ސިޔާސީ ތަޖުރިބާގައި އަދުރޭ މުއިއްޒަށްވުރެ ސްމާޓްވާނެ!

މުއިއްޒުގެ ނަގޫ ފިތޭވަރު ރެދުތައް އަދުރޭއަށް ފެންނާނެ

ސިޔާސީ ތަޖުރިބާގައި އަދުރޭ މުއިއްޒަށްވުރެ ސްމާޓްވާނެ!

ދޫ އޮޅުނު ކަމަށް ހަދައިގެން ރައްޔިތުންނަށް ނުސިޔާނު މެސެޖު ދިނުމަކީ އަދުރޭގެ އާދައެކެވެ. ތަކުރާރުކޮށް އެތައް ފަހަރަކު ސިޔާސީ ހަގީގަތް އޮޅުވާލުމަށް އަދުރޭ ވަރަށް ބޮޑެތި ވާހަކަ ދައްކައެވެ. އެހިނދަކަށް ބޭނުންވާ ގޮތަކަށް މެސެޖު ދެއެވެ.

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދުނެތްކަން އެނގިހުރެ ޖެހި ހިސާބުން ހިސާބު ސޯކަން ހޯދުމަކީ ރައީސް ޔާމީނަށް އޮޅުވާލުމަށް ގަސްދުގައި ދެއްކެވި ވާހަކައެކެވެ. ރައީސް ޔާމީނު ޖަލުގައި އޮންނަވާތާ 100 ދުވަސްވެގެން ބޭއްވި އެއްވުމުގައި އެއްހާސް އަހަރު ޖަލުގައި އޮންނެވުމުގެ ހިތާމަ ފާޅުކުރާ ކަމަށް އަދުރޭ ބުނުމަކީވެސް ކުރި ރީތި މަލާމާތެކެވެ. ރައީސް ޔާމީނަށް ކުރި ހުކުމަކީ ހަރާން ހުކުމެކޭ ބުނެ އަދުރޭ އެ ހުކުން ހަރާންކުރީ އަދުރޭގެ ސިޔާސީ މަގުސަދު ހާސިލުކުރަން ރައީސް ޔާމީނުގެ ނަންފުޅު ބޭނުންކުރަން ހެދި އުކުޅަކަށެވެ. 

ރައީސް މުއިއްޒަކީ ކާކުކަންވެސް އަދުރޭ އައީ ބުނެދެމުންނެވެ. " ރައީސް ޔާމީނު ޖަލުގައި ބެހެއްޓެވީ ރައީސް މުއިއްޒު" ކަމަށް ޕީއެންސީ ހަރުގެ ޖަލްސާއެއްގައި އަދުރޭ ބުނީ އޮޅުމަކުން ނޫނެވެ. ރައީސް މިނިވަން ކުރުމަށް މުއިއްޒު އެއްވެސް ކަމެއް ނުކުރާކަން ވިސްނާ ބަޔަކަށް އެނގޭވަރަށް އަދުރޭ އެއޮތީ ބުނެދީފައެވެ. 

ރައީސް މުއިއްޒު އިންޑިއާ ޢައި ގާތްގުޅުން އުފައްދަމުން ގެންދާތީ އަދުރޭގެ ނުރުހުން އޮތްކަން އަދުރޭގެ ރިއެކްޝަނުން ވަރަށް ބޮޑަށް ސާފުވަމުން ދިޔައެވެ. މުއިއްޒުގެ ކުލީ ގަލަންތަކާ މުސާރަވެރިންނާއި ބޮޓުން މުޅި މީޑިއާގައި ފޮނުއެރުވިއިރު ރައީސް މުއިއްޒުގެ ޓްވީޓެއް ރީޓްވީޓް ކޮށްލުން ނޫން ކަމެއް މުއިއްޒުގެ ފުރަމާނަ އިންޑިއާ ދަތުރާ ގުޅިގެން އަދުރޭ ނުކުރާކަން ފާހަގަވެއެވެ. މުއިއްޒުގެ އެ ދަތުރާގުޅުވާ އަދުރޭ ބުނިހާވެސް އެއްޗަކީ ގައުމަށް ގެއްލުންހުރި ކަމެއް މުއިއްޒު ނުކުރާނެ ކަމަށެވެ. 

61 ބިލިޔަން ރުފިޔާ ބަޖެޓުން ތަޅާއަޅާލުމުން ރައްޔިތުން ކެކި އަރައިގަތުމުންވެސް އަދުރޭ މުއިއްޒަށް ކުރީ ރީތި މަލާމާތެވެ. ރައީސް މުއިއްޒު ރާއްޖެއަށް ގެނެސްދެނީ ނުފެންނަ އަތްނުލެވޭ ތަރައްގީއޭ ބުނެ ހަޖޫޖަހާ މަލާމާތް ކުރީއެވެ.

ދެތިން މަސްތެރޭގައި ޕީއެންސީގެ މެންބަރުންގެ އަދަދު ލައްކައަކަށް އަރުވާލީ ރައީސް މުއިއްޒުގެ ސިޔާސަތުގެ މޮޅުކަމުންނޭ އަދުރޭ ބުނިބުނުމަކީވެސް ތައުރީފެއް ނޫނެވެ. އަދުރޭ އެ ބުނެދިން ވާހަކައަކީ މީހުންގެ ޒާތީ މައުލޫމާތުން ވައްކަންކޮށްގެންވެސް ކުރަން ބޭނުން ކަމެއް ކުރުމަކީ މުއިއްޒުގެ ސިޔާސަތު ކަމަށެވެ. މުއިއްޒު ބޭނުން ވެއްޖެއްޔާ ކަމެއްކުރަން ހަމައެއް ލަމައެއް ނޯންނާނެކަން އަދުރޭއާށް ބުނެވޭނީ އެހާކަށް ވަރަށެވެ. 

އެހުރިހާ ކަމެއް އެހެން ހުރުމުން ވަށައިގެން މޫތަށް ކޮށާލާ އަދުރޭގެ ގަސް ވައްޓާލަންދެން ހިމޭނުން ހުންނަ ޒާތުގެ މީހަކަށް އަދުރޭ ނުވާނެއެވެ. ސިޔާސީ ތަޖުރިބާގައި އަދުރޭ މުއިއްޒަށްވުރެ ސްމާޓް ވާނެއެވެ. ރައްޔިތުންގެ މަޖިލީހުގެ ކޮންޓްރޯލް މުއިއްޒު އަތުގާ އޮތްކަމަށް ދައްކައިގެން މުއިއްޒު ކަނުބަދެފައި ބަހައްޓައިގެން މުއިއްޒުގެ ވަރަކޮށާލާކަށް އަދުރޭ ފަހަކަށް ނުދާނެއެވެ. މުއިއްޒުގެ ނަގޫ ފިތޭވަރު ރެދުތައް އަދުރޭއަށް ފެންނާނެއެވެ. ނޭނގެނީ ހޮނދުން އަބު ލުހެލާނެ އިރެކެވެ.