އާޒިމަށް ވޯޓްދެއްވާ! އެއީ އުފާވެރި ކުރިމަގަކަށް ދެވޭ ވޯޓެ: ޝިހާބު
މާލެ ސިޓީ މޭޔަރ އޮނަރަބަލް އާދަމް އާޒިމްގެ ހިދުމަތްތެރި ކަމުގެ ވާހަކައަކީ އައުވާހަކައެއް ނޫނެވެ. އާދަމް އާޒިމަކީ ގައުމީ ހިދުމަތުގައި މިޒަމާނުގެ އުމަރު ޒާހިރެވެ. ނަތީޖާ ނެރެ ދިނުމުގައި މިޖީލިގެ ސައިކުރާ ނައީމެވެ. ވަގުތަށް ކަމޭ ހިތުމާ ގަޑިން ގަޑިއަށް ކަންކަން ނިންމުމުގައި މިހާރުގެ ޒާހިރު ނަސީރެވެ.
އާދަމް އާޒިމުގެ ހިދުމަތްތެރިކަމާއި ގުޅޭގޮތުން ތައުރީފް ނޫން އެއްޗެއް ނީވެއެވެ. ވާދަވެރިންވެސް އާޒިމުގެ ގާބިލުކަމާއި މުރާލިކަމާއި ހީވާގި ކަމާމެދަކު ސުވާލެއް ނުއުފައްދައެވެ. އަދިވެސް މާލޭ މޭޔަރ ކަމަށް ގެންނަން އެންމެ ގާބިލު މީހަކީ އާދަމް އާޒިމްކަމަށް އެކި މަހައްލު ތަކުގައި އެކި މީހުން އެކި ސިފަސިފާގައި އަންނަނީ ބުނަމުންނެވެ.
އެގޮތުން އާދަމް އާޒިމްގެ ގާބިލުކަމާއި ހިދުމަތުގެ މައްޗަށް ވާހަކަ ދެއްކެވި އެއް ބޭފުޅަކީ މަސްހޫރު ސްމައިލް ޝިހާބެވެ. ޝިހާބަކީ ތައުލީމީ ދާއިރާގައި ގިނަދުވަސްތަކެއް ވަންދެން ހިދުތްކުރައްވާ އިޖުތިމާއީ ދާއިރާއިން ގިނަ ބައެއްގެ ލޯތްބާއި ރުހުން ހޯއްދަވާފައިވާ ބޭފުޅެކެވެ.
ޝިހާބު ވިދާޅުވަނީ މީގެ ދެ އަހަރު ކުރިން ބޭއްވުނު މޭޔަރުކަމުގެ ބައި-އިލެކްޝަނާ ހިސާބުން ފެށިގެން، މޭޔަރ އާޒިމްގެ މަސައްކަތް ވަރަށް ގާތުން ދެކިވަޑައިގަތް ކަމަށެވެ. އެކި ދާއިރާތަކުން ކުރިމަތިވި ގޮންޖެހުންތަކާއި ނުތަނަވަސްކަމުގެ ތެރޭގައިވެސް، އާޒިމް ގެ ކެރުމާއި ސާބިތުކަމަކަށް އެއްވެސް ބަދަލެއް ނާންނަ ކަމަށާއި ކަންކަން ހާސިލުކުރެވޭނެކަމުގެ ފުރިހަމަ އިތުބާރާއެކު، ކޮންމެ ހުރަހަކާވެސް ކުރިމަތިލީ ނުހަނު ކެތްތެރިކަމާއެކުގައި ކަމަށް ޝީހާބު ވިދާޅުވެއެވެ.
ޝިހާބު ވިދާޅުވާ ގޮތުގައި އާޒިމަކީ އަބަދުވެސް އެންމެން އެއްގަލަކަށް އަރުވައި، ގުޅުންތައް ބަދަހިކުރާ ލީޑަރެކެވެ. ބައިބައިވުން އުފެދޭ ފަދަ ކަންކަމުގެ ތެރެއަށް ވަނުމުގެ ބަދަލުގައި، އާޒިމް އިސްކަންދެނީ ސިޓީގެ ތަރައްގީއަށާއި ރައްޔިތުންގެ ލާބައަށް ކަމަށާއި ބޭކާރު ވާހަކަތަކަށް ސަމާލުކަން ނުދީ، މަސައްކަތުގެ މައިދާނުގައި ސާބިތުވެ ހުރުމަކީ، އާޒިމަކީ ނަމޫނާ "ޓީމް ޕްލޭޔަރެއް" ކަން ހާމަކޮށްދޭ ކަމެއް ކަމަށްވެސް ޝިހާބު ވިދާޅުވެއެވެ. ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި، އޭނާ މަސައްކަތްކުރެއްވީ ހަމައެކަނި މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތަކުން ނޫންކަމަށާއި ކޮންމެ ދުވަހަކުވެސް ނުކުމެވަޑައިގަތީ ސީދާ އަމާޒެއް އޮވެގެން، ނަތީޖާ ނެރުއްވުމުގެ ވަރުގަދަ އަޒުމެއްގައެވެ.
އާޒިމް ވިދާޅުވި ވާހަކައެެއް އަޅުގަނޑު އަބަދުވެސް ހަނދާން ހުންނާނެ ކަމަށް ވިދާޅުވަމުން ޝިހާބު ވިދާޅުވި ގޮތުގައި އާޒިމް ވިދާޅުވީ "އަޅުގަނޑު ބޭނުންވަނީ ކޮންމެ ރައްޔިތަކަށްވެސް، އަޅުގަނޑަށް ލިބިފައިވާ ފަދަ އުފާވެރި ފަހި ދިރިއުޅުމެއް ލިބުމަށް." ކަމަށެވެ. އާޒިމަށް ވޯޓެެއް ދެއްވާށެވެ. އެއީ އުފާވެރި ކުރިމަގަކަށް ދެވޭ ވޯޓެކެވެ.




