މުއިއްޒުގެ ތޮށަލިތަކުރާ ޖެހުނު ވިގަނި!
ވެރިކަމަށް ދޮންކުރާކަށް ފުރުސަތެއް ޝަހީމަކަށް ނެތް!
އިސްލާމް ދީނަކީ ޑރ. ޝަހީމެއް ނޫނެވެ. ޝަހީމް ދެކޭ ގޮތެއްވެސް ނޫނެވެ. ޑރ. ޝަހީމަކީ ދީން ވިއްކައިގެން ކައިގެން އުޅޭ ބަތާ ހަރަމީއެކޭ މީހުން ކިޔަނީ ކިޔަން ވެގެންނެވެ. ވަޒީރުކަމަށް ރުހުން ނުދިނީމާ ތިމަން ވަޒީރުކަމުގައި ނެތިއްޔާ އިސްލާމް ދީނެއް ނޯންނަނެއޭ ކިޔާ ރޮއެ ހެރިގެން އަނެއްކާ ވަޒީރުކަމަށް އިސްކުރުވައިގެން މުއިއްޒަށް މިޙުން ލައްވާ ބެއްވުމުގެ ފަހަތުގައި އޮތީ ކޮންކަމެއްކަން ގިނަ މީހުނަށް އެނގެއެވެ. އަނެއްކާވެސް މަޖިލީހުން ރުހުން ނުދިނީމާ ވަޒީރުކަމަށް އިސްވާން ތައްޔާރަށް ހުންނާށެވެ.
މާތް ވެގެންވާ އިސްލާމް ދީނަކީ ޝަހީމު ވިހޭ ދުވަހު ފޫޅު ދަޑިއާ ގުޅިފައި އޮތް މަހެއް ނޫނެވެ. ރާއްޖޭގައި ތިބި ގިނަ ދީނީ އިލްމުވެރިންނަކާ ޑރ. ޝަހީމަކާ ފިކުރު އެއްގޮތެއް ނޫނެވެ. ޝަހީމް އުޅެ ގަންނަ ގޮތުން ދީނަކީ ޝަހީމޭ ހީވާ ކަހަލައެވެ. ޝަރީއަތާއި އިބާދާތަކީ ޝަހީމުގެ އަމިއްލަ އުފެއްދުމެކޭ ހީވާ ކަހަލައެވެ. ބަޅުފުޅަކާ ދަންނަބޭކަލުންގެ މުއްލާއަކީ ޝަހީމޭ ބުނާ ސަލަފީން ވެސް ރާއްޖޭގައި މަދެއް ނޫނެވެ.
ދީނުގެ ރުކުންތައް ވިއްކައިގެން އަމިއްލަ ވިޔަފާރި ޕާޓްނަރު އަހުސަނަށް ބަނޑުވާކަން ދީގެން އިސްލަމިކް މިނިސްޓްރީ ބޭނުން ކޮށްގެން އަމިއްލަ ޖީބު ފުއްޕުވަން ނޫޅޭށެވެ. ތިން ފަހަރު އިސްލަމިކް މިނިސްޓަރުކަން ހަވާލު ކުރީމާވެސް ދީން ކުރިއަރުވަން ކުރި ކަމެއްނެތި ކުރީ ފަހަރުވެސް ހުޅުވީ އަނބިގޮއްޔައަށް ރަން ފިހާރައެކެވެ. ކުރީ ވިޔަފާރިއެވެ.
ހަމަތެދެކެވެ. އަމިއްލަ މީހާ މަޝްހޫރުވާން އޮތް ފުރުސަތަކަށް ދިވެހި މުސްލިމުންގެ ދީނީ އަގީދާ ޝަހީމަކަށް ނުހެދޭނެއެވެ. ހެދިޔަކަ ނުވެސް ދޭނަމެވެ.
މެދު އިރުމަތީ އޯނަރު ހެދިގެން ދިވެހިންގެ ބޮލަށް މިހާރަކު ޗިޕެއް ނުޖެހޭނެއެވެ. ހައްޖު ކޯޓާ ވިއްކުމާއި ހައްޖާއި އުމުރާއަށް މީހުން ފޮނުވުމުގެ ނަމުގައި މީހުން އަތުގައި ހުންނަ ފައިސާ ކޮޅު ދަމައިގަނެގެން ގެންގޮސް ހައްޖު އުމުރާއަށް ނުފޮނުވާ ވޭޓް ލިސްޓުގައި ބައިތިއްބައިގެން އެ ފައިސާއިން ވިޔަފާރި ކޮށްގެން ދީނުގެ ނަމުގައި މީހުން ދަވާލާކަށް ޖާގައެއް އަބަދަކު ދެވޭކަށް ނެތެވެ.
ޒަކާތު އޮފީސް ހަދައިގެން ފައިސާ އެއްކޮށްގެން ރައްޓެހިންނަށް ފައިސާ ބަހައިގެން ވެރިކަމަށް ދޮންކުރާކަށް ފުރުސަތެއް ޝަހީމަކަށް ނެތެވެ. ވަގުފު ބިލްޑިންގ އަޅައިގެން ވިޔަފާރި ޕާޓްނަރު އަހުސަން ލައްވާ ރަނބަ ގިރަން ހުރެވޭނެ ކަމަށް ހީކުރީ ހެއްޔެވެ.
އަރަބިން ކައިގެން ތިބިއްޔާ ދިވެހިން ތިބޭނީ ކައިގެންނޭ ބުނި މީހާއަށް ވާކަމެއް ވީކަމެއް ހަރާމުން ހަރާމެވެ. ވެރިކަމުގައި ހުރެގެންވެސް ވެރިކަމުން ބޭރުގައި ހުރެގެންވެސް ކަންކަން ކުރެވޭނީ ކުރެވޭ ވަރުގެ މީހުންނަށެވެ. މާ ދީނީ ވެގަނެގެން ޝަހީމު އުޅުނެއް ކަމަކު މުއިއްޒު ވެރިކަމުގެ ސަލަފް ވިންގުން ވެސް ޝަހީމް އިސްލަމިކް މިނިސްޓްރީގައި ބަހައްޓާކަށް ނުރުހެއެވެ.
އަރަބި ކަރައިގާ މާ ބަސްވިކޭ މީހެއް ކަމަށް މުއިއްޒަށް ދައްކައިގެން ވަޒީރުކަން ހޯދިޔަސް ޝަހީމައކީ އަރަބި ކަރައިގާ ނަކަސްތަޅާ މީހެކެވެ. ފުރަތަމަ ހީކޮށްގެން ހުރީ ރައީސް ޔާމީނު ރިޔާސީ ޓިކެޓް ދޭނެކަމަށެވެ. އެކަން ނުވުމުން މުއިއްޒުގެ ރަނިންގ މޭޓަށް ވާން ފައި ނަގައިގެން ހުއްޓާ ސެންބެ އެކަން ދަމައިގަތުމުން ވީފޫހިން ރައީސް ސޯލިހަކީ ހުލްގު ހެޔޮ މާތް މީހަކަށް ހަދައިގެން ހުއްޓާ ފުރަތަމަ ބުރުން މުއިއްޒު ކުރި ހޯދުމުން އަޅާނެ ފަޅި ނޭގިގެން އާވާރާވެގެން އުޅެއުޅެފައި ތިމަންގެ ތާއީދު ކުރާނެ ފަޅިއެއް ދެދުވަހެއް ތެރޭގައި ހާމަކުރާނަމޭ ބުނެ ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރީ ވިއްކާ ވޯޓެއް އޮތް ވާހަކައެވެ.
ފޮޓޯ ގަނޑަކާ ހުސް ގޮނޑިއެއް ހިފައިގެން ނިކުމެ އުޅުނު މުއިއްޒު ޝަހީމްގެ މަޅީގައިޖެހި ފައްޗަށް މަހާލީ ދޮޅި ކެނޑޭ ވަރަށެވެ. ވަގުތުން ދީވަލްޕާ ހެދިގެން މުއިއްޒުގެ ކޮނޑަށް ސަވާރުވެ މުއިއްޒަށް މަގު އޮޅުވާލީ އަރަބިން އަތުން ހޯދާދޭނެ ބައިވަރު ގަނޑުގެ ހުވަފެން ދައްކައިގެންނެވެ. މުއިއްޒަށް ވަނީ ޝަހީމަކީ ތޮށަލި ތަކުރާ ޖެހުނު ވިގަންޏަށް ވެފައެވެ. ނުމެ ކޭމެއެވެ. ނުމެ ދިޔަމެއެވެ.