އެމްޑީޕީއަށް ނަޝީދުގެ ސައިޒް ދައްކާދިނީ ފައްޔާޒު
ހަގީގަތް ކިތަންމެ ހިއްޗަސް ހަގީގަތަކީ ހަގީގަތެވެ. ވަކި ހިސާބަކުން ރޮގެއް ދަމާލައި އޭގެ ކުރިއަކީ ނެތް އެއްޗެއް ކަމަކަށް ނުހެދޭނެއެވެ. ކޮންމެ ހަމައެއް އެޅުވިޔަސް ފެންނަން އޮތް ހަގީގަތް ބަދަލެއް ނުކުރެވޭނެއެވެ. އެމްޑީޕީއަށް ރައީސް ނަޝީދުގެ މުހިންމު ނޫންކަމަށް ދެއްކެވުމުގެ އިސް ދައުރެއް ފައްޔާޒު އަދާ ނުކުރައްވާ ކަމަކަށް ނުވާނެއެވެ. ރައީސް ނަޝީދަކީ މުހިންމު ބޭފުޅެއް ކަމަށް ފަހުން ވެގެން އުޅުއްވަނީ ވެސް ފައްޔާޒަށެވެ. ވިސްނާ މީހަކު ކަންކަމާމެދު ފިކުރުކޮށްލުމުން ނިއުޅެމުންދާ ހަގީގަތް ސާފުވާނެއެވެ.
ބަރުލަމާނީ ނިޒާމަށް ރާއްޖޭގެ ވެރިކަން ހިންގުން ބަދަލުކޮށްގެން ވަކި މީހެއްގެ އަތްމައްޗަށް ގައުމުގެ ހިންގުމުގެ ބާރު ފުރޮޅާލުމަށް ކުރި މަސައްކަތުގައި އެމްޑީޕީގައި ރެނދުލާ ނުފެޅޭ ކަމަކަށް ވެސް ނުވާނެއެވެ. ރައްޔިތުންގެ މަޖިލީހުގެ ސްޕަރ މެޖޯރިޓީ ލިބުމުން މަޖިލީހުގެ ރައީސް ކަމަށް އިސްވީ އެމްޑީޕީގެ އޭރުގެ ރައީސެވެ. މަޖިލީހުގެ ރިޔާސަތުގެ ބާރުތައް އަތްޕުޅަށް ނެންގެވުމަށްފަހު ރައީސް ނަޝީދު ދެން ދިމާކުރެއްވީ ބަރުލަމާނީ ނިޒާމަކަށް ވެރިކަން ފޮރޮޅާލުމަށެވެ. މިހުރީވެސް ހަގީގަތެވެ.
ބަރުލަމާނީ ނިޒާމުގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތާއި ސަރުކާރާއި ހިޔާލު ތަފާތުވެ ރައީސް ސޯލިހުގެ ވެރިކަމުގެ ފުރަތަމަ އަހަރުތެރޭގައި އެމްޑީޕީގެ މައިގަޑަށް ލޮޅުއްއަރާ ރެނދުލިއެވެ. އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް އިސްވެ ހުންނަވާ ސަރުކާރާ ދެކޮޅު ފިކުރުތަކާއި ހަރަކާތް މަޖިލީހާއި ޕާޓީގެ ތެރޭގައި ހިންގަން ފެށިއެވެ.
އެމްޑީޕީގެ ސެކެރެޓްރިޢޭޓްގެ ފުރިހަމަ ކޮންޓްރޯލް ރައީސް ނަޝީދުގެ އަތްޕުޅުގައި އޮވެމެ ބޭއްވި ދާއިރާ އިލެކްޝަންގައި ގައުމީ މަޖިލީހުގެ ކޮންޓްރޯލް ޕާޓީގެ ރައީސް ނަޝީދަށް ގެއްލުނެވެ. ރަނގަޅަށް އެމްޑީޕީ ދެފަޅިވީ ރައީސް ނަޝީދަށް ގައުމީ މަޖިލީހުގެ ކޮންޓްރޯލް ގެއްލި ޗެއަރޕާސަންގެ އިންތިހާބު ގެއްލުނު ހިސާބުންނެވެ. ރައީސް ނަޝީދު ތާއީދު ކުރެއްވި އިމްތިޔާޒް ފަހުމީ ބަލިކޮށް ރައީސް ސޯލިހުގެ ކެންޑިޑޭޓް ފައްޔާޒް އިސްމާއީލްއަށް ޕާޓީގެ ޗެއަރ ޕާސަންކަން ލިބުނުންނެވެ.
ޕާޓީއާއި ސަރުކާރު އެއް މިސްރާބަކަށްވެ ރައީސް ނަޝީދު ބާކީކޮށްގެން އެމްޑީޕީ ހިންގައިގަތީ އެ ހިސާބުން ފައްޔާޒު އިސްމާއީލުގެ އާރުކާޓީ ކަމުގައެވެ. ނަތިޖާއެއްގެ ގޮތުން ރައީސް ސޯލިހުގެ އިގްތިސޯދީ ވަޒީރު ފައްޔާޒު އިސްމާއީލަކީ ސޯލިހު ސަރުކާރުގެ އަދީބު ކަމުގައި ސިފަކޮށް "ބްރޯ"ގެ ނަމުން ފައްޔާޒަށް ނަން ދިނެވެ. ފައްޔާޒު އިސްވެ ހުންނަވައިގެން ބޭއްވި ކޮންގްރެސް އިން ނަޝީދަށް އެމްޑީޕީން ދައްކާދިނީ އެމްޑީޕީގައި ނަޝީދުގެ ސައިޒެވެ.
އެންމެ ފަހުން ފިކުރެއްގެ ދިރުން އުފަންވެ އިދިކޮޅަށްވުރެ އިދިކޮޅުވެގެން އެމްޑީޕީ އަކީ ވަގުންގެ ނެޓްވޯކެއް ކަމަށް ސިއްކަ ޖަހައިގެން ޕާޓީ ރޫޅާލަން ރައީސް ނަޝީދު ފާޅުގައި ނިކުންނެވުމުން ވާނެ ޑެމޭޖެއް ރިޔާސީ އިންތިހާބުގެ މާކުރިން އޮތީ އެމްޑީޕީއަށް ވެނިމިފައެވެ. އޭރު އެމްޑީޕީން ނަޝީދަށް ދޯކާއެއް ދިނިއްޔާ ދޭނީ ފައްޔާޒުގެ ފުރިހަމަ ބައިވެރިވުން ނެތިކަމަށް މީހަކު ގަބޫލެއް ނުކުރާނެއެވެ.

