އިދިކޮޅަށްވުރެ އިދިކޮޅު ރައީސަކީ ރައީސެއް ނޫން
އެމްޑީޕީއަށް ހެޔޮގޮތް ހޯދަން މަސައްކަތް ކުރާނީ މެންބަރުންގެ ވިންދާ ދެކޮޅަކަށްނޫން
ރިޔާސީ އިންތިހާބުގެ ޓިކެޓާ ގުޅޭ ގޮތުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ކުރައްވާނެ މަޝްވަރާއެއް ރައީސް ނަޝީދު ދެން ނުއޮންނާނެއެވެ. ރައީސް ނަޝީދަށް ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަކީ ޕާޓީގެ ޓިކެޓް ލިބި ވަޑައިގަތް ރައީސް ސާލިހަށް ވެރިކަން ކާމިޔާބު ކޮށްދެއްވަން ކުރެއްވެން އޮތް ހުރިހާ ކަމެއް ކުރެއްވުމެވެ.
ރައީސް ނަޝީދަކީ އެމްޑީޕީގެ ރައީސެވެ. ޕާޓީގެ ސިޔާސީ ނިންމުންތައް ތަންފީޒުކޮށް ޕާޓީގެ ސިޔާސީ ކުރިމަގު މެންބަރުންގެ ވިންދާ އެއްގޮތަށް ބައްޓަން ކުރައްވަން ޖެހޭ އެންމެ އިސް ފަރާތަކީ ޕާޓީގެ ރައީސެވެ. ޕާޓީގެ އާއްމު މެންބަރު ނިންމާފައި އެއޮތީ އެމްޑީޕީގެ ޓިކެޓްގައި ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނީ މިހާރުގެ ވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ކަމަށެވެ. މުޅި ޕާޓީ އެއްވާނަކަށް ނިކުމެ މިހާރު އޮތީ ރައީސް ސާލިހު ދެވަނަ ދައުރަށް އިންތިހާބު ކުރުމެވެ.
އެމްޑީޕީގެ ރައީސް ކަމުގައި ހުންނަވައިގެން ޕާޓީގެ އެންމެ ބޮޑު ނިންމުން ފުޑާ ލެއްވުމަކީ ރައީސް ނަޝީދާ ވައްތަރު ކަމެއް ނޫނެވެ. ރައީސް ނަޝީދަކީ ފަހަތަށް ޖެހިވަޑައިގަންނަވަންވީ ކޮންމެ ތަނެއްގައި ފަހަތަށް ޖެހިވަޑައިގަތް ބޭފުޅެކެވެ. ތަފާތު ހިޔާލު ހަޖަމް ކުރެއްވުނު ބޭފުޅެކެވެ.
ރައީސް ނަޝީދަށް ސިޔާސީ މަސައްކަތްޕުޅު ރައީސް ސާލިހާއެކު ނުކުރެއްވެންޏާ އެމްޑީޕީގެ ރައީސް ކަމުގައި ރައީސް ނަޝީދު ހުންނެވުމުގެ ލެޖިޓެމަސީއެއް ނުއޮންނާނެއެވެ. ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ ކަމަށް ހޮވަން މަސައްކަތް ނުކުރައްވާ ޕާޓީގެ ރައީސަކީ ރައީސެއް ނޫނެވެ. ޕާޓީގެ ގައުމީ މަޖިލީހުގެ ނިންމުންތައް ގަބޫލު ނުކުރާ ރައީސަކީ ރައީސެއް ނޫނެވެ. އާއްމު މެންބަރުންގެ ވޯޓުން ހޮވާ ރިޔާސީ ކެންޑިޑޭޓް ގަބޫލު ނުކުރާ ރައީސަކީ ރައީސެއް ނޫނެވެ.
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލަށް ރައްދު ދެއްވުމުގެ ގޮތުން "މުހައްމަދު ނަޝީދު އަންއޮފިޝަލް" އެކައުންޓުން ކުރި ޓްވީޓެއްގައި އަންނަ ސެޕްޓެމްބަރު މަހު ބާއްވާ އިންތިހާބާ ގުޅޭގޮތުން އެ މަނިކުފާނު އެމްޑީޕީއާ ކުރާނެ މަޝްވަރާއެއް ނެތް ކަމަށް ވިދާޅުވުމުން ވިސްނުންފުޅު ސާފެވެ. އެމްޑީޕީއާއި އެކު ކުރާނެ މަޝްވަރާއެއް ނެތް ކަމަށް ވިދާޅުވެވުނީ ގޯހަކުން ކަމަށް ފަހުން ވިދާޅުވިޔަސް ބުޅާ އޮތީ ގޯނިން ބޭރުވެފައެވެ.