ރާއްޖޭގެ މާލީ ވުޒާރާއަކީ ތެޔޮދޮންބެގެ ތެޔޮފިހާރައެއް ނޫން
ދެ ބިލިޔަނެއްގެ ތަފްސީލް ނެތްކަން އެގުނީ ވެރިކަމަށް އަހަރުވާ ހިސާބުން
ކުރީގެ ސަރުކާރުން ބަޖެޓުން ހަރަދު ކޮށްފައިވާ 2 ބިލިޔަން ރުފިޔާ ހަރަދު ކުރިގޮތް އެނގެންނެތް ކަމަށް ބުނެ ބޮޑު އޮޅުވާލުމެއް ސަރުކާރުން އޮޅުވާލުމަކުން ހައިރާނެއް ނުވެއެވެ. ކުރީގެ ވެރިކަމުގައި ބަޖެޓުން 2 ބިލިޔަން ރުފިޔާ ހަރަދުކުރިގޮތް އެނގެންނެތްކަން މި ސަރުކާރަށް އެނގުނީ އަދި ކިރިޔާއެވެ. ވެރިކަމަށް އަހަރުވާން އުޅެނިކޮށެވެ. އަދި އެކަން އެނގުނީ މާލީ ވަޒީރުކަމަށް މަސްދުވަސް ނުވާ އައު މާލީ ވަޒީރު މުސާ ޒަމީރަށެވެ.
އަޖައިބެއް ނުވާނެ ހެއްޔެވެ. ކުރީ ސަރުކާރުން ދައުލަތުގެ ހަރަދު ބަރަދުގެ ތަފްސީލް އާއްމުކޮށް ހާމަ ކުރަމުން ގެންދިޔައެވެ. ހިސާބު ކިތާބު ބަލަހައްޓާ މައުލޫމާތު ދޭންޖެހޭ ހުރިހާ ފަރާތަކަށް މައުލޫމާތު ދެމުން ގެންދިޔައެވެ. ބަޔަކަށް ކަމެއް އޮޅެގެނެއް އޭރަކު ނޫޅެއެވެ. ވާދަވެރިން ފާޑުކިޔަމުން ދިޔައީވެސް ހާމަކަން ބޮޑުކަމުންނެވެ.
މުއިއްޒު ވެރިކަމަށް އެރީއްސުރެ ދައުލަތުގެ ހަރަދު ބަރަދުގެ ތަފްސީލް ހާމަނުކޮށްގެން ނޫސްތަކުންނާއި ސިޔާސީ ވާދަވެރި ޕާޓީތަކުން ހުއްޓާނުލާ ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެއްވެސް ހަރަދު ބަރަދުގެ ތަފްސީލެއް ހާމަ ނުކުރާތާނގައި ހުލާސާއެއްވެސް ހާމަކޮށްނުލައެވެ. ހަރަދު ބަރަދު ހާމަނުކޮށް ތިބެފައި 49.3 ބިލިޔަންގެ ބަޖެޓެއް ހުސްކޮށްލުމަށްފަހު ސަޕްލިމެންޓްރީ ބަޖެޓެއް ފާސްކުރާ ހިސާބަށް ދިޔުމުން ފޯކަސް ބަދަލުކުރަން ކުރީ ސަރުކާރޭ ދެ ބިލިޔަނޭ ތަފްސީލެއްނެތޭ ކިޔަކަސް އަޑުއަހާނެ މީހަކުނެތެވެ.
ރައްޔިތުންނަށް ފައިދާހުރި އެއްކަމެއް ކޮށްނުދީ 49.3 ބިލިޔަން ރުފިޔާގެ ބަޖެޓެއް ކައި ހުސްކޮށްލިކަމުގެ ސަމާލުކަން ކަނޑުވާލަން ބޮޑުވެގެންވާ ދޮގެއް ހެދީތާއެވެ. މުސާރަވެރިންނާއި ކުލީ ގަލަންތަކާއި ބޮޓުންތައް ފަތުރާނެ ވާހަކައެއް އުފަންކުރުވީތާއެވެ.
އަޅެ ބުނެބަލާށެވެ. ކުރީ ސަރުކާރުން ހަރަދުކުރި ދެ ބިލިޔަނެއްގެ ތަފްސީލް ނެތްކަން އެގުނީ ވެރިކަމަށް އަހަރުވާން ކައިރިވީމާ ހެއްޔެވެ. އެހެން އެކަން އޮވެ މިހާދުވަސް ވީއިރު މޫސާ ޒަމީރުގެ ކުރިން ހުރި މާލީ ވަޒީރު އެ ވާހަކަ ނުދައްކާ ހުރީ އަޅެ! ކީއްވެފައި ހެއްޔެވެ. އެ ތަފްސީލް ނެތްނަމަ އޭނާވެސް އެވާހަކަ ދެއްކީހެވެ. މޫސާ ޒަމީރު މާލީ ވަޒީރުކަމާ ހަވާލުވީއިރު އެތަފްސީލްތައް ފެންނަންނެތީ ކުރިން މާލީ ވަޒީރު ކަމުގައި ހުރި ޝާފީގް އެތަފްސީލްތައް ނައްތާލީމާހެއްޔެވެ.
އާނއެކެވެ. މޫސާ ޒަމީރަށް ތަފްސީލް ނޭނގޭ 2 ބިލިޔަންގެ މައްސަލަ ވާނީ ރަނގަޅަށް ބަލާށެވެ. ރީތި ބަރަހަނާއަކުން މުއިއްޒު ސަރުކާރު ބަރަހަނާ ވާތަން އޭރުން ފެނިގެން ދާނެއެވެ.
ސަރުކާރުގެ ބަޖެޓުން ހިންގާ ގިނަ ޕްރޮޖެކްޓްތަކަކީ އެއް އަހަރުގެ ބަޖެޓުން ހަރަދުކޮށް ނިންމާ އެއްޗެއް ނޫން ކަމެއްވެސް މިހާރުގެ މާލީ ވަޒީރަށް އެނގެނީއެއް ނޫނެވެ. ގިނަ ޕްރޮޖެކްޓްތަކަށް ހިނގާ ހުރިހާ ހަރަދެއް އާއްމުކޮށް ހިންގަނީ ދެތިން އަހަރުގެ ބަޖެޓަށް ބަހަލައިގެން ކަމެއްވެސް ނޭނގެއެވެ. ބައެއް ޕްރޮޖެކްޓްތަކަށް ހިނގާ ހަރަދުން މިންވަރެއް ވަކިވަކި އަހަރުގެ ބަޖެޓްގައި ހިމެނިފައި ހުންނާތީ ހައިރާންވެގެން ކޮސްގޮވާނީ މާލީ ވަޒީރު މުސާ ޒަމީރަށް ބަޖެޓްގެ ކަންކަން ހިނގާ ގޮތްވެސް ރަނގަޅަށް ނޭނގޭތީއެވެ. ވާނީވެސް އެހެންތާއެވެ. ދިވެހި ރާއްޖޭގެ މާލީ ވުޒާރާއަކީ ތެޔޮ ދޮންބެގެ ތެޔޮ ފިހާރައެއް ނޫން ވިއްޔާއެވެ.