ނޭޓޯގެ ދިފާއުގައި އެމެރިކާ ކުރާހޭދަ ކުޑަކުރަންޖެހޭ: ޓްރަމްޕް
އީރާނާ ދެކޮޅަށް އެމެރިކާއިން ހިންގާ އުދުވާނުގައި އެހީތެރިވުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅި ހުށަހެޅުންތަކަށް ވިލާތުގެ ބައެއް ގައުމުތަކުން ދެކޮޅު ހެދުމާ ގުޅިގެން، ނޭޓޯގެ ގައުމުތައް ހިމާޔަތްކުރުމަށް އެމެރިކާއިން ކުރާ ހޭދަ ކުޑަކުރާނެކަމުގެ އިޝާރާތެއް ރައީސް ޓްރަމްޕް ދީފިއެވެ.
ހުކުރު ދުވަހު ވާހަކަދައްކަމުން ޓްރަމްޕް ބުނީ ނޭޓޯގެ އެހީތެރިކަން ލިބެންޖެހޭ ވަގުތު އެކަން އެގޮތަށް ނުވުމަކީ އެ މީހުނަށް ހެދުނު ވަރަށް ބޮޑު ގޯހެއް ކަމަށެވެ.
"މީގެ ސަބަބުން އެމެރިކާއަށް ވަރަށް ބޮޑު މާލީ ފައިދާއެއް ކުރާނެ. ސަބަބަކީ ނޭޓޯގެ ގައުމުތައް ހިމާޔަތްކުރުމަށް އަހަރަކު އެތައް ބިލިއަން ޑޮލަރެއް އަހަރެމެން ހޭދަކުރަން. އަބަދުވެސް އަހަރެމެން ތިބީ އެ ގައުމުތަކުގެ ދިފާއުގައި ނުކުންނަން ތައްޔާރަށް. ނަމަވެސް އެ ގައުމުތަކުން މިހާރު އަމަލުކުރަމުންދާ ގޮތުން، އަހަރެމެން އެކަން ކުރަންޖެހޭނެ ކަމަކަށް މިހާރަކު ނުދެކެން،" ޓްރަމްޕް ބުންޏެވެ.
ހޯރްމުޒް ކަނޑުއޮޅި ހުޅުވާލުމަށްޓަކައި އެ ސަރަހައްދަށް ހަނގުރާމަމަތީ މަނަވަރުތައް ފޮނުވުމަށް ރައީސް ޓްރަމްޕް ވަނީ ނޭޓޯއާއި އެނޫންވެސް އެހެން ބައެއް ގައުމުތަކުގެ ކިބައިން އެދިފައެވެ.
އެމެރިކާގެ ރައީސް ޓްރަމްޕް މި ހުށަހެޅުން ހުށަހެޅީ އެކުވެރިކަމާއި ވަފާތެރިކަން ވަޒަންކުރާ އިމްތިހާނެއްގެ ގޮތުގައެވެ. އެމެރިކާގެ އަސްކަރީ އެހީތެރިކަމަށް ބަރޯސާވާ ގައުމުތަކުން މިފަދަ ކަމެއްގައި ބައިވެރިވުމަކީ ވަރަށް ކުޑަ ކަމެއްގެ ގޮތުގައި ޓްރަމްޕް ސިފަކުރިއެވެ.
"އެމީހުން އަހަރެމެންނަށް އެހީތެރިނުވާނަމަ، އަހަރެމެން އެމީހުންގެ ދިފާއުގައި ތިބެންވީ ކީއްވެގެންތޯ؟" ހުކުރު ދުވަހު ދެއްކި ވާހަކައިގައި ޓްރަމްޕް ސުވާލު އުފެއްދިއެވެ.




