ސީދާހަރަކާތަށް ނުގެންދެވޭ ލީޑަރޝިޕެއް އެމްޑީޕީ ބޭނުމެއްނޫން
ރައްޔިތުންގެބާރު އެމްޑީޕީ އަތުން ދޫވެ ދިޔައީ ލީޑަރޝިޕްގެ ގަޓްސް ނެތިގެން
އެމްޑީޕީގެ ތާރީހުގައި ކުރިމަތިވީ އެންމެ ބޮޑު ދެ ނާކާމިޔާބީ ކުރިމަތިވީ މިހާރު މިއޮތް ލީޑަރޝިޕްގައެވެ. ޖެހިޖެހިގެން ބޮޑު ދެބަލި އެމްޑީޕީއާ ކުރިމަތިވީ ވުމަކީ ލޯމަރާލައިގެން ތިބެވޭ ވަރުގެ ކަމެއް ނޫނެވެ.
ރިޔާސީ އިންތިހާބުން ބަލިވުމުގައި ބޮޑެތި އިހުމާލު ތަކެއް ހުއްޓެވެ. ގްރާސްރޫޓާއި ލީޑަރޝިޕްގެ ގުޅުން ބޮޑުތަނުން އޮތީ ކެނޑިފައެވެ. މަޖިލީހުގެ އިންތިހާބަށްޓަކައި މަޖިލީހުގައި ތިބި އެމްޑީޕީގެ ގިނަ މެންބަރުން އެ މެންބަރެއްގެ ދާއިރާގެ އެހެން އިސް އެކްޓިވިސްޓުން ތިބީ ބާކީކޮށްފައެވެ. ކެންޕޭނު ތެރޭގައި ރަނގަޅަށް ގްރައުންޑް ރީޑެއް ނުކުރެވެއެވެ. ކަންމަތީ ބައްދަލުވުން ތަކެއް ނުބޭއްވެއެވެ. އެއްވާނަކަށް ހަރުގެ ތަކެއް ނުހިންގެއެވެ. ރަށްރަށުގެ ކަމުވޮށިވެގެންވާ ނުފޫޒުހުރި ގިނަ މީހުން އޮންބޯޑްކޮށް ކެންޕޭނުގައި ހަރަކާތްތެރިއެއް ނުކުރެވުނެވެ.
ވެރިކަމުގެ އާރާބާރުގައި ތިބެ ކުރެވެން ހުރި އެތައް ކަމެއް ނުކޮށް ލަސްކޮށް ފަސްކުރުމަކީ މިއަދު ފެނުނު ނަތީޖާގެ ހަގީގަތެވެ. މިލިޔަނުން ހަރަދުނުކޮށް ކުރެވެން ހުރި އެތައްކަމެއް ނުކޮށް އޮތީ ދޫކޮށްލެވިފައެވެ. ޕާސްޕޯޓްހެދުމާއި އައިޑީކާޑް ހެދުންފަދަ އަސާސީ އެތައް ކަމެއް އިހުނަށްވުރެ މީހުނަށް އުނދަގޫވިއެވެ. ކުރިން އެއް ދުވަހުން ނިންމޭ ޕާސްޕޯޓް ލިބެނީ ދިހަބާރަ ދުވަހުންނެވެ. އިދާރީ ހިންގުމުގައި ބިއުރޮކްރަސީ ބޮޑުވެ ހިދުމަތް ހޯދުން ވަނީ އާއްމު އުދަގުލަކަށް ވެފައެވެ.
މަޖިލީހުގެ ރައީސް ކަމުގައި ނަޝީދު ބައިންދައިގެން އިބޫ ސަރުކާރަށް ވަގަށްގޮވާ ބޮޑެތި ތުހުމަތުކޮށް ސަރުކާރާއި އެމްޑީޕީއާއި މެދު ރައްޔިތުންގެ ހިތުގައި ޝައްކާއި ވަހުމް އުފައްދާ އިތުބާރު ނަގާލަމުން ދިޔައިރު އެޅުނު އެއްވެސް ފިޔަވަޅެއް ނެތެވެ. ސަރުކާރު ތެރޭގައި ތިބެ ދައުލަތް ލޫޓުވާ ކަންކަން ލަސްކޮށް ފަސްކުރާއިރު ކޯލިޝަން ހިފެހެއްޓުމުގެ ނަމުގައި އެއްވެސް ފިޔަވަޅެއް ނޭޅުނެވެ. ސުވާލު އުފެދޭފަދަ ބޮޑެތި ނިންމުންތައް ނިންމަމުން ދިޔައިރު ދުރާލާ ކަމުގެ ހަގީގަތް ބުނެއެއް ނުދެވެއެވެ. އަދީބާއި އެހެނިހެން ބޮޑެތި ކުއްވެރިން މިނިވަން ކުރުމަކީ އޭގެ މިސާލެކެވެ.
އިންޑިއާސިފައިންނާއި ދެކުނުކަނޑުގެ މައްސަލަ އިދިކޮޅުން ނަގާ ބޮޑު ފިތުނައަކަށް ހަދަންދެން އެމްޑީޕީ އޮތީހަނެވެ. ރައްރަށުގެގައި ހިންގި މަޝްރޫއުތަކުގެ ސައްހަ މައުލޫމާތު ޝައްކެއް ނެތް މިންވަރަށް ސާފެއްކޮށެއް ނުދެވެއެވެ. ސަރުކާރާއި އެމްޑީޕީގެ ސްޓްރެޓެޖިކް ކޮމިނިކޭޝަން އޮތީ ފޭލިވެފައެވެ. އެކަމުގެ ސަބަބުން އިދިކޮޅުން ފެތުރިހާ ދޮގެއް ތެދަށްވިއެވެ.
ޕާޓީ ހިންގުމާއި ސަރުކާރު ހިންގުން މަސްހުނިވެ ޕާޓީގެ ސިޔާސީ ހަރަކާތް ހުއްޓި އާއްމު މެންބަރުންނާއި ސަޕޯޓަރުންނާ ގުޅުން ކެނޑުނެވެ. ޕާޓީގެ ޖަލްސާތަކެއް ހަރުގެ ހަރަކާތެއް ކަންމަތީ ބައްދަލުވުމެއް އިންތިހާބަކަށް ބޯމަތިވުމުން ނޫނީ ނުބޭއްވެއެވެ. އެކަށީގެންވާ ސައްހަ މައުލޫމާތު ލިބުން އުނދަގޫވެ ސޯސަލް މީޑިއާގައި އެމްޑީޕީ ބަލިކަށިވެގެން ދިޔައެވެ.
ވެރިކަން ނިމުމުން ލިބުނު ތަޖުރިބާގެ ބޭނުން އެމްޑީޕީއަކަށް ރަނގަޅަކަށް ނުކުރެވުނެވެ. ދާއިރާ މަޖިލިސްތައް ތަރުތީބުކޮށް އެއްވާނަކަށް މުޅި ރާއްޖޭގައި ސިޔާސީ ހަރަކާތެއް ނުހިންގުނެވެ. މަޖިލީހުގެ މެންބަރުންނަށް އެކަނި ބަރޯސާ ވެގެން ހަރަކާތްތައް ހުއްޓާލާ އޮތީ ނިދާފައެވެ. މާލޭގެ ގޯތިތަކާއި ފްލެޓްތަކުގެ ވާހަކައަކީ މީޑިއާގައި އެކަނި ދައްކާ ވާހަކައަކަށް އޮތީ ހަދާފައެވެ. ހަރުގެ ހަރަކާތެއް މަގުމަތި ހަރަކާތެއްނެތެވެ. ރައްޔިތުންގެ ކަންބޮޑުވުން ތަކަކީ ހަމައެކަނި މަޖިލީހުގެ ކޮމެޓީއަކުން ނިމޭ ކަމަކަށް އޮތި ހަދާފައެވެ.
މިހެން ކިޔާފާ ނުކިޔާނެ ކަމެއް ނެތެވެ. ސީދާ ހަރަކާތަކީ އެމްޑީޕީ ދަންނަ އެއްޗަކަށް ނުވެއެވެ. ހަގީގީ ރައްޔިތުންގެ ބާރު އެމްޑީޕީ އަތުން ދޫވެ ދިޔައީ ލީޑަރޝިޕްގެ ގަޓްސް ނެތިގެންނެވެ.
އެމްޑީޕީން ގައުމު ބަދަލުކޮށްލީ ވެރިކަމާއި މަޖިލިސް އޮވެގެނެއް ނޫނެވެ. ޖެހެލުންކުޑަކަމާއެކު އެވަގުތަކަށް އަޅަންޖެހޭ ގޮތަކަށް ފިޔަވަޅު އަޅައިގެނެވެ. ވެއްޓުމުން ހަށިފޮޅާލާފައި ދުއްވައި ގަންނަން އެނގޭ ލީޑަރޝިޕަކަށް އެމްޑީޕީ މިވަގުތު މިވަނީ ބޭނުންވެފައެވެ. ވެރިކަމުގައިނެތި ޕާޓީ ހިންގޭ ލީޑަރޝިޕެއް އެމްޑީޕީއަށް ބޭނުމެވެ. ޝާހިދެއް ފައްޔާޒެއް ކިޔާނެކަމެއް ނެތެވެ. ސީދާ ހަރަކާތަށް މުޅި ރާއްޖެ ނުގެންދެވޭ ލީޑަރޝިޕެއް އެމްޑީޕީއަކަށް ބޭނުމެއް ނޫނެވެ.