ހިތުގެ ފަރިޔާދު: ހަނދު ހަޔާތަށް ނޭރިނަމަ

ޅެން ހެދީ: ޢަބްދުﷲ މުޢާޒު ޔޫސުފް

ހިތުގެ ފަރިޔާދު: ހަނދު ހަޔާތަށް ނޭރިނަމަ

އޮއްސެމުންދާ ހަނދު ދެކެން މިއިނީ މިތާނގާ ހުސްއަތާ

ޖެއްސި ކުލަތައް އަލިކަމާ އެދަނީ ގޮވައިގެން އޮތްމިތާ

ފަޑުވަމުން އަދިރީގެސާލެއް  ފެތުރުމަށް ހަމަތަން ދެމުން

މަޑުމަޑުން ގެނބިއޮއްސެނީ ހައްތިސްތަވާގެ ދަށަށްއުތާ

ތަރިތަކުން ވިދިވިދުވަރޭ ފަނޑުވީ އަރާ ދިން އަލިކަމުން

ދިރި ތަސައްލީ ހިތްތަކަށް  ލިއްބައި ދިނޭ އެކު ޠާޢަޠާ

ކަނޑުގެ ނޫކުލަ ރަންކުލައިން ކޮށްލާ ޖަރީ އުދަރެސްއެކީ

                           އުޑުމަތީ އުދުހޭ ވިލާ   ކުރުނީސް ކުރޭ ފެނި ލޮބުވަތާ

ދަޑުތަކާ ގަސްތަކުތެރޭ ފެނެޔޭ   ކޮކާ ހަނދުވަރު ލޮލަށް

                           މަޑުމަޑުން ވައި ރޯޅި ވެސް ކޮށްލަޔެ ސަމާސާ ފަތްފަތާ

މެދު އުޑަށް އެރުމާ އެކީ  އުންމީދުތައް ޙާސިލްވެ ގޮސް

ހިނދު ކޮޅެއް ކޮންފަދަ އެއީ  ލިބިދިން އަރާމާ ލައްޒަތާ

އުދަވެ އުދަރެސް އަލިކުރީ   އަޅެ ކީއްވެގެންހޭ އޭރުގާ

ގަދަ އަލިން މުޅިޖައްވު ހުޅުދާން  ކުރެވުނީ ހަމަ ނޭގިތާ

ހަނދު ހަޔާތަށް ނޭރިނަމަ ކަރުނުގެ ކަނޑެއްގާ ބަލިވެފާ

ކަނދުގަނޑެއްހެން އޮވެ އޮޔާދާ    ނުމެ އޮތީހޭ ފަތަފަތާ