ދުވަހަކުވެސް ހިނގައިފާނެ ކަމެއްކަމަށް ހިތަކަށް ނާރާ: ޓްރަމްޕް
އެމެރިކާގެ ކުރިގެ ރައީސަކަށް ޖިނާޢީ ދައުވާއެއް އުފުލާ ފުރަތަމަ ފަހަރު
އެމެރިކާގެ ކުރީގެ ރައީސެއްގެ މައްޗަށް ޖިނާއީ ދައުވާ އުފުލުމަކީ ދުވަހެއްގެ ކޮޅުން ވެސް އެމެރިކާގައި ހިނގައިފާނެ ފަދަ ކަމެއް ކަމަށް ދުވަހަކު ވެސް ހިތަށް ނާރާ ކަމަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ކުރީގެ ރައީސް ޓްރަމްޕް އެހެން ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް ޖިނާއީ ދައުވާތަކެއް އުފުލުމާ ގުޅިގެންނެވެ. ޓްރަމްޕްގެ މައްޗަށް ދައުވާ އުފުލުމަކީ އެމެރިކާއަށް ލިބުނު ހިތްދަތިކަމެއް ކަމަށް ސިފަކުރައްވާ، ދެކޮޅަށް ދައުވާ އުފުލާފައިވާ ޕްރޮސިކިޔުޓަރުންނަށް ޓްރަމްޕް ފާޑުވިދާޅުވިއެވެ.
ޓްރަމްޕް އެ މޭރުމުން ފާޑު ވިދާޅުވީ މިއީ، އެމެރިކާގައި ރައީސް ކަމުގެ މަގާމު ފުރުއްވާފައިވާ ބޭފުޅެއްގެ މައްޗަށް ޖިނާޢީ ދައުވާއެއް އުފުލާފައިވާ ފުރަތަމަ ފަހަރު ކަމުގައިވާތީއެވެ. ޓްރަމްޕުގެ މައްޗަށް ދައުވާ ކޮށްފައި ވަނީ މަޢުލޫމާތުތަކެއް ސިއްރުކުރުމުގެ ނިޔަތުގައި މީހަކަށް ރިޝްވަތުގެ ފައިސާ ދީ، 2016 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރުމުގެ ކުށުގެ ތުހުމަތުގައެވެ.
"މިއީ ދުވަހެއްގެ ކޮޅުން ވެސް އެމެރިކާގައި ހިނގައިފާނެ ފަދަ ކަމެއް ކަމަށް އަހުރެން ދުވަހަކު ވެސް ހިތަކަށް ނާރާ. އަހަރެންގެ ހަމައެކަނި ކުށަކީ މި ގައުމު (އެމެރިކާ) ހަލާކުގެ މަގުން ސަލާމަތް ކުރަން ގަދައަޅައި މަސައްކަތް ކުރުން. މި ގައުމު ނެތިކޮށްލަން އުޅޭ ބަޔެއްގެ ކިބައިން ގައުމު ސަލާމަތް ކުރަން ތެދުވުން. އިތުރު ކުށެއް ނުކުރަން. އަހުރެންނާ ދެކޮޅަށް އުފުލާފައިވާ ދައުވާއަކީ ގައުމަށް ލިބުނު ހިތްދަތިކަމެއް،" ތާއީދުކުރާ މީހުންނާ ބައްދަލުކޮށް ފްލޮރިޑާގައި ޓްރަމްޕް ވިދާޅުވިއެވެ.
އުފުލާފައިވާ ދަޢުވާތަކަށް އޭނާ އިންކާރު ކުރައްވަމުން މިއީ، އެމެރިކާގެ ތާރީހުގައި ވެސް އެ ގައުމަށް ކުރިމަތިވި އެންމެ އަނދިރި އަދި ހިތްދަތި ވަގުތުކޮޅުކަމަށް ވިޔަސް އަޒުމު ނުގުޑާނެކަމަށައި ހިތްވަރު ވެސް ނޭލޭނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
ޓްރަމްޕްގެ މައްޗަށް 34 މައްސަލައެއްގައި ދައުވާކޮށްފައި ވާއިރު، މި ދައުވާތައް ގުޅެނީ އޮޅުވައިލައިގެން މީހަކަށް ރިޝްވަތު ފައިސާ ދިނުމާއެވެ. އެ ފައިސާ ދިންކަން ފޮރުވުމަށް މަސައްކަތް ކުރުމެވެ. ރިޝްވަތު ދީފައިވާ ކަމަށް ތުހުމަތު ކުރަނީ ސްޓޯމީ ޑެނިއެލްސް ކިޔާ އަންހެނަކަށެވެ. އެއީ އޮރިޔާންކާޑު އުފައްދާ މީހެކެވެ. އޭނާއަށް ރިޝްވަތުގެ ފައިސާ ދީފައި ވަނީ ޓްރަމްޕާއި އޭނާއާ މެދު ކުރިން ހިނގާފައިވާ ލޯބީގެ ގުޅުމުގެ މައުލޫމާތު ސިއްރު ކުރުމުގެ ބޭނުމުގައެވެ.
ޑެނިއެލްސްއަށް ޓްރަމްޕް 130,000 އެމެރިކާ ޑޮލަރު ދީފައިވާ ކަމަށް ތުހުމަތު ކުރެއެވެ. އަދި އޮރިޔާންކާޑު އުފައްދާ މޮޑެލްއެއް ކަމުގައިވާ ކެރަން މެކްޑޫގަލްއަށާއި، ޓްރަމްޕް ޓަވަރުގައި ދޮރުވާނެއްގެ ގޮތުގައި މަސައްކަތް ކުރާ މީހަކަށް ވެސް ޓްރަމްޕް ފައިސާ ދީފައިވާ ކަމުގައި ތުހުމަތު ކުރެއެވެ. މެކްޑޫގަލްއަށް 150,000 އެމެރިކާ ޑޮލަރު އަދި ދޮރުވާނަށް 30,000 އެމެރިކާ ޑޮލަރު ދީފައިވާ ކަމަށް ދައުވާގައި ބުނާއިރު ދޮރުވާނަށް ފައިސާ ދީފައި ވަނީ، ކައިވެނީގެ ބޭރުން އެހެން އަންހެނަކާ އެކު ޓްރަމްޕް ހޯދާފައިވާ ދަރިއެއްގެ މައުލޫމާތު ސިއްރު ކުރުމުގެ ބޭނުމުގައި ކަމަށް ތުހުމަތު ކުރެވެއެވެ.
ރިޝްވަތާ ލޯބީގެ ގުޅުމާ ގުޅޭ ހުރިހާ ތުހުމަތުތަކެއް ވެސް ޓްރަމްޕް ދޮގުކުރައްވައެވެ.