމައެވެ.