މާލޭމީހުނަށް ގޯތިދިނުމާ ދެކޮޅު ކެންޕޭނެއް މުއިއްޒު ހިންގަނީ!

ކެރެންޏާ 9000 އައިލާއަށް ގޯތިނުދީ މުއިއްޒަށް ފަރަކު ނުޖެއްސޭނެ

މާލޭމީހުނަށް ގޯތިދިނުމާ ދެކޮޅު ކެންޕޭނެއް މުއިއްޒު ހިންގަނީ!

ރިޔާސީ އިންތިހާބާ ދިމާކޮށް މާލޭގެ 500 ވަރަކަށް އާއިލާއަށް ހުޅުމާލެއިން އެތަށް ބިލިއަން ރުފިޔާގެ ބިން ނިމިދިޔަ ސަރުކާރުން ހިލޭ ބަހާލި ކަމަށް މާލޭގެ 9000 އާއިލާއަށް ގޯތި ދިނުމާދެކޮޅު ކެންޕޭނެއް ޑރ. މުއިއްޒު ފަށައިފިއެވެ. ވަރަށް ހީލަތްތެރިކަމާއެކު ވަރުގަދަ މީޑިއާ ކެންޕޭނެއް މުއިއްޒު ބޮޑު ހަރަދުކޮށްގެން އެބަކުރެއެވެ. 

ވައިގަ ހިއްޕަން އުޅެނީ މަދު ބަޔަކަށް ހިލޭ ބިންތަކެއް ދީގެން ބަޔަކު މުއްސަދި ކުރަން ބަޔަކު އުޅުނު ކަމުގެ ވާހަކައެވެ. ބޭނުމަކީ ފަޒުލުމެން ލައްވާ ބޮޑުއަގުގައި ވިއްކާ ވިޔަފާރިކުރަން ބިންތައް މުއިއްޒު ބޭއްވުމެވެ. ޗަންޕާއާއި ގާސިމާއި ސަަން ސިޔާމާއި ކޮލިގޭގެ ކުދިންގެ އަތްމަތީގައި ރާއްޖޭގެ މުއްސަދިކަން ބާއްވާ ދިނުމެވެ. މާލޭގެ ނިކަމެތި ރައްޔިތަކު ހިންދަމާލިޔަ ނުދިނުމެވެ. 

އެކި ފަހަރު އެކި ބަހަނާ ދައްކައިގެން ލަސްކޮށް ފަސްކޮށް މީހުން ރުޅިއަރުވައިގެން އެއްވާނަކަށް މާލޭ މީހުނަށް ގޯތި ދިނުމާ ދެކޮޅު ރޫހެއް އުފައްދާ ވައިގައި ހިއްޕުމަކީ މުއިއްޒުގެ އަމާޒެވެ. މަގާއި މައިހޮޅިތަކުގެ މައްޗަށް ގޯތިތައް އަރާވާހަކަ އަކީ އޭގެން އެއް ވާހަކައެވެ. ކަނޑުން ގޯތި ދީގެން އުޅޭ ކަމުގެ ވާހަކަ އަކީ އަނެއް ވާހަކައެވެ. ލޭންޑް ޔޫސް ޕްލޭންގެ ވާހަކައަކީ އަނެއް ވާހަކައެވެ. މަގާ ގޯޅިއާއި މިސްކިތާއި ޕާރކާއި ފިހާރައާއި ކެފޭ ނެތް ވާހަކަ އަކީ ވެސް ވާހަކައެކެވެ.  އަސާސީ ހިދުމަތްތައް ދިނުމުގެ ވާހަކަ އަކީ އަނެއް ވާހަކައެވެ. ބިން ހިއްކުމާއި ގޯތިތައް ބަދަލު ކުރުމުގެ ވާހަކައަކީވެސް ލަސްކޮށް ފަސްކުރަން ދައްކާހާ ބަހަނާއެވެ.

އެހެނެއް ކަމަކު މިހާރަކު އުޅެނީކީ ލަސްކޮށް ފަސްކުރާކަށް ވެސް ނޫނެވެ. މާލެ މީހުނަށް ގޯތި ނުދޭށެވެ. ދައުލަތުން ލޯނު ނަގައިގެން ހިއްކާފައިވާ ބިމަކުން ވަކިބަޔަކަށް ގޯތި ދިނުމަކީ އިންސާފުން ކުރެވޭ ކަމެއް ނޫންކަމަށް ދައްކައިގެން އެކަމަށް ބާރު ލިބޭގޮތަށް ކަންކަންކޮށް ވާހަކަ ފަތުރައިގެން ގޯތި ދިނުން ހުއްޓާލުމަކީ މުއިއްޒުގެ މިހާރުގެ އަމާޒެވެ. 

މާލެސަރަހައްދުން 9000 ގޯތި ދިނުމަކީ އެޗްޑީސީއަށް އެތައް މިލިޔަނަކުން ގެއްލުމެއް ލިބޭ ކަމެއް ކަމަށް ބުނުވާ އޯޑިޓް ރިޕޯޓެއް ނެރުވައިފިއެވެ. ލޯނު ނަގައިގެން އާމްދަނީ ނުލިބޭ ކަމަކަށް ރާއްޖޭގައި ކުރާހަވެސް ކަމަކި މާލޭ މީހުނަށް ގޯތި ދިނުމޭ ހީވެއެވެ. އޯޑިޓަށްވެސް ސަރުކާރަށްވެސް ނެނގުނު ކަމަކީ އެޗްޑީސީއަކީ ދިވެހި ރައްޔިތުންނަށް ހާއްސަކޮށް މާލޭ ސަރަހައްދުގެ ބޯހިޔާވަކަން ހައްލުކުރަން އުފެއްދި ކުންފުންޏެއް ކަމެވެ. އެޗްޑީސީއަކީ މާލެ ސަރަހައްދުގެ ބިންތަކުން ވިޔަފާރިކުރަން އުފެއްދި ކުންފުންޏެއް ނޫންކަން އެނގޭކަމަކަށް ނުހެދިއެވެ. އެޗްޑީސީއަށް ބިމުގެ ވިޔަފާރި ކުރުމަށް ޖާގަދިނީ ރައްޔިތުންނަށް ބީހިޔާވަހިކަން ހޯދާދިނުމަށް އެކުންފުނީގެ ގާބިލުކަން އިތުރު ކުރުމަށެވެ. އެޗްޑީސީގެ ފުރަތަމަ މޭންޑޭޓަކީ ބިމުން ވިޔަފާރިކޮށް ބޮޑުފައިދާ ހޯދުމެއް ނޫނެވެ. އެހެން ނޫނަސް މާލޭ މީހުނަށް ގޯތިދިނުމަށް ކަނޑައެޅުނު ސަރަހައްދުގެ ބަދަލުގައި އެޗްޑީސިއަށް ފަޅުތަކެއް ވަނީ ދީފައެވެ. ގެއްލުމުގެ ވާހަކަ ދައްކާއިރު އެ ވާހަކަ ސަރުކާރުން ދައްކަނީ ވައި އަޑުންނެވެ.  

ހަމަ އެހެންމެ މާލޭން ގޯތި ލިބުނު މީހުންގެ ތެރޭގައިވެސް އެކި ކަހަލަ ފިތުނަވެރި ވާހަކަތައް ފަތުރައިގެން އެމީހުންގެ ތެރެ ރޫލާލުމަކީވެސް ރޭވިގެން ހިންގާ ހަރަކާތެކެވެ. ގޯތި ލިބުނު ބައެއް މީހުންގެ އަމަލާ ބަސްމަގުން އެކަން ކިތަންމެހާވެސް ސާފުވާނެއެވެ. ވިސްނާ ފިކުރުކުރާށެވެ. ގަސްކަނޑާލަން ފަސޭހަވާނީ ގަހުގެވެރިޔާ ރުއްސައިގެންނެވެ. 

ހެދުނު އެއްޗެއް ހަދައިގެން މުއިއްޒު އުޅެނީ މާލޭގެ 9000 އާއިލާއާއި އެ އާއިލާތަކާ ގުޅިފައިވާ ބައިލައްކައަށް ވުރެ ގިނަ ރައްޔިތުންނަށް އަނިޔާވެރިވާށެވެ. 9000 އާއިލާއަށް 9000 ގޯތިދިނުމަކީ ޖަރީމާއަކަށް ހަދާ ގޯތިދިނުން ހުއްޓުވާލިޔަ ދީގެންނުވާނެއެވެ. އެކި ފަހަރު އެކި ބަހަނާ ދައްކައިގެން ލަސްކޮށް ފަސްކުރަން ކެރެނީ އެކަންކަމަށް ހެއްލި ފުރުސަތު ދޭތީއެވެ. 9000 އައިލާ ހައްގު ހޯދަން ކޯޓަށްވެސް ދާންވީއެވެ. މަގުމައްޗަށްވެސް ނިކުންނަންވީއެވެ. މުޒާހަރާވެސް ކުރަންވީއެވެ. ގޯތިތައްް ނުދިއެއް މުއިއްޒަކަށް ފަރަކު ނުޖެއްސޭނެއެވެ.