އިބޫ ދިން 9000 ގޯތިން ނުހިކިއޮތް 600 ގޯތި މުއިއްޒަށް ނުހިއްކުނު
މުއިއްޒުގެ ކޮއްކޮއާއި ޅިޔަނުވެސް ގޯތި ދިނުމާ ދެކޮޅު
މާލޭ ރައްޔިތުންނަށް މާލެ ސަރަހައްދުން 9000 ގޯތި ރައީސް ސޯލިހު ވަނީ ދެއްވާފައެވެ. މުއިއްޒު ވެރިކަމާ ހަވާލުވިއިރު ނުހިކި އޮތީ އެންމެ 600 ގޯއްޗެވެ. އެ ގޯތިތައް ހިއްކުމުގެ މަސައްކަތް ވެރިކަން ނިމުނު އިރުވެސް ކުރީ ސަރުކާރުން އައީ ކުރަމުންނެވެ.
މާލެ ސަރަހައްދުން ރައީސް ސޯލިހު ދެއްވި ގޯތިތައް ހައްގުވެރިންނަށް ހަވާލުނުކުރާން ދެއްކި އެއް ބަހަނާއަކީ ކަނޑުން ގޯތި ދީފައި އޮތްވާހަކައެވެ. އެދައްކަނީ 9000 ގޯތިން އެންމެ 600 ގޯތީގެ ވާހަކައެވެ. ގިނަވެގެން މަހެއްހާ ދުވަހުން ހިއްކާ ނިންމާ ލެވޭވަރުގެ މަދު ގޯތިކޮޅެއްގެ ވާހަކައެވެ. އެހެނެއް ކަމަކު ބަހަނާތައް ދައްކާ ގޯތިތައް ހިއްކުން ހުއްޓާލާ މާލޭގެ ބޯހިޔާވަހިކަމުގެ ޖުމްލަ ހައްލަކީ ފުށިދިއްގަރުފަޅު ކަމަށް ބުނެ ރަސްމާލެ ހިއްކަން މުއިއްޒު ފެށިއެވެ.
ބުރިޖުން ގުޅުވާލެވޭހާ ކައިރީގައި އޮތްފަޅުތަކުން ގޯތި ހަވާލުނުކޮށް ދައްކަންފެށި ރަސްމާލެ ހުވަފެން މާލޭ ރައްޔިތުން ގަބޫލެއްނުކުރިއެވެ. އެންމެ ފަހުން މަޖުބޫރުވެގެން ހުޅުމާލެއިންނާއި ގުޅީފަޅުންނާއި ގިރާވަރުފަޅުން ގޯތި ހަވާލުކުރަން އުޅޭކަމުގެ ގޮތް ދައްކަންފެށިއެވެ. ހުޅުމާލޭން ބައެއް މީހުނަށް ގޯތި ހަވާލުވެސް ކޮށްފިއެވެ. ގުޅީފަޅާއި ގިރާވަރު ފަޅުން ގޯތި ހަވާލުކުރެވޭ ކަމަކަށް އަދިވެސް ނުހަދައެވެ.
މާލެ ސަރަހައްދުން ގޯތި ދިނުމަކީ ޖަރީމާއެއް ކަމަށް ބުނެ ސަރުކާރު މެންބަރުން އަޑުގަދަކުރިއެވެ. އެންމެ ކުރީގައި ހުރީ ޕީއެންސީ ޕިޖީ ގްރޫޕްގެ ލީޑަރ އިނގުރައިދޫ ފަލާހެވެ. މުއިއްޒުގެ އެއްބަޑު ކޮއްކޮ ނިލަންދޫ ދާއިރާގެ މެންބަރ ސައުދާއާއި މުއިއްޒުގެ ޅިޔަނު މާފަންނު އުތުރު ދާއިރާގެ މެންބަރ އިބްރާހިމް ޖަނާބުގެ އަޑެއް އެކަމުގައި މަޑެއް ނޫނެވެ. އެހެން ކަމުން މާލޭ ރައްޔިތުންނަށް ގޯތި ދިނުމަކީ އެއްގޮތަކަށްވެސް ރައީސް މުއިއްޒު ބޭނުން ނޫންކަމެއްކަން އެނގެއެވެ.
ބޮޓުންނާއި ކުޅީ ގަލަންތަކާއި މުސާރަވެރިން ލައްވާ މުއިއްޒު ފަތުރަނީ ކަނޑުން ގޯތިތަކެއް ދީފައި އޮތްކަމަށް ދައްކައިގެން ކުރީ ސަރުކާރު ގޯސްކުރުމުގެ ވައިބެވެ. ކަނޑުން ދީފައިވާ ގޯތިތަކޭ ކިޔައިގެން މިދައްކަނީ ފަޅު ހިއްކައިގެން ދޭން ކަނޑައެޅި ގޯތިތަކެއްގެ ވާހަކައެވެ. ގޯތި ލިބުނު އެކަކުވެސް އެމީހުނަށް ގޯތި ލިބުނީ ކަނޑުންކަމަށް ވެގެން ބޭނުން ނެތެކޭ ބުނެފައެއް ނެތެވެ.
އަޖައިބެކެވެ. އިހުގެ ފުރަމާލެ ނޫން މާލޭގެ ހުރިހާ ގޯއްޗަކީވެސް އެބުނާ ކަނޑެއް ހިއްކައިގެން ދީފައިވާ ގޯއްޗެވެ. ފުރަމާލެއާއި ހުޅުމާލެއާއި ގުޅީފަޅާއި ގިރާވަރުފަޅުންވެސް ދިންގޯއްޗެއް ދީފައި އޮތީ ހިއްކައިގެންނެވެ. ނުހިކިއޮތް 600 ގޯއްޗަށްވާ ބިން ބަޔަކު ހިއްކަން އުޅޭނަމަ ހިއްކާފާ ގޯތި ހަވާލު ކުރާނެތާ ކޮން ދުވަހެއް ހެއްޔެވެ. ހިއްކުނީމާ ހަވާލުކުރަން އެބުނާ ކަޑުގައި އޮތް 600 ގޯތި ބާއްވާފައި ބާކީ އޮތް އެހެން ހުރިހާ ގޯއްޗެއް އަވަހަށް ހަވާލުކޮށް ބަލާށެވެ. ނުކުރާނެކަން ގައިމެވެ.