އެލްބޯޑު އަޅުވައިގެން ގައުމު ހިންގަން އުޅޭނެކަމެއްނެތް!
އަަޖައިބެއް ނުވާނެހެއްޔެވެ. ރާއްޖެއަކީ ހިނގަހިނގާ އޮތް ދައުލަތެކެވެ. ތަޖުރިބާކާރު ބޮޑު ސިވިލް ސާވިސްއެއް އޮތް ދައުލަތެކެވެ. ގަވައިދުން ތަފާސް ހިސާބުތައްކޮށް ބަލަހައްޓަމުން އަންނަ ދައުލަތެކެވެ. ރާއްޖޭގެ ކޮންމެ ދާއިރާއަކަށް އަންނަ ބަދަލުތަކާއި ހިސާބު ކިތާބު ފެންނަން އޮތް ދައުލަތެކެވެ. ޒަމާނީ ޓެކްނޮލޮޖީއާއި ފައިހަމަ ކުރަން ކަންކަން ޑިޖިޓަލައިޒް ކުރަމުން އެންމެ ޒަމާނީ ވަސީލަތްތައް ބޭނުންކުރުމަށް ބޭނުންވާ އިންސާނީ ވަސީލަތާއި އާލާތް އެންމެ ކުރިއަރާފައިވާ ގައުމުތަކާ އެއްހަމައެއްގައި ފައިހަމަ ކުރަމުން އަންނަ ދައުލަތެކެވެ.
ރާއްޖޭގައި ހުރި ނެތް ވަސީލަތްތަކާއި އަލަށްހޯދާ ލިބިގަންނަން ޖެހޭ ކަންކަމާއި ދޫކޮށްލަންޖެހޭ ކަންކަންވެސް ހިނގުމުގެ ނިޒާމުގެތެރެއިން ފަސޭހަކަމާއެކު ދެނެގަނެ އެހިނދަކަށް ގެންނަން ޖެހޭ ބަދަލެއް އައީ ގެންންމުންނެވެ. އަލުން ދިރާސާތަކެއް ހަދައިގެން ކަންކަން ކުރާވަރަށްވުރެ ފެންނަންހުރި ޑާޓާތަކުގެ އަލީގައި ގައުމައިގެން ކުރިއަށް ދިޔުމަކީ ދިވެހި ސަރުކާރަށް އުނދަގޫ ކަމަކަށް ނުވާނެއެވެ. އެލްބޯދް އަޅުވައިގެން ދައުލަތް ހިންގަން އުޅޭނެކަމެއް ނެތެވެ.
ރައީސް މައުމޫނުގެ ވެރިކަމުގައި ސައިކުރާ ނައީމްމެން ރާއްޖޭގެ ރައްޔިތުންނަށް ދިވެހިރައްޔިތެއްކަން އަންގާދޭ ކާޑު ހެދީކީ މިޒަމާނުގައި މިއޮތްވަރުގެ ޓެކްނޮލޮޖީއެއް ނުވެސް ނެތީހެވެ. ކޮމްޕިއުޓަރައިޒް ސިސްޓަމަކަށް ދޫނުކުރާ ފެންވަރުގައި ރައްޔިތުމީހާގެ ގާތަށް ގޮސްގެން ކަރުދާހާއި ގަލަން ބޭނުންކޮށްގެން މެނުއަލްކޮށް ރާއްޖޭގެ އެންމެންނަށް އައިޑީ ކާޑްވެސް ވަނީ ހަދާފައެވެ. ރާއްޖޭގެ ޕާސްޕޯޓް ހިދުމަތަކީވެސް އެފަދަ މިސާލެއް ނެތްފަދަ މަސައްކަތެކެވެ. ރާއްޖޭގެ ޝަރުއީ ނިޒާމްގެ ލިޔެކިޔުންތައް ހުރިހާ ކޯޓެއްގައި އެއްފޯމެޓަކަށް ތައްޔާރުކޮށް ތަރުތީބުވަނީކޮށްފައެވެ. މިޒާތުގެ އެތައް ބައިވަރު މިސާލު ދިވެހި ދައުލަތުގެ ނިޒާމުގެތެރޭގައި އިންތިޒާމްވެގެން ހިނގަމުން އައެވެ.
މިއަދު އިލްމީގޮތުން މާބޮޑަށް ކުރިއަރާ ޓެކްނޮލޮޖީގެ ދާއިރާ ވަނީ މާބޮޑަށް ފުޅާވެފައެވެ. ކޮންމެ ކަމަކާ ގުޅޭ ހުރިހާ ޑާޓާއެއް ސިކުންތެއްގެ ތެރޭގައި އެއްތަން ކޮށްލެވޭ ވަރުގެ ގާބިލުކަން މީހުންނަށާއި އިކްއިޕްމަންޓަށް ވަނީ އައިސްފައެވެ. މުޅި ސަރުކާރު އެއްވިއުގައަކުން ގުޅާލުމުގެ މަސައްކަތް ކުރާތާ ކިތަންމެ ދުވަހެކެވެ. ނުވެ އޮތަސް އޮންނާނީ ދާދިކުޑަ މިންވަރެއްކަމަށް ގަބޫލުކުރެވެއެވެ.
އެހެނެއް ކަމަކު މުޅި ދައުލަތް ޑިޖިޓަލައިޒްވެފައި އޮންނަންޖެހޭ ޒަމާނެއްގައި އެކަން އޮތީ އެހެން ނޫންކަން ދަނީ ހާމަ ވަމުންނެވެ. ސިޔާސީ ޕާޓީތަކުން މީހުން ވަގަށް ނެގުމާއި މީހުންގެ ނަމުގައި ރަޖިސްޓްރީކޮށްފައި ހުންނަ ކުންފުނިތައް ވަގަށް ނެގުންވެސް އާއްމުވެއްޖެއެވެ. އަނެއްކޮޅުން ސަރުކާރުގެ 3 މިނިސްޓްރީ އަނދައިގެން ދިޔައިރު އެތައް ގެއެއްގެ ރަޖިސްޓްރީއަކާއި ގާނޫނީގޮތުން އޮތުން ލާޒިމުކުރާ އެތައް ލިޔެކިޔުމެއް ފަނާވެ ނެތި ހިނގައްޖެއެވެ. އެތައް ބައިވަރު އެއްބަސްވުންތަކާއި ހުއްދަތަކާއި ހުރުންލާޒިމު އެތައް އެއްޗެއް އަނދާ އަޅިއަށް ވެއްޖެއެވެ.
ކިތަންމެ ބަޔަކަށް ކިތަންމެ ބޮޑު މުށަރައެއް ދީގެން ގެންގުޅުނަސް ވާކަމެއް ނެތްކަން ސާބިތުވެއްޖެއެވެ. ދައުލަތް ހިންގުމުގެ ނިޒާމުއޮތީ 1932 އަށްވުރެވެސް ފަހަތުގައިކަން އެގިއްޖެއެވެ. ނޭވަޔަކު ދެކޮޅު ޒާތްޒާތުގެ ދިރާސާ ކުރަން އެތަން މިލިޔަން ރުފިޔާއެއް ހަރަދު އެބަކުރެއެވެ. މިހާރުވެސް އުޅެނީ ގައުމީ ކޮމްޕިއުޓަރައިޒް ވިއުގަ އަޕްގްރޭޑް ކުރާށެވެ. ކުރާ އަޕްގްރޭޑަކުން ގައުމަށާއި ރައްޔިތުންނަށް ވާމޮޅެއް ނެތެވެ. ކުރާކޮންމެ އަޕްގްރޭޑަކީ ދައުލަތުން ފައިސާތަކެއް ބަޔަކު ކާލަން ހިންގާ ޖަރީމާއަކަށް އޮންނަނީވެފައެވެ.