މިލިއަނަކަށްވުރެ ގިނަމީހުން ހިޔާވަހިކަން ހޯދި ރަފާހުގައި މިހާރު ތިބީ އެންމެ 65000 މީހުން!

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ފަލަސްތީނުގެ 35 މީހަކު ޝަހީދުވެ 130 މީހުން ޒަހަމްވި

މިލިއަނަކަށްވުރެ ގިނަމީހުން ހިޔާވަހިކަން ހޯދި ރަފާހުގައި މިހާރު ތިބީ އެންމެ 65000 މީހުން!

އިޒްރޭލުގެ އަސްކަރިއްޔާގެ ލާއިންސާނީ އަނިޔާތަކާއި ހަމަލާތަކުން ރައްކާތެރިކަން ހޯދުމަށްޓަކައި ރަފާހަށް އެއް މިލިއަނަށް ވުރެ ގިނަ މީހުންއައެވެ. ރައްކާތެރި ހިޔާވަހިކަން ރަފާހުން ހޯދަމުން އައި މީހުންގެ ތެރެއިން ފަލަަސްތީނުގެ ރަފާހްގައި މިހާރު ތިބީ 65،000 މީހުން ކަމަށް އދގެ ފަލަސްތީނުގެ ރެފިއުޖީންނާ ބެހޭ އިދާރާ (ޔޫއެންއާރުޑަބްލިއުއޭ) އިން ލަފާކުރެއެވެ.

އިޒްރޭލުގެ ސިފައިންގެ ރަހުމުކުޑަ ހަމަލާތަކުގެ ސަބަބުން ރަފާހުން ވެސް ރެފިއުޖީންނަށް ރައްކާތެރިކަން ނުލިބި ގިނަ ބަޔަކު ވަނީ ޝަހީދުވެފައެވެ. އެތައް ބަޔަކުވަނީ ރައްކާތެރިތަނެއް ހޯދުމަށް ރާފާހުން ފައިބާފައެވެ.   

އަނެއްކާވެސް އިޒްރޭލުގެ  ޓޭންކްތަކާއި ޑްރޯންތައް ރަފާހުގެ ހުޅަނގު އަވަށްތަކަށް ވަނީ ވަދެގަނެފައެވެ. މިވަދެގަތް ވަދެގަތުމުގައި ހަމަލާތައް އަމާޒުކުރީ ހާލުގައި ޖެހިފައިވާ މީހުންނަށް އެހީ ފޯރުކޮށްދޭ މީހުންނަށެވެ. އެހީ ފޯރުކޮށްދޭ މީހުންނަށް އަމާޒުކޮށް ދިން ހަމަލާއެއްގައި ފަލަސްތީނުގެ 9 މީހަކު ޝަހީދުވެ، 30 މީހަކު ޒަހަމްވެއްޖެއެވެ.

ގައްޒާގެ ހެލްތު މިނިސްޓްރީން ރިޕޯޓްކުރާ ގޮތުގައި މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ދިން ހަމަލާތަކުގައި ފަލަސްތީނުގެ 35 މީހަކު ޝަހީދުވެ، 130 މީހުން ޒަހަމް ވެފައިވެއެވެ.

އިޒްރޭލުގެ އަސްކަރިއްޔާގެ ތަރުޖަމާނަކު ބުނެފައިވާ ގޮތުގައި "ހަމާސް އަކީ ފިކުރެއް" އަދި އެ "ފިކުރެއް ނައްތާލެވޭކަށް ނެތް" ކަމަށް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ތަކުރާރުކޮށް ވިދާޅުވެފައިވާ ކަމަށެވެ. އެހެން ކަމުން ހަމާސް ބަލި ކުރެވެންދެން އިޒްރޭލުން ގައްޒާއާ ދެކޮޅަށް ކުރާ ހަނގުރާމަ ނިންމާނުލާނެ ކަމަށް އޭނާ ބުންޏެވެ.

ފަލަސްތީނުގެ ބިމަށް ވެރިވެގަނެ، ނަސްލެއް ނައްތާލުމުގެ ނިޔަތުގައި އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ގައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި 37،431 މައުސޫމް ރައްޔިތުން ޝަހީދުވެ، 85،653 މީހުން ޒަހަމްވެފައިވެއެވެ.