ފެންހިންދާ 2 ޕަންޕް ހޯދުމުގައި މުއިއްޒުގެ ދައުރެއްނެތް

ކޮންމެ ކަމެއްގައި ދޮގުހަދާ އޮޅުވާލަން އުޅުނު ވަރަކަށް މުއިއްޒު ސަރުކާރުވަނީ ބަރަހަނާއެވެ. މާލޭގައި ފެންބޮޑުވުން ކޮންޓްރޯލް ކުރުމަށް މާލެ ސިޓީކައުންސިލުން ގެނައި 2 ޕަންޕްގެ ކަންތައްވެސް ނިމިގެންދަނީ މުއިއްޒު ސަރުކާރު ބަރަހަނާވެގެންނެވެ. ކޮންސްޓްރަކްޝަން މިނިސްޓަރކަމާއި މާލޭ މޭޔަރުކަމާއި ރާއްޖޭގެ ރައީސް ކަމުގައި 11 އަހަރެއްހާ ދުވަހު މުއިއްޒު ހުރެ ނުވެއޮތް ކަމެއް މާލޭ މޭޔަރ އާދަމް އާޒިމް ކުރެއްވުމުން އެކަމުގެ ކްރެޑީތް ނަގަން މުއިއްޒު ސަރުކާރުން ވަރަށް މަސައްކަތް ކޮށްފިއެވެ.
ފެން ހިންދާ ދެ ޕަންޕް ގެނައުމުގެ މެޑެލް މުއިއްޒު މޭގާ ޖަހަން މުއިއްޒުގެ ބޮޓުންނާއި ކުލީ ގަލަންތައް ލައްވާ ލައްކަ މަސައްކަތް މުއިއްޒުކޮށްފިއެވެ. އެންމެފަހުން އެ ދެ ޕަންޕް ގެނައުމަކީ މުއިއްޒު ބުނެގެން ކުރިކަމެއްކަމަށް މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރ ނަރީޝް ލައްވާވެސް ބުނުވަތްޕެވެ. ރައްޔިތަކަށް ލުޔެއް ފައިދާއެއްވާ ކަމެއް ނުކުރެވޭތާ މީހުން ކުރާކަންކަމުގެ މޮޅުކާލަންވެސް މުއިއްޒު މިހުންނަނީ ހާދަވަރެކެވެ.
މާލޭގައި ފެން ބޮޑުވުން ކޮންޓްރޯލް ކުރުމަށް މާލެ ސިޓީން ގެނެސްގެން އުޅޭ ދެޕަންޕަކީ ފެން ގަނޑު ތެރޭގައި ހުންނަ ގަނޑު ކިސަޑާއި މަޑު ފެނާއެކު ދަމާދޭ ބާރުގަދަ ޕަންޕެކެވެ. މާލެ ސިޓީން ގެނެސްގެން އުޅެނީ މިނެޓަކު 11356.24 ލީޓަރުގެ ފެން ބޭރު ކުރެވޭ ވަރުގެ ގާބިލު ބިޔަ ދެ ޕަންޕެވެ. ރައްޔިތުންނަށް މާހެޔޮއެދޭ އަޅަލާ ކަންކަން ހައްލުކުރާ ސަރުކާރެއް ކަން ދައްކަން އެ ދެ ޕަމްޕުގެވެސް މިލްކުވެރިކަން މުއިއްޒު ނުނަގާ ހަމަނިދި ނިދޭ ކަމަކަށް ނުވެއެވެ.
ފައިނޭންސްގެ ދާއިރާއިން މަތީ ތަޢުލީމު އިނގިރޭސިވިލާތުން ހާސިލުކުރައްވާފައިވާ މޭޔަރު އާދަމް އާޒިމް އެދެ ޕަންޕް ހޯއްދެވުމުގައި އަމަލުކުރެއްވީ ވަރަށް ވިސްނުންތެރި ކަމާއެކުގައެވެ. ސީދާ ކައުންސިލުން އެ ތަކެތި ގަތުމަށް މޭޔަރ ބޭނުންފުޅެއް ނުވިއެވެ. ސިދާ ކައުންސިލުން އެކަންކޮށްފިނަމަ މުއިއްޒު ސަރުކާރާއި ޕީއެންސީން މޭޔަރ އާދަމް އާޒިމަށް ކޮރަޕްޝަންގެ އިނގިލި ދިއްކުރާނެތީ އެކަން ކުރެއްވީ ސަރުކާރުގެ އެސްއޯއީއެއް ކަމުގައިވާ އާރުޑީސީ މެދުވެރިކޮށެވެ. މާލިއްޔަތުގެ ގާނޫނާއި ޕްރޮކިއުމަންޓް އުސޫލުތަކާއެއް ގޮތަށެވެ.
2 ޕަމްޕަށް އޯޑަރު ދިނީ މާލެ ސިޓީ ކައުންސިލުންނެވެ. ކައުންސިލުން އެ މުޢާމަލާތް ފުރިހަމަކުރުވީ ސަރުކާރުގެ އެސްއޯއީއެއް ކަމުގައިވާ އާރޑީސީ މެދުވެރިކޮށެވެ. ދެ ޕަންޕްއަށް އަގުދެއްކީ އާރުޑީސީގެ ފައިސާއަކުން އަކުން ނޫނެވެ. ފައިސާ ދެއްކީ މާލެސިޓީ ކައުންސިލުންނެވެ.
ދެ ޕަންޕް ގަނެގެން ގެދެސްދޭނެ އަގެއް ކޯޓޭޝަނެއް ހޯދުމަށް މާލޭސިޓީ ކައުންސިލުން އާރުޑީސީގައި އެދުމުން އާރުޑީސީން ސިޓީ ކައުންސިލަށް ކޯޓޭޝަނެއް ދިނެވެ. އޭގެ ތެރޭގައި އެ ކުންފުނިން އެކަންކޮށްދިނުމަށް ނަގާނެ ފައިދާއާއި އެހެނިހެން ހުރިހާ ހަރަދުތައް ހިމެނިފައިވެއެވެ. އާރޑީސީގެ ކޯޓޭޝަން ވަޒަންކުރުމަށް ފަހު ކައުންސިލުން އާރުޑީސީއަށް ޕާރޗޭސް އޯޑަރެއް ދޫކުރިއެވެ.
އާރުޑީސީން ދެ ޕަންޕާ ގުޅިގެން ކުރިކަމަކީ އުފެއްދި ފަރާތުން އެ ތަކެތި ގަނެގެން ގެނެސް ބުނިއަގަށް 2 ޕަމްޕު ގެނެސް ކައުންސިލާ ހަވާލުކުރުމެވެ. ކައުންސިލަށް އެ ދެ ޕަންޕް ލިބުމުން ޕާރޗޭސް އޯޑަރަށް ފައިސާ ދެއްކާ މުޅި މުއާލާތް ފުރިހަމަ ކުރިއެވެ. އެހާ ސާފް ސީދާކޮށް ހިނގާދިޔަކަމެއްގައިވެސް މުއިއްޒު މެޑެލް ޖަހަން އުޅޭތީ މީހުން ކުރަނީ މަލާމާތެވެ.
މާލޭގައި ފެންބޮޑުވުން ހައްލުކުރުމަށް މޭޔަރ އާދަމް އާޒިމްގެ ދުރު ވިސްނުމާއެކު ސިޓީ ކައުންސިލަށް ގެނައި ފެން ހިންދާ ދެ ޕަންޕް މިހާރު އެދަނީ ޑިފެންސް މިނިސްޓްރީއާ ހަވާލުކުރުމުގެ ހުރިހަކަމެއް ނިންމަމުންނެވެ. ކުއްލި ހަލާތްތަކުގައި އެ ދެ ޕަންޕް އެންމެ ރަނގަޅަށް ބޭނުން ހިފޭނީ ޑިފެންސް މިނިސްޓްރީގެ ބޭލުމުގެ ދަށުގައި ހުރެގެންކަމަށް މާލެ ސިޓީ ކައުންސިލުން ގަބޫލުކުރެއެވެ.