ކާމިޔާބުގެ ފަހުރުވެރި ހަދިޔާއަކަށް ވަކިކުރުން!
އެމްޑީޕީގެ ބޮޑު ކާމިޔާބާއެކު އުފެދުނު އާފިތުނަ
ކާމިޔާބީގެ ފަޚުރުވެރި ހަދިޔާއަކަށް ވަކިކުރުން! އެމްޑީޕީގެ ކާމިޔާބީއާއެކު އުފެދުނު އާ ފިތުނަ
ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙުގައި އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީއަކީ އަބަދުވެސް ފޯރިގަދަ ހަރަކާތްތަކެއް ފެންނަ ޕާޓީއެކެވެ. ނަމަވެސް، 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށްފަހު، އެމްޑީޕީއަށް ކުރިމަތިވަމުން ދިޔައީ ނާކާމިޔާބީގެ ފުން ވަޅުގަނޑެކެވެ. ރިޔާސީ އިންތިޚާބާއި، އާންމު އިންތިޚާބުތަކުން ލިބުނު ބޮޑެތި ނާކާމިޔާބީތަކުގެ ސަބަބުން ޕާޓީގެ އާންމު މެންބަރުން ތިބީ މާޔޫސްކަމެއްގެ ތެރޭގައެވެ. މި ނާކާމިޔާބީގެ ސިލްސިލާ އަށް ނިމުމެއް ގެނެސްދިނީ، މިމަހުގެ 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި ފެންނަ ނުފެންނަ ވޯޓެވެ. ވެރިކަންކުރާ ޕީއެންސީގެ މައްޗަށް އެމްޑީޕީން ހޯދި ފަޚުރުވެރި ކާމިޔާބީއަކީ ޕާޓީގެ ހިންގުން ހަރުދަނާވެ، އަލުން ދިރުން ލިބުނު ކަމުގެ ހެއްކެކެވެ.
މި ކާމިޔާބީގެ އެންމެ އިސް މޭސްތިރިއަކީ ޕާޓީގެ މިހާރުގެ ޗެއަރޕާސަން އަލްފާޟިލް ޢަބްދުލްޣަފޫރު މޫސާ (ގަޕޯ) އެވެ. އޭނާގެ ބުރަ މަސައްކަތުން، ޕާޓީގެ ހަރަކާތްތައް ހުއްޓިފައި އޮތް އޮތުން ނިމުމަކަށް ގެނެސް، މީގެ ކުރިން ދުވަހަކުވެސް ލޯކަލް ކައުންސިލް އިންތިޚާބަކުން ނުލިބޭ ފަދަ ބޮޑު ކާމިޔާބީއެއް ޕާޓީއަށް ހޯދައިދިނެވެ. ނަމަވެސް، ހިތާމައަކީ މި ކާމިޔާބީ ޕާޓީގެ ބައެއް އިސްވެރިންނަށް "ހަޖަމު" ނުކުރެވުމެވެ. ޚަބަރުތައް ލިބޭ ގޮތުގައި، ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލާއި ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިސްވެ ތިއްބަވައިގެން މިހާރު މަސައްކަތް ކުރަމުންދަނީ ގަޕޯގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި އޭނާ މަގާމުން ވަކިކުރުމަށެވެ.
ފައްޔާޒު އިސްކޮށް ހުންނަވައިގެން މިހާރު ގެންދަވަނީ ޤައުމީ މަޖިލީހުގެ މެންބަރުންގެ ސޮއި ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. މިއީ ވަރަށް ބޮޑު ސުވާލުތަކެއް އުފެދޭ ކަމެކެވެ. "ހިންގާލަން" އައިސް ޕާޓީ ނުހިންގި، ޕާޓީގެ ހަރަކާތްތައް ހުއްޓި، ވޭތުވެދިޔަ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބުގައި ލަދުގަންނަންޖެހޭ ފަދަ ދަށް ނަތީޖާއެއް ލިބި، އެންމެ ފަހުން އަމިއްލައަށް އިސްތިއުފާ ދިނުމުން، ޤައުމީ މަޖިލީހުން ގަޕޯ ޗެއަރޕާސަންގެ މަގާމަށް ހަމަޖެއްސެވުމުން ޕާޓީއަށް ލިބެންފެށި ކުރިއެރުމަށް ފައްޔާޒުމެން ހަސަދަވެރިވަނީ ނޫންބާވައެވެ؟ ޕާޓީ އަނދަވަޅަކަށް ވެއްޓުނުއިރު ޒިންމާ ނުއުފުއްލަވައި، މިއަދު ޕާޓީ މޮޅުވުމުން އެކަމުގެ ހަސަދަވެރިކަމުގައި ނުކުތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.
ސޯޝަލް މީޑިއާގައި އެމްޑީޕީގެ އާންމު މެންބަރުން ދަނީ މިކަމާ ދެކޮޅަށް އަޑުއުފުލަމުންނެވެ. ގަޕޯ ހޯދައިދިން ބޮޑު ކާމިޔާބީއަށް ދޭ ހަދިޔާއަކީ އޭނާ މަގާމުން ވަކިކުރުންތޯ މެންބަރުން ސުވާލު ކުރެއެވެ. ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި، ފައްޔާޒު ޗެއަރޕާސަންގެ މަގާމުގައި ހުރިއިރު، ރައީސް މުޢިއްޒާއެކު "ޑީލް" ހަދައިގެން ޕާޓީގެ މުޒާހަރާތައް ފުލޮޕްކޮށްލާފައިވެއެވެ. މިއަދު ގަޕޯއާ ދެކޮޅަށް ކުރާ މަސައްކަތުން އެ ވާހަކަތަކުގެ ތެދުކަން ހާމަވާން ފަށައިފި ކަމަށް އާންމު މެންބަރުން ބުނެއެވެ.
އެމްޑީޕީގެ އާންމު މެންބަރުންގެ ތާއީދު އޮތީ ގަޕޯއަށެވެ. އޭނާއަކީ ޕާޓީގެ މަސްލަހަތު އިސްކުރާ، ކޮރަޕްޝަނުގެ ވަބާއިން ސަލާމަތްވެފައިވާ އިޚްލާޞްތެރި ބޭފުޅެއްގެ ގޮތުގައި މެންބަރުން ސިފަކުރެއެވެ. އެހެންކަމުން، ގަޕޯ އިސްތިއުފާ ނުދެއްވުމަށާއި، އޭނާ ވަކިކުރަން އުޅޭ "ކޮރަޕްޓް" ޤައުމީ މަޖިލިސް މެންބަރުންނަށް ދެން އަންނަ ދައުރެއްގައި ފުރުސަތު ނުދޭނެ ކަމަށް މެންބަރުން ދަނީ ބުނަމުންނެވެ. މި ވަގުތަކީ ޕާޓީގެ ތެރޭގައި ތިބި އިޚްލާޞްތެރި މެންބަރުން ފާހަގަވާނެ ވަގުތެކެވެ. ގަޕޯއާ ދެކޮޅު ޕެޓިޝަނުގައި ސޮއިނުކުރާ މެންބަރުންނަކީ ޕާޓީދެކެ ލޯބިވާ، ޕާޓީގެ ކުރިމަގަށް އެދޭ މެންބަރުންކަން ކަށަވަރެވެ.




